ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް ހަގީގަތާއި ހިލާފް ޕްރޮޕަގެންޑާ ފަތުރާ ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް އެކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްވެރިން ރިޝްވަތުގައި ހިފި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވާ ކަމަށް ބުނާ ހަބަރެއް ބައެއް ނޫސްތަކުން ފެތުރުމާއި ގުޅިގެންނެވެ.
ޑިފެންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގުވައްޓާލާ އެ ބޭފުޅުންނަކީ ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފުވާ ބައެއްގެ ގޮތުގައި ދައްކާ ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލުތައް ބައެއް މީޑިއާތަކުން އަދި ސިޔާސީ ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށާ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް ހަގީގަތާއި ހިލާފް ޕްރޮޕަގެންޑާ ފަތުރާ ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް ބުންޏެވެ.
"ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ހިދުމަތުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ހިދުމަތްތަކެއް މި ގައުމާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންވާ ބޭފުޅުން ކަމުގައި ދަންނަވަން،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.