ބޮލީވުޑް

ތާހިރާ-އަޔުޝްމާންގެ ލޯބީގެ ދަތުރަށް 20 އަހަރު

އެކްޓަރު އަޔުޝްމާން ކުރާނާ އާއި އަންހެނުން ތާހިރާ ކަޝޭޕްއަކީ ބޮލީވުޑްގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެމަފިރިންނެވެ.

ދެ މީހުންގެ ލޯބީގެ ގުޅުމަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ތާހިރާ ޝެއާ ކުރި ވީޑިއޯއެއްގައި އެމީހުންގެ ލޯބީގެ ދަތުރުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

"ނަފުރަތުކުރާ މީހުން ބުނާނެ ތިއީ ގަބޫލު ކުރެވޭ ކަމެއް ނޫނޭ. އަހަރެން ވެސް ކުރިން ގަބޫލުކުރީ އެގޮތަށް. ނަމަވެސް މިހާރު ގަބޫލު ކުރެވޭ އަޔުޝްމާން ދެކެ އަދިވެސް ވަރަށް ލޯބިވާކަން،" ތާހިރާގެ ވީޑީއޯ މެސެޖުގައި ބުނެފައި ވެއެވެ.

ތާހިރާ ބުނި ގޮތުގައި އޭނާ އާއި އަޔުޝްމާންގެ ލޯބި ފެށުނީ 12 ވަނަ ކްލާހުގެ އެންމެ ފަހު އިމްތިހާނު ދުވަސްވަރު ކަމަށެވެ. ކުޑައިރުއްސުރެ ދެ މީހުން ލޯބިވެގެން އުޅެމުން ގޮސް ކައިވެނިކުރީ 2008 ގައެވެ. މިހާރު އެ ދެ މީހުންނަށް ވަނީ ލޯބި ލޯބި ދެ ދަރިން ވެސް ލިބިފަ އެވެ.

އެކްޓިންގެ ދުނިޔޭގައި އަޔުޝްމާން ފިޔަޖަހަމުންދާއިރު ތާހިރާ މަސައްކަތް ކުރަނީ ފަރުދާގެ ފުރަގަހުގަ އެވެ. އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އެހާމެ ކުޅަދާނަ ޑައިރެކްޓަރެކެވެ.

ކައިވެނިކުރުމުން އެކްޓަރުންގެ މަގްބޫލުކަން ގެއްލޭކަމަށް ބޮލީވުޑް ބައެއް ތަރިން ގަބޫލު ކުރި ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަން އަޔުޝްމާން ވަނީ ސާބިތު ކޮށްދީފަ އެވެ.

ތާހިރާ އާއި އަޔުޝްމާންގެ ޒަވާޖީ ހަޔާތަށް މިހާތަނަށް ކުރިމަތިވީ އެންމެ ބޮޑު އިމްތިހާނަކަށްވީ ތާހިރާއަށް ކެންސަރު ޖެހި އެ ބަލީގައި އޭނާއަށް ގިނަ ދުވަސްތަކަކު ވޭނުގައި އުޅެން ޖެހުމެވެ. ނަމަވެސް މިހާރު މުޅިން ބަލި ފަސޭހަވެ ތާހިރާ ވަނީ އާދައިގެ ދިރިއުޅުމެއ އުޅެން ފަށާފަ އެވެ.

ބެލުންތެރިން އެ އެކްޓަރެއް ބަލައިގަންނަނީ އޭނާއަކީ ސިންގަލް މީހަކަށް ވެގެން ނޫން ކަމާއި ބުރަ މަސައްކަތާއި ހުނަރުން ބެލުންތެރިންގެ ހިތް އަތުލެވޭނެ ކަން އަޔުޝްމާން ވަނީ ސާބިތުކޮށްދީފަ އެވެ.

އަޔުޝްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ އަމީތާބު ބައްޗަން އާއެކު ކުޅުނު "ގުލާބޯ ސިޓާބޯ" އެވެ. މި ފިލްމު ރިލީޒްކުރީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ އަހަރު އެވެ.

އަޔުޝްމާން ބޮލީވުޑަށް ތައާރަފްވީ ޝޫޖިތު ސިރްކާރްގެ "ވިކީ ޑޯނާ"އިން 2012 ގައެވެ. އޭގެ ފަހުން ފާހަގަކޮށްލެވޭ މޮޅު އަދި ރީތި ފިލްމުތަކެއް އޭނާ ވަނީ ކުޅެފަ އެވެ.

އަޔުޝްމާން ކުޅެނީ ކުޑަ ބަޖެޓު ފިލްމުތައް ނަމަވެސް އޭނާ ކުޅުނު ހުރިހާ ފިލްމަކަށް ހެން ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައި ވެއެވެ. އޭގެ ތެރޭގައި "ބަދާއީ ހޯ"، "ބާލާ"، "ޑްރީމް ގާލް"، "އާޓިކަލް 15"، "ދަމް ލަގާ ކޭ ހައިޝާ"، އަދި "ބަރޭލީ ކީ ބަރްފީ" ހިމެނެ އެވެ.

އަޔުޝްމާން 2018ގައި ކުޅުނު "އަންދާދުން" އިން ބެސްޓް އެކްޓަރުގެ ނެޝަނަލް އެވޯޑު ވެސް އޭނާއަށް ލިބިފައި ވެއެވެ.

އަޔުޝްމާން އާއި ތާހިރާއަށް މަރުހަބާ ކިޔާ ބޮލިވުޑް ބައެއް އެކްޓަރުން އެކި އެކި މެސެޖުތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައި ވެއެވެ.