އިލެކްޝަންސް ކޮމިޝަން

8000 ފަރާތަކަށް އަލުން ރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު

އަންނަ އެޕްރީލް މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ރީ ރަޖިސްޓާ ވުމުގެ ފުރުސަތު ހަމަވެފައިވާއިރު އޭގެތެރެއިން 8000 މީހުން އަލުން ރީ ރަޖިސްޓާ ވުމަށް ހުޅުވައިލަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ރޭ ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ރަޖިސްޓްރޭޝަން ނިމުނުއިރު 8000 ފަރާތެއްގެ ވޯޓުގެ ސިއްރު ގެއްލޭފަދަ ގޮތަކަށް ރީރަޖިސްޓާ ކޮށްފައިވާ ކަމަށެވެ.

ރީ ރަޖިސްޓާ ވުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް މިސަބަބާ ހުރެ އެފަރާތްތަކަށް ރަޖިސްޓާ ކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓާ ވާން ބޭނުންނަމަ މި ހަފްތާ އެފުރުސަތު ހުޅުވައިލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރީ ރަޖިސްޓްރޭޝަނަށް ހުޅުވައިލި މުއްދަތުގައި 26،750 އަށްވުރެ ގިނަ ފޯމު ލިބުނު ކަމަށް އީސީ އިން ކުރިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި އިންތިހާބުގެ ރީ ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމުން 27،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވާ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.