އަބްދުﷲ ޖާބިރު

އަޑުއަހަންވީ ޖާބިރުގެ މި ވާހަކަތައް

Mar 20, 2021
9

ކާށިދޫ ދާއިރާގެ މެންބަރު އަދި ޔޮޓް ޓްއާސްގެ ޗެއާމަން އަބްދުﷲ ޖާބިރަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލައްވާ އެކަންކަން ބަލި ކުރައްވާ ކާމިޔާބު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެކަމުގެ އެންމެ ސާފު ހެއްކަކީ މިހާރު އޭނާ ފުރުއްވާ ކާށިދޫ ދާއިރާގެ ގޮނޑި ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. މުޅި ރާއްޖެއާހެން ހަނގުރާމަ ކުރައްވާ ކާށިދޫ ދާއިރާގެ މެންބަރަކަށް އިންތިހާބުވެވަޑައިގެންނެވީ އެ ގޮނޑި މި ދައުރުގައި ފުރުއްވާނީ އޭނާކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ވާހަކައެއް ނޫނެވެ. ޖާބިރަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. އޭނާގެ ދުލުގެ ފަސޭހަ ކަމާއެކު މަޖިލީހާއި ޓީވީ އަދި ރޭޑިއޯ ޝޯތަކުގައި ދައްކަވާ ވާހަކަތަކަށް އެންމެންގެ ޝައުގުވެރިކަން ހުއްޓެވެ. ނަމަވެސް ބައެއް މީހުން އެ ވާހަކަތައް އަޑުއަހާލަނީ މޮޅު ވާހަކައެއް އަޑުއަހާލުމުގެ ޝައުގުވެރި ކަމުގައެވެ. އަނެއް ބަޔަކު ޖާބިރުގެ ވާހަކަތަކަށް ހުއްޓެނީ އެ ވާހަކަތަކުގައި ހުންނަ ސަމާސާއިން ހީނލާ އުފާވެރިކަން ހޯދާށެވެ.

ނަމަވެސް ޖާބިރުގެ ބައެއް ވާހަކަފުޅުތަކަކީ މިއަށްވުރެ މާފުންކޮށް ވިސްނާލަން މުހިންމު ވާހަކަތަކެކެވެ. ޒުވާނުންނަށް މުހިންމު މެސެޖްތަކެއް ލިބޭނެ ވާހަކަތަކަކަށް ބައެއް ވާހަކަތައް ވެއެވެ. އޭނާގެ ކުޑައިރުގެ ދިރިއުޅުއްވުމާއި ކުރިމަތިވެވަޑައިގެންނެވި ގިނަ ބޮޑެތި ގޮންޖެހުންތަކާއި އަދި މިއަދު އެ ހުންނެވި ހިސާބަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރަކީ ޝައުގުވެރި ވާހަކަތަކެކެވެ. އަދި މިއަދުގެ ހަގީގީ ހާލަތާއި ގުޅޭގޮތުން ޖާބިރު އެ ދައްކަވާ ވާހަކަތަކަކީ މިހުރިހާ ކަމަކަށްވުރެ މާ މުހިންމުކަން ބޮޑު ވާހަކަތަކެކެވެ. ޖާބިރުގެ ކިބައިން ދިވެހިން އަހަންވީ އެ ވާހަކަތަކެވެ.

އެމްވީޕްލަސް އަށް ޖާބިރު ދާދި ފަހުން ދެއްވި އިންޓަވިއަކީ އެފަދަ އިންޓަވިއުއެކެވެ. ޖާބިރުގެ އެ އިންޓަވިއު އޭނާ ނިންވާލައްވަނީ އޭނާ ދެއްކެވި ވާހަކަތައް ޒުވާނުން ކޮންމެހެންވެސް އަޑުއަަހަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. ބައެއް ފަހަރު ވަރަށް ޖޯޝާ ފޯރީގައި ދައްކަވާ ސިޔާސީ ބައެއް ވާހަކަތައް ދޫކޮށް އަޑުއަހަންވީ ޖާބިރުގެ މި ވާހަކަތަކެވެ. ފައިދާއެއް ކުރާނެ އެވެ. ނޫންނަމަ ހަގީގަތާމެދު ވިސްނާލަން ކޮންމެވެސް ވަގުތުކޮޅެއް ލިބޭނެ އެވެ.

