ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފުން ކަމަށެވެ. އެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ. އަދި އެ ދުވަހުން ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވަނީ އަންގާފައެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެ މީހުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.