ސްރީލަންކާއަށް އެތެރެވާ މީހުން އަމަލު ކުރުން ލާޒިމް ކަރަންޓީން އުސޫލުތައް އަލުން އެކުލަވާލައި އާންމު ކޮށްފި އެވެ. ޑައިރެކްޓަރު ޖެނެރަލް ހެލްތު ސާވިސަސް، ޑރ. އަސޭލާ ގުނަވަރުދަނާ ސޮއި ކުރައްވައި ނެރުއްވި ސާކިއުލާގައި، ދަތުރުވެރިން ކޮވިޑްގެ ހާލަތުގައި ލަންކާއަށް އެތެރެވާން ހުއްދަ ދޭ މިންގަނޑުތަކެއް ވަނީ އެކުލަވާލައި ޝަރުތުކޮށްފަ އެވެ.
ކަރަންޓީން އުސޫލުތަކަށް ގެނައި ބަދަލުތަކުގައި ލަންކާ ރައްޔިތުން / ބިދޭސީން އަދި ޓޫރިސްޓުން ލަންކާއަށް އެތެރެވާ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ހުރީ ފަރަގުކޮށްފަ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު އަމަލު ކުރަން ވަކި ގޮތެއް އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވާނަމަ ވަކި ގޮތެއް ކަނޑައަޅާފައިވެ އެވެ. ވެކްސިން ނުޖަހާ މީހުންނަށް ވެސް ޚާއްސަ އިރުޝާދު ތަކެއްވެ އެވެ.
ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ހުރި ނަމަ ކަރަންޓީންވާން ޖެހެ އެވެ. އަދި ޕީސީއާރު ޓެސްޓް ހަދަންޖެހެ އެވެ. އެހެން ނަމަވެސް ނަތީޖާ ނެގެޓިވް ނަމަ ދޫކޮށްލެވެ އެވެ. އެއަށް ފަހު އެމީހަކު ދާން ބޭނުން ތަނަނަށް ދިއުމަށް ޚަރަދުކުރަން ޖެހެނީ އަމިއްލައަށެވެ. އަދި ކޮވިޑްގެ ހާލަތުގައި އުޅުމަށް ހެލްތު މިނިސްޓްރީން ލާޒިމް ކޮށްފައި ހުރި ގަވާއިދުތަކުގައި ދެމިހުންނަން ޖެހެ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ހުރި ނަމަ ވެސް ކަރަންޓީންވާން ޖެހެ އެވެ. މި މީހުންނަށް އޮތް ލުޔަކީ ފުރަތަމަ ދުވަހު ޕީސީއާރު ޓެސްޓް ހެދުމަށްފަހު ހަތްދުވަހު ވަކިތަނެއްގައި ކަރަންޓީންވުމަށް ފަހު އަލުން ޕީސީއާރު ޓެސްޓްހަދައި އަނެއް ހަތްދުވަހު ގޭގައި ކަރަންޓީންވުމަށް ފުރުސަތު ލިބުމެވެ.
ސަރުކާރުން ބަހަލައްޓާ މަރުކަޒެއްގައި ކަރަންޓީން ކުރަންޖެހިއްޖެ ނަމަ 10 ދުވަސްވަންދެން އެތަނެއްގައި މަޑުކުރަންޖެހެ އެވެ. ބާކީ ހަތަރު ދުވަސް ގޭގައި މަޑު ކުރަން ޖެހެ އެވެ.
ކޮވިޑް ވެކްސިންޖަހާފައި ވާނަމަ ވެކްސިން ކާޑުގެ އިނގިރޭސި ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ. ކަރަންޓީން ކުރަންޖެހިއްޖެ ނަމަ ލަންކާ ރައްޔިތުން ކަރަންޓީން ކުރެވެނީ ސަރުކާރުން ކަނޑައަޅާ މަރުކަޒުތަކެއްގަ އެވެ. އަދި ޓޫރިސްޓުން ސެޓިފިކެޓް އޮންނަ ޚާއްސަ ހޮޓާތަކެއްގަ އެވެ.
ލަންކާއަށް އެތެރެވާ ހުރިހާ އެންމެން ހަތްދުވަހަށް ފަހު ޕީސީއާރު ޓެސްޓްހަދަން ޖެހެ އެވެ. ޓެސްޓް ހަދަންޖެހޭނީ ހެލްތު މިނިސްޓްރީން ގަބޫލުކުރާ ސަރުކާރު / ޕްރައިވެޓް ލެބޯޓަރީއަކުންނެވެ.