ލައިފްސްޓައިލް

މިއީ ލިއަނާޑޯ ޑިކެޕްރިއޯގެ ކުރީގެ ފޮޓޯއެއް ނޫން!

Nov 2, 2015

މިއީ 1997 ވަނަ އަހަރު ނެރުނު ފިލްމު "ޓައިޓޭނިކް" އިން އަންހެން ކުދިންގެ ހިތްތައް ފަތަހަކޮށް ސުޕަސްޓާރަކަށް ބަދަލުވި އެމެރިކާގެ އެކްޓަރު ލިއަނާޑޯ ޑިކެޕްރިއޯ އަށް 22 އަހަރުގައި ނަގާފައިވާ ފޮޓޯތަކެއް ނޫނެވެ.

މިއީ ސްވިޑެން އަށް އުފަން 21 އަހަރުގެ ޒުވާނެކެވެ. އޭނާ އެކްޓަރެއް އަދި މޮޑެލްއެއް ވެސް ނޫނެވެ. ބާޓެންޑާއެކެވެ.

ނަމަވެސް އޭނާ މި ވަނީ "ލިއަނާޑޯ ޑިކެޕްރިއޯ" އެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފަ އެވެ. އަމިއްލަ އަށް މޮޑެލްކޮށް އިންސްޓަގްރާމްގައި ޝާއިއުކުރަމުންދާ ފޮޓޯތަކުން ފެންނަ މި ޒުވާނާ ހޮލީވުޑްގެ ސުޕަސްޓާ ލިއަނާޑޯ ޑިކެޕްރިއޯއާ އާދަޔާހިލާފަށް ވައްތަރުވީމަ އެވެ.

އޭނާގެ އިންސްޓަގްރާމަށް 150،000 އަށް ވުރެ ގިނަ ފޮލޯވަރުން މިހާރު ލިބިފައިވާއިރު މި ފޮޓޯތަކުން ފެންނަ ޒުވާނާ އާއި ޑިކެޕްރިއޯ ވަކިކުރަން އުނދަގޫވާ މިންވަރަށް އެއްވައްތަރު ކަމެވެ. މި ޒުވާނާގެ ނަމަކީ ކޮންރަޑް އެނާރުޑް އެވެ.

އޭނާ އަދި ފޮޓޯނަގައި ޝާއިއުކުރަމުން ދަނީ ވެސް ލިއަނާޑޯ ޑިކެޕްރިއޯ އެންމެ މަޝްހޫރުވި 90ގެ ސްޓައިލްތަކުގަ އެވެ. ލިއަނާޑޯގެ ހާއްސަ "ޕޯޒް" ތަކުގަ އެވެ.

މި ފޮޓޯތައް ބަލައި ހައިރާންވެފައި ތިބި މީހުން ބުނަނީ މިއީ ލިއަނާޑޯ ޑިކެޕްރިއޯގެ ޒުވާން ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި މި ފޮޓޯތަކުން ފެންނަ ޒުވާނާ މިހާރުގެ ލިއަނާޑޯ އަށް ވުރެ ލިއަނާޑޯއާ މާ ވައްތަރު ކަމަށެވެ.