ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިއްޖެ

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ޑިރެކްޓަރު، ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ގެއަށް ބަދަލުކޮށްދިނުމަށް އާއިލާ އިން އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެކަމަށް އާއިލާއިން އެދުނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައި މިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާފަ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން ކުރީން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއްވާ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،"

އިމްރާން ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ދެން އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށެވެ.