މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިންކޯގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތައާރަފުކޮށްފި އެވެ.
ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަންކުރެވުނު ސިފައިންނަށް މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. ލިިޔުން ހަވާލުކޮށްދެއްވީ މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދުއެވެ.
އެމްއެންޑީއެފްގެ މެރިންކޯގައި އަލަށް ތައާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި މި ފޯސްއަކީ އެމްއެންޑިއެފްގެ އައު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާގޮތަށް އެއްގަމާއި ކަނޑުގައި ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ހާއްސަ ބާރެކެވެ.
ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ އިލްމާއި ހުނަރު އުނގަންނައި ދެވިފައިވާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ އަސްކަރީ އަހުލާގުގެ މަތީގައި ސާބިތުވެ ތިބޭ މި ފޯސްގެ ސަބަބުން މެރިންކޯގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރު ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.