އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އޮކްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރި ކަމަށް "ޔޫރަޕިއަން މެޑިސީން އޭޖެންސީ" (އީއެމްއޭ) ކަނޑައަޅައިފި ކަމަށާއި މިއަދު ވެކްސިންޖައްސަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިންޖަހަން ވަޑައިގަންނަވާނީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންދޭ ސެންޓަރަކަށް ކަމަށެވެ.
އޮކްފޯޑް-އެސްޓްރަޒެނެކާ ވެކްސިންޖެހުން ޔޫރަޕް ގައުމުތަކުން މިދޭތެރެއިން މެޑުކަނޑާލި އެވެ. އެއީ ވެކްސިންގައި ސައިޑްއިފެކްޓް، ވެކްސިންޖެހުމުން މެދުވެރިވާ ނޭދެވޭ ހާލާތްތައް ގިނަ ކަމަށް އަދި ޚާއްސަކޮށް ލޭގަނޑުވާ މައްސަލަ ދިމާވާ ކަމަށް ބުނެވޭތީ ސައިންސްވެރިން ލައްވައި އެކަން ބެލުމަށެވެ. ޔޫރަޕިއަން މެޑިސީން އޭޖެންސީ މިހާރު ބުނަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރި ކަމަށާއި ކުރިއަށް ގެންދަންވީ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ހަމައެހެން ވެކްސިންތައް ފަދައިން ރައްކާތެރި ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް ފައިޒާ-ބަޔޮންޓެކް ފަދައިން ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ ޖައްސަވާނީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ.
"މައްސަލައަކީ ކޮވިޑްޖެހުން. ވެކްސިންޖެހުން މުހިންމުވާ ސަބަބަކީ މިއީ،" ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެކްސިންޖެހުމުން ކޮވިޑްގެ ހާލަތެއް މެދުވެރިވި ނަމަވެސް ބޮޑުވަރުވުން ދުރު ކަމަށާއި ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވެވޭ ކަމަށެވެ.
ބޮރިސް ޖޯންސަން ވިދާޅުވީ އިންގިރޭސިވިލާތުގައި ބޮޑު އާބާދީއަކަށް ވެކްސިންދެވިއްޖެ ކަމަށާއި މިހާރު ކުރިއަށްދާ ދުވެލީގައި ވެސް ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ސީރަމް އިންސްޓިއުޓުން ޝިޕްމަންޓް ލިބުމުން ވެސް ދުވެލި ބާރުވާނެ ކަމަށެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އަބަދު ވެސް ބުނަނީ ވެކްސިންގައި ބޮޑު މައްސަލައެއް ނެތް ކަމަށާއި ހުއްޓާލުމުން ލަސްވުންނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ވެކްސިންޖެހުމުން މަދު މީހަކަށް ގޮތެއްވި ނަމަވެސް ގިނަބަޔަކަށް ރަނގަޅު ކަމަށެވެ.
ޔޫރަޕިއަން މެޑިސީން އޭޖެންސީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ތަހުލީލުކުރުމަށް ފަހު ބުނީ ލޭގަނޑުވުމާ ގުޅުމެއް ނެތް ކަމަށާއި ވިސްނަންޖެހޭ ވަރު ގޯހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ވެސް ސައިންސްވެރިން ލައްވައި ވަރަށް ފުނަށް ފީނާނެ ކަމަށެވެ.