ޓެކްނޯލޮޖީ

ގެލަކްސީ ނޯޓާ މެދު ސެމްސަންގް ދެފިކުރެއްގައި

ސެމްސަންގް ގެލަކްސީ ނޯޓަކީ އަހަރީ އަދި މޫސުމީ ފޯނެކެވެ. ގެލަކްސީ ނޯޓަށް ހިތްޖެހިފައި ތިބި މީހުންނަށް ފޯނު ބަދަލުކޮށްލަން އަހަރަކު އެއްފަހަރު ލިބޭ ފުރުސަތެކެވެ. ސެމްސަންގުން އެކަމަކު މިއަހަރު ބުނަނީ ތަފާތު ވާހަކައެކެވެ. ބާރުގަދަ ދެފޯނު – ގެލަކްސީ ނޯޓް އަދި ގެލަސްކްސީ އެސް – އެކުއެކީގައި މިފަހަރު ނެރެން ދަތިވާހަކަ އެވެ. މުޅިން ހުއްޓާލާ ވާހަކައެއް ނޫނެވެ.

ސެމްސަންގްއާ ހަވާލާދީ ފަތުރާފައި ހުންނަ ޚަބަރުތަކުން ދޭހަވަނީ ގެލަކްސީ ނޯޓް ނެރުމާ މެދު ވަކި ގޮތެއް ނިންމަން ދަތިވެގެން އުޅޭ ކަމެވެ. ނޯޓް މަރުކާގެ ފޯނެއް ކޮންމެ އަހަރަކު ނެރުމަށް ވުރެ ފައިދާ ބޮޑު އެހެން ގޮތެއް އޮތް ނަމަވެސް، ގެލަކްސީ ނޯޓަށް ލޯބިކުރާ މީހުން ހިތުގައިޖެހިދާނެތީ ހުއްޓާލަން ނުކެރިގެން އުޅޭ ކަމެވެ. އެކަމަކު، ވިދިގެން އޮންނަ ޖުމްލާގައި އޮންނަނީ "ފަހަރެއްގައި" ހުއްޓާލަފާނެ ކަމަށެވެ.

ހަގީގަތުގައި ގެލަކްސީ ނޯޓްގައި މިހާރު އާކަމެއް ނެތެވެ. ސްކްރީންގައި ކޮއްޓަށް ގެންގުޅޭ ދަނޑިކޮޅު – އެސްޕެން ފިޔަވައި، އެހެން ފޯނެއްގައި ނެތް ކަމެއް ނޯޓްގައި ނެތެވެ. އަނެއްކޮޅުން، ގެލަކްސީ މަރުކާގެ އެހެން ފޯނުތަކަށް އެސްޕެން ވާރުތަވެފައި ވާއިރު ނޯޓް ހުއްޓާލުމަކީ ވެސް ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ސެމްސަންގުން ނޯޓް ހުއްޓާލަން ބޭނުންވަނީ ވިޔަފާރި ފައިދާ އިތުރުކުރަން ކަމަށްވާ ނަމަ އަވަސްކުރަންވީ އެވެ.

ގެލަކްސީ ނޯޓް ހުއްޓާލަން އުޅޭ ވާހަކަ އިވުމުން ހިތަށް އެރީ ކޮވިޑްގެ ހާލަތުގައި ކުރަން ދަތި ކަމަކަށް ވާތީ ހުއްޓާލަނީ ކަމަށެވެ. މަޝްރަހުގައި މިކަމާ ގުޅިގެން ހުރި ވާހަކަތަކުގައި ސަބަބެއް ކަމަށް ބައެއް ފަހަރު ބުނަނީ ނޯޓް އުފައްދަން ބޭނުންވާ "ރޯމެޓީރިއަލް' ލިބުން ދަތީ ކަމަށެވެ. މައިކްރޮޗިޕްތައް އުފައްދަން ބޭނުންވާ ބާވައްތައް ލިބުން މުޅި ދުނިޔޭގައި ވެސް ތާށި ދުވަސްވަރަކަށް ވުމަކީ ވެސް ސަބަބެކެވެ.

ސެމްސަންގުން ގެލަކްސީ ނޯޓް ހުއްޓާލަން އުޅޭ ކަމަށް ބުނާ ހުރިހާ ޚަބަރެއް ކިޔާ ނިމޭއިރު އެންމެ ފަހަތު ޕެރެގްރާފްގައި ބުނެފައި އޮންނީ މިދެއްކުނީ ކަށަވަރު ވާހަކައެއް ނޫން ކަމަށެވެ. މިކަމުގައި ސެމްސަންގެ ރަސްމީ ބަހެއް ނެތް ކަމަށެވެ.

ސެމްސަންގުން ކޮންމެ ގޮތަކަށް އިޚްތިޔާރުކުރި ނަމަވެސް، ގެލަކްސީ ނޯޓް މަރުކާގެ ފޯނުތައް ހުއްޓާލުމަކުން ކުރާނެ ހިތާމައެއް ނެތެވެ. ބާރުގަދަ ފޯނުތައް މާކެޓްގައި ބައިވަރެވެ.