ފުރަތަމަ ޖާބިރު ވިދާޅުވެ ދެއްވަނީ އޭނާ އުހަށް ވަޑައިގެންފައިވާ ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވެންނެވި ގޮތެވެ. ކުޑަ ސިޓީ ނުހެއްދިގެން މާލޭ ފަޅުގައި އެތަށް ދުވަހަކު ރަށު އޮޑީގައި އޮންނެވުމަށް ފަހު މާލެއަށް ފޭބުމުގެ ފުރުސަތު ލިބިވަޑައިގެން މާލޭގައި އުޅުއްވީ ގެއެއްގައި "ނޯކިރީ" ކުރައްވާށެވެ. ބައެއް ފަހަރަށް އެއީ ޑެލިވަރީ ބޯއީ އެކެވެ. ބައެއް ވަގުތު މަގުމަތީ އުޅުއްވަނީ "ލޮލީ" ވިއްކާށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މަންމައަށް ގާތްގާތުގައި ބޭފުޅުން ލިބިވަޑައިގަންނަވަމުން ގެންދެވި އެވެ. އާއިލާއަށް ހަރަދު ކުރާނެ މީހަކަށް ބޭނުންވެ ވަޒީފާއަށް ނިކުމެ އާމްދަނީ ހޯދަން ޖެހޭ އާއިލާގެ އިސް މީހަކަށް ހުންނެވީ އޭނާ އެވެ. އެހެންވީމަ ވަރަށް ޅަ އުމުރެއްގައި ވަޒީފާއެއް އަދާކުރައްވަން ޖެހިވަޑައިގަތެވެ. ހިތްވަރާއެކު ފެށި ދަތުރުން ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ފުރަތަމަ ވެންނެވީ ސްވެނިއާ ވިއްކާ މީހެއްގެ ގޮތުގައެވެ. ދެން ރިސޯޓެއްގެ ކުނިކަހާ މީހެއްގެ ވަޒީފާއެވެ. އެންމެ ޓޮޕަށްވެސް ވަޑައިގެންނެވިއެވެ. މިއަދު އެއީ ރިސޯޓް އޯނަރެކެވެ. އަދި ރިސޯޓް ތަރައްގީކޮށް ވިއްކަވާ ބޭފުޅެކެވެ.

"މާލެ އައިސް އުޅުނުއިރު ޓޫރިޒަމަށް ވަންނަން އިންޓްރަސްޓް ނެގީ. އެގޮތުން ޓެސްޓް ފިހާރަތަކުގައި އުޅުމާއި ރިސޯޓްތަކުގައިވެސް އުޅުމާއި އެއީ ކުނިކަހާ ވަޒީފާތަކުން ފެށިގެން ގޮސް ޓްރެއިން ލެވެލްގައި އުޅުނީ. އެއީ އެވަގުތު އާމްދަނީއެއް ލިބެން އޮތް ގޮތަކީ އެއީ ކަމުގައިވާތީ. އެހެން ގޮސް އެކިއެކި ކުދިކުދި ވިޔަފާރިތައް ކުރަމުން ކުރަމުން ގޮސް... އެންދެރި އޮއްފަތިވެސް ވިއްކަނީ، ބޮލިވެސް ވިއްކަނީ، ދޯނި ފަހަރު ކަހަލަ ސްވެނިއާ އައިޓަމްސް ވިއްކަނީ. ދެން އޭގެން ކޮންމެވެސް އާމްދަނީއެއް ހޯދަމުން ރިސޯޓް ވަޒީފާއަށް ގޮސް އެންