ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓެންޒޭނިއާގެ ރައީސް ހާޓްއެޓޭކެއްގައި އަވަހާރަވެއްޖެ

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފޫލީ ހިތުގެއާލާސްކަންފުލެއްގައި އަވަހާރަވެއްޖެ އެވެ. ނައިބްރައީސް ސާމިއާ ސުލްހު ހަސަން ވިދާޅުވީ ރައީސް އަވަހާރަވީ "މަޔޯކާޑިއަލް އިންފާކްޝަން"، ހާޓްއެޓޭކެއް ޖެހިވަޑައިގެން ކަމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 61 އަހަރެވެ.

މަގުފޫލީގެ އާލާސްކަންފުޅު ބޮޑުވެ ފަރުވާދެއްވުމަށްޓަކައި ދާރުއްސަލާމްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެއްވީ މާޗް 6 ގަ އެވެ. އޭނާއަށް ފަރުވާދެއްވާފައި ވަނީ "އޭޓްރިއަލް ފިބްރިލޭޝަން" އަށެވެ. ބުނެވޭ ގޮތުގައި މަގުފޫލީ މިއާލާސްކަންފުޅުގައި އުޅުއްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ރައީސް މަގުފޫލީ އަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށް 14 ދުވަހަށް ހިތާމަފާޅުކުރަން ސަަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

މަގުފޫލީ އަވަހާރަވުމުގެ ދެތިން ހަފުތާ ކުރިން އޭނާއަށް ކޮވިޑްޖެހި ވަޑައިގެން ފަރުވާދެއްވި ވާހަކަ ވެސް ދެކެވުނެވެ. އެހެން ނަމަވެސް މިވާހަކަ ސަރުކާރުން ކަށަވަރުކޮށެއްނުދެ އެވެ.

ކޮވިޑްގެ ހާލަތުގައި މަގުފޫލީ ގެންގުޅުއްވީ އަމިއްލަ ވިސްނުންފުޅެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއަށް އެއްބާރުލުން ދެއްވުމުގައި ގެންގުޅުއްވީ އެހާ މަގުބޫލްނޫން ސިޔާސަތެކެވެ.

މަގުފޫލީގެ ޒައާމަތުގައި ޓެންޒޭނިއާ ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ. އިގްތިސޯދީ ގޮތުން ބާރުގަދަ ގައުމަކަށް ހެއްދެވުމަށް މަގުފޫލީ ކުރެއްވި މަސައްކަތްތަކުން ގައުމު އޮތީ ކާމިޔާބަށް މިސްރާބުޖަހާފަ އެވެ.

މަގުފޫލީ އަވަހާރަވުމުގެ ހިތާމައިގައި ގައުމުތަކުން ބައިވެރިވަމުން އަންނއިރު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ހިތާމައިގައި ބައިވެރިވެވަޑައިގެންފަ އެވެ. ވިދާޅުވީ އާއިލާއާއެކު ވެވަޑައިގަންނަވާ ކަމަށެވެ.

މަގުފޫލީ ވެރިކަމަށް ވަަޑައިގަތީ 2015 ގަ އެވެ. ފަސް އަހަރުގެ ދެވަނަ ޓާމަކަށް ހޮވިވަޑައިގަތީ އޮކްޓޯބަރު 2020 ގައި 84 ޕަސެންޓް ތާއީދާއެކު އެވެ. ޓާމްގެ ބާކީ އޮތް ބައި ފުރިހަމަކުރައްވާނީ ނައިބްރައީސް ސާމިއާ ސުލްހު ހަސަން އެވެ.