(15 މާރިޗު 2021 އާ ގުޅޭ)
"އަހަރެން ވަކި ކީކޭ ބުނާނީ ދޯ؟" އިރުގަނޑަކު އެއްޗެއް ނުބުނެ ހިމޭނުން އިނުމަށްފަހު، ދާއިންގެ ދޫ ހަރަކާތް ކޮށްލިއެވެ.
"ކަޑަ ވާނެތަ ބްރޯ؟" ކޮފީތަށި ނަގަމުން ނާއިކު ބަލައިލީ ދާއިނަށެވެ. ޖަވާބުގައި ދާއިން ދެކޮނޑު ހިއްލައިލީ ނޭނގޭ ކަމަށް އިޝާރާތް ކުރަމުންނެވެ.
"ތިހެނެއް ނޫން. ދާއިން މިކަމަށް އެއްޗެއް ބުނަން ވާނެ!" ދާއިންގެ ފަރާތުން ލިބުނު ޖަވާބު ނާއިކަށް ކަމުނުދިޔައެވެ. ދާއިން ފުން ނޭވާއެއް ދޫކޮށްލަމުން، ނާއިކަށް ހަތަރު ކަޅި ހަމަކޮށްލީ އޭނާ ދެކޭގޮތް ޙިއްޞާ ކުރަން އަނގަ ހުޅުވައިލަމުންނެވެ.
"އަސްލު.. އާޝާ ވަރަށް ރަނގަޅެއްނު؟ ސަޅި ވައިފެއްނު؟ އަހަރެން ނުދެކެން އާޝާއަށް ދެރައެއް ދޭކަށް.." ދާއިން ވިސްނައިލީ އައިޝާއާ ދޭތެރޭގައެވެ.
"ބަލަ ދެރައެއް ދޭކަށް ނޫނޭ! ދެން ވިސްނާލާނީ ދޯ ޕީސްކޮށް މިކަން ނިންމަން. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުން މަލްއާ ކައިވެނި ކުރަން.." ނާއިކު ބޮމުންދިޔަ ކޮފީ ތަށި މޭޒުމަތީގައި ބައިދަމުން ބުންޏެވެ.
"އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނެތްތާ!"
"ދަނީ އިނގޭ ބްރޯ.." ދާއިން އެހެން ބުނެ ކޮޅަށް ތެދުވެލީ، އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ.
***
ދުވަސްތައް ފީވެ މާޒީގެ ތެރޭގައި ހިމުންވަމުންދިޔައެވެ. ވޭތުވެގެންދާ ކޮންމެ ދުވަހަކާއި ރެޔެއް އައިޝާ ގުނަމުން ދިޔައީ އެކަނިވެރި ކަމާއި ހިތާމަތައް ބަރުދާސްތު ކުރަމުންނެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުމުން މުޅިން މަޚުރޫމުވަމުންނެވެ. އައިޝާގެ އެންމެ ބޮޑު ވިސްނުމަކީ އޭނާގެ ދަރިފުޅު ދުންޔާއެވެ. ދުންޔާގެ އެ ކުޑަކުޑަ ސިކުނޑިން އެތައް ކަމެއް ނަގައިގަނެވޭނެކަން އެއީ އައިޝާއަށް ޔަޤީންވާ ކަމެކެވެ. ކޮޓަރި ތެރޭގައި ގިނަ ވަގުތުތަކެއް ހިމޭން ކަމާއި އެކު ދުންޔާ ހޭދަކުރާ އިރު، އެ ކުޑަ ފުރާނަ ވެސް އޭނާގެ ބައްޕަގެ ފަރާތުން ލިބޭ ލޯތްބަށް ޝަކުވާ ކުރާނޭ އައިޝާގެ ހިތް އަބަދު ބުނެއެވެ. އެކަމަށް ލިބޭ ބާރަކީ ދޭތެރެ އަކުން ދުންޔާ ކޮށްލާ ޝަކުވާތަކެވެ. ޑެޑީ ނުގުޅައިގެންނެވެ. ޑެޑީ ދުންޔާ މަތިން މިސް ނުވަނީހޭ ކިޔައިގެން ކުރިމަތި ކުރާ ސުވާލުތަކެވެ. އެއިން ކޮންމެ ސުވާލަކުން އައިޝާ މަސައްކަތް ކުރީ ކަމުގެ ޙަޤީޤަތް ފޮރުުވާށެވެ. ޑެޑީ ބިޒީ ކަމަށް ބުނެ ޝަކުވާތަކުގައި މަތި ޖެހޭތޯ އައިޝާ ބަލަނީއެވެ. ނަމަވެސް ދުންޔާގެ ޝަކުވާ ތަކުގެ ނިމުމަށް އެކަން ނުވިއެވެ. ޑެޑީ އެހާ ބިޒީ ވިޔަސް ދުންޔާއަށް ގުޅޭނެއް ނޫންހޭ ބުނެ ދޭތެރެއަކުން ކޮށްލާ ކޫސަނިތަކާ ވެސް އައިޝާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެންނެވެ.
***
ކޮންމެ ދުވަހެއްގެ އިރު ފެނުގައި ޖެހެނީ، ޖަންނަތުގެ ރުންކުރު ބަސްތައް ލަބީބުގެ ކަންފަތުގެ ހިނދުރިތެރެއަށް ވެދެ، ތޮރުފަމުންނެވެ. ޖަންނަތުގެ ޒުވާބުތައް ފަށަން ވަކި ވަގުތެއް ނޯވެއެވެ. ލައިބާގެ ކުރިމަތީގައި ވެސް ލަބީބު ހުންނަނީ "ފުކަކަށް" ހަދާފައެވެ. ރައްދުގައި ލަބީބު އެއްޗެއް ބުނެފި ނަމަ ކޮޓަރިތެރޭގައި އެފެށުނީ ބޮޑު ހަނގުރާމައެކެވެ. އަތުން ހިފާ ގެންގުޅޭ ތަކެތި ވެސް ލަބީބާ ދިމާލަށް ހޫރައިލާނެއެވެ. ޖަންނަތުގެ ގޮތެއް ނެތް އުޅުން އޭނާ ދައްކަމުން ދިޔައީ ލައިބާގެ ކުރިމަތީގައި އެއްވެސް ވިސްނުމެއް ނެތިއެވެ. ލަދެއް ވެސް ނެތިއެވެ. ލަބީބު ދޭތެރެއަކުން ރަނޑެއްހެން "ދަރިން ހުއްޓާ ޒުވާބު ނުކުރާށޭ!" ބުންޏަސް، ޖަންނަތު އެ ބަސްތަކަށް އަޅައެއް ނުލައެވެ. ހިތް ފުރޭ ވަރަށް ޒުވާބުކޮށް ނިންމައިލާފައި ނޫނީ ހަމަ ނޭވާ ވެސް ނުލާނެއެވެ. މަސްރަހު މާ ގޯސްވުމުން، އެ ދެމަފިރިންގެ ދެމެދަށް ވަންނަނީ ރަޝީދާއެވެ. ނަމަވެސް ރަޝީދާއަށް ވެސް ޖަންނަތުގެ ރުޅިގަނޑު ނުހިފެހެއްޓެއެވެ. އަމިއްލައަށް ކޮންމެވެސް ސަބަބެއް ހޯދައިގެން ވިޔަސް ޖަންނަތު ބަލަނީ ލަބީބާ އަރާރުން ވެވޭތޯއެވެ. ގޭތެރެ ހަމައަކަށް އެޅެން ދެން އައިޝާ އޮންނަނީ ކޮޓަރި ތަޅުލައިގެން ދުންޔާއަށް އެ އަޑުތަކާއި އެ މަންޒަރުތައް ނުދައްކާށެވެ.
***
ނާއިކު އާއި މަލާކުގެ ގުޅުމުގައި ލޯތްބާއި އިޝްޤު ގެތެމުން ދިޔައީ އެންމެ މަތީ ދަރަޖައިގައެވެ. އެމީހުންގެ ހަހަރުވެތި ދުނިޔޭގައި އެދެމީހުން އުޅެމުން ދިޔައީ ނުހަނު ލޯތްބާ އެކުގައެވެ. ދެފުރާނަ ގުޅި، ދެ ހަށިގަނޑުން އެއް ނޭވާއެއް ލަމުންނެވެ. ޙިއްޞާ ކުރަމުން ދިޔައީ އެއް އިޙްސާސެކެވެ. ނަމަވެސް ނާއިކުގެ ހިތުގައި މަލާކަށް ވެސް އުފެދުނު ލޯތްބަކީ "ޒަމާނީ ލޯތްބެކެވެ." މަލާކު ދެކެ ކިތަންމެ ލޯބި ވިޔަސް އެހެން އަންހެނުންނާ އެކު މަސްތީ އުފާތައް ހޯދުން ހުއްޓައިލުމަށް ނާއިކު ބޭނުމެއް ނުވެއެވެ. އެގޮތަށް އުޅުނަސް ނާއިކަކީ "ބަސްޓު" ވާނެ މީހެއް ނޫން ކަމުގެ ޔަޤީންކަން އޭނާގެ އޮންނަނީ މާ މަތީ ލެވަލް އެއްްގައެވެ.
*** 1 މަސް ފަހެވެ. ***
ހެނދުނުގެ ނާސްތާާއަށް އިންސާފު ކުރަން ދުންޔާއާ އެކުގައި އައިޝާ ކޮޓަރިން ނުކުތެވެ.
"އައްދޯއި.." ޖަންނަތުގެ ކޮޓަރީގެ ދޮރާއި ދިމާލުން ލަބީބުގެ އަޑު އިވުމުން، އައިޝާއަށް ވަގުތުން މޫނު އަނބުރައިލެވުނީ އެތަނަށެވެ.
"ނުވަންނާތި!" ލަބީބުގެ މޫނަށް އިނގިލި ދިއްކޮށްލަމުން، ޖަންނަތު އެހެން ބުނި މަންޒަރު އައިޝާއަށް ފެނުނެވެ. އައިޝާ ލަސްނުކޮށް ދުންޔާ ގޮވައިގެން މިސްރާބު ޖެހީ ކާގެއާ ދިމާލަށެވެ.
"މި ދޮރު ހުޅުވަބަލަ!" ލަބީބު ވަރަށް މަޑުން ކޮޓަރީގެ ދޮރުގައި ޖަހަން ފެށިއެވެ.
"ނުހުޅުވާނަމޭ. ނުހުޅުވާނަމޭ." ޖަންނަތުގެ އަޑު ވަރަށް ބާރެވެ. ލަބީބު ކަރު އެލުވައިލަމުން ހިނގައިގަތީ ކާގެއަށެވެ.
***
ނާއިކުގެ އަންނައުނުތައް ފޮށްޓައް އަޅަމުން ދިޔަ މަލާކުގެ ނަޒަރު ދޭތެރެއަކުން އެނދުގައި އިށީންދެގެން އިން ނާއިކަށް ދިޔައީ އަމާޒު ވަމުންނެވެ. ނާއިކު މާދަން ރާއްޖެ ދާތީ އެކަމާ މަލާކު އިނީ ވަރަށް ދެރެފަވެފައެވެ.
"މަލާކު.. އަހަރެންގެ ލޯބިވާ މަލް.. އަދިވެސް ދެރަވެފަތަ؟" މަލާކު އިސްޖަހާލި ވަގުތުގައި، ނާއިކު އެނދުން ތެދުވެގެން ގޮސް މަލާކުގެ ގާތުގައި އުޑަފައިން އިށީންނެވެ.
"ލަވް.. ބަލަ ދެރަ ނުވޭ! އަހަރެން އަބަދުވެސް މަލްއަށް އިންތިޒާރު ކުރާނަން. 3 މަސް ފަހުން މަލް ވެސް އަންނާނެއްނު؟ ސޯ ޑޯން ބީ ސޭޑް އޯކޭ. ސްމައިލް.." ނާއިކުގެ އިނގިލި ތަކުން މަލާކުގެ ތުންފަތުގައި ހިނިތުންވުމެއް ކުރަހައިލި ފަދައެވެ.
"އަހަރެން ވަރަށް މިސް ވާނެ. އައި ލަވް ޔޫ!" ނާއިކުގެ ގައިގައި އޮޅުލައިގަންނަމުން، މަލާކު އެހެން ބުނެލީ ވަރަށް ލޯބިންނެވެ.
***
"އާދޭ ސައިބޯން." ލަބީބު ފެނުމާއި އެކު އައިޝާ ވަރަށް އަވަސްކޮށް ލަބީބަށް ސައި ތައްޔާރުކޮށްލިއެވެ. އައިޝާގެ ގެވެހި ކަމާއި، އަންބެއްގެ ކޮލިޓީ އަކީ ލަބީބު އަބަދުވެސް ޖަންނަތުގެ ފަރާތުން ފެނުން އެދި ދުޢާ ކުރާ ސިފަތަކެވެ. އައިޝާގެ އެހީތެރިކަން ލަބީބަށް ގޭތެރެއިން މެދު ނުކެނޑި ލިބެއެވެ. ލަބީބު އެތައް ދުވަހަކު އަމިއްލައަށް އިސްތިރި ކުރަން ހުންނަ އިރު، އައިޝާ އެކަން ވެސް ކޮށްދެއެވެ. ލަބީބަށް ކޮފީ ހަދައިދީ، ލަބީބު ބަނޑުހައި ވެފައި ހުންނަ އިރު ކާން ހަދައިދެނީ ވެސް ގިނަ ފަހަރު އައިޝާއަށް ފެނިގެންނެވެ.
"ދަރިފުޅާ! ދަރިފުޅުގެ ފޯނު އެބަ ރިންގުވޭ.." ކާގެއަށް ވަތް ގޮތަށް ރަޝީދާ ބުނެލިއެވެ. އައިޝާ ވަރަށް އަވަސްކޮށް އަތް ދޮވެލައިގެން ގޮސް އޭނާގެ ކޮޓަރީގައި އޮތް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ ނާއިކެވެ. އެތައް ދުވަހަކަށްފަހު، ނާއިކު އިސްވެ ގުޅުމުން ހައިރާންވެ ހުރެ އައިޝާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ." އައިޝާގެ އަޑު އިވުމާ އެކު ނާއިކު ހިނިތުންވެލިއެވެ.
"އާޝާ. އަހަރެން މާލެ ދާން މިއުޅެނީ. މާދަން." ނާއިކު ހިނިތުންވެ ހުރެ ބުނެލިއެވެ. އައިޝާ ވަގުތުކޮޅަކު ހުއްޓުން އެރިއެވެ. އައިޝާ ވާންވީ އުފާ ކަމެއް، ނޫނީ ދެރަ ކަމެއް އޭނާއަށް ނޭނގުނު ކަހަލައެވެ.
"އެ.. އެހެންތަ؟" އައިޝާގެ އަޑުގައި ވަނީ އާގަންނަ ގޮތެކެވެ.
"ޔާ.. އާދޭ މާލެ! ދެން ބާއްވަނީ އިނގޭ!" އައިޝާ އިތުރަށް އެއްޗެއް ބުނަން ވަގުތުކޮޅެއް ނުދީ ނާއިކު ފޯނު ކަނޑައިލިއެވެ. ވަގުތުކޮޅަކު ކަންފަތުން ފޯނު ތިރިނުކޮށް ހުރި އައިޝާއަށް ރޭކައިލީ އޭނާގެ ދަތްދޮޅިން ވެއްޓިގެން ދިޔަ ކަރުނަތިކި ފެނުމާ އެކުގައެވެ. ވަރަށް އަވަސްކޮށް އައިޝާ ފާޚާނާއަށް ވަނީ ފޯނު އެނދު މައްޗަށް އެއްލާލަމުންނެވެ. އައިޝާ ބޭނުންވީ ހިތް ފުރޭ ވަރަށް ރޯލާށެވެ. އައިޝާގެ ދިރިއުޅުމާ މެދު އޭނާ ވިސްނާވިސްނާ ހަލާކުވާން ގާާތްވެފައިވާ އިރު ކުޑަ މިނުން ހާލު ވެސް ނާއިކު ބަލައިނުލުމުން، އައިޝާއަށް ލިބުނު ހިތާމަ ވީ ބޮޑެވެ.
ދުވާލުގެ އަލިކަން ފިލައިގެން ގޮސް ރޭގަނޑުގެ އަނދިރިކަމަށް ދުނިޔެ ޖާގަދީފިއެވެ. އައިޝާ ތައްޔާރު ވަމުން ދިޔައީ މާލެ ދިޔުމަށެވެ. ދުންޔާ ހުރީ ބައްޕަ ގާތަށް ދެވޭތީ ވަރަށް އުފާވެފައެވެ. ދުންޔާގެ އަނގައިން ބައްޕަ ނޫން އިތުރު ލަފުޒެއް މިރޭ ބޭރެއް ނުކުރެއެވެ. ބައްޕައާ އެކު ކުރަން އެތައް ކަމެއް އަމިއްލައަށް ދިޔައީ ރާވަމުންނެވެ. ރަޝީދާ ނުހަނު ދެރަވެފައި އިނީ އެތައް ދުވަކަށްފަހު، އައިޝާއާ ވަކިވާން ޖެހޭތީއެވެ.
"މަންމައަށް ކަމެއް ސިއްރު ނުކުރާތި! އެއްވެސް ކަމެއް ގޯހުން ދަނީ ނަމަ، މަންމައަށް ވަގުތުން ޚަބަރު ދޭތި! ދަރިފުޅުގެ ދިރިއުޅުމަކީ އެއްޗެއްގެ ތެރޭގަ ތާށިވެފަ އޮތް އެއްޗަކަށް ނުހަދާތި!" ރަޝީދާ ދެރަވެފައި އިނދެގެން ވެސް ހުއްޓައިނުލައި ދިޔައީ އައިޝާއަށް ނަޞޭހަތްތެރި ވަމުންނެވެ.
"އާނ މަންމާ! މަންމަ އެއްވެސް ކަމަކާ ނުވިސްނާ! ބަރާބަރަށް ބޭސް ކާތި! އަހަރެން ގުޅާނަން މާލެ ގޮސްފަ." އައިޝާ ފިރުމަައިލީ ރަޝީދާގެ ބޮލުގައެވެ.
"މަންމަ ދާނަމޭ ދަރިފުޅު ފުރުވަން.." ރަޝީދާ ބަލަން އިނީ ސީދާ އައިޝާގެ މޫނަށެވެ.
"އެހެންވިއްޔާ ގޮސް ނިދާލާ! ފަތިސް ނަމާދަށްފަހު ފެރީ ފުރާނެ." އައިޝާގެ އެދުމަށް ރަޝީދާ ކޮޓަރިން ނުކުތީ ނިދަން ދިޔުމަށެވެ.
***
ފަތިހު 0530ވަނީއެވެ. އައިޝާގެ ގާތުގައި ދުންޔާ ހުރީ އައިޝާގެ އަތުގައި ހިފައިލައިގެންނެވެ. އައިޝާގެ ކަނާއަތް ފަރާތުގައި ރަޝީދާ ހުރި އިރު، ރަޝިދާގެ މޫނުމަތިން ފެންނަނީ ދެރަވެފައި ހުރި ކަމުގެ ނިޝާންތަކެވެ.
"މަންމާ! ހިތް ހެޔޮ ކުރައްޗޭ! ވަރަށް ލޯބިވޭ.." އައިޝާ ވަރަށް ލޯބިން އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ.
"މަންމަ މާ ލޯބިވޭ. މާމަގެ ދޫނި ބަސް އަހައްޗޭ." އައިޝާގެ ކޮނޑުގައި ފިރުމައިލަމުން، ރަޝީދާ ބަލައިލީ ދުންޔާއަށެވެ. އަދި ދުންޔާގެ ކޮލަށް ވަރަށް ލޯބިން ބޮސް ދިނެވެ. އައިޝާ އާއި ދުންޔާ ފަސް އެނބުރި ލޯންޗާ ދިމާލަށް މިސްރާބު ޖެހި ވަގުތަކީ ރަޝީދާގެ ހިތަށް އާދަޔާ ޚިލާފަށް ފުން އަސަރެއް ކުރުވި ވަގުތެކެވެ. ލޯންޗަށް އަރާ އައިޝާ އާއި ދުންޔާ އެމީހުންގެ އަތުން ހަނާ އަޅަމުން ދިޔައީ ރަޝީދާއަށް ބަލަމުންނެވެ. ރަޝީދާ ވެސް ހިތް ފަޅައިގެންދާ ހާލުގައި އޭނާގެ އަތް ހޫރައިލީ އޭނާގެ ދަރިފުޅާއި މާމަ ދަރިއަށް ވަދާއީ ސަލާމެއްގެ ގޮތުގައެެވެ. ލޯންޗު ނެރުން ބޭރުވަންދެން ރަޝީދާ ހުރީ ފެންކަޅި ވެފައި ލޯންޗަށް ބަލާށެވެ. އެޔަށްފަހު، ރަޝީދާ މޫނު އަނބުރައިލީ ރަށުގެ އެއްގަމާ ދިމާލަށެވެ. އަދި ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ރަޝީދާގެ ދެލޮލުގެ ތެރެއިން ކަރުނައިގެ ތިކިތައް ފުރި ބަންޑުން ވެގެން ދިޔައެވެ. (ނުނިމޭ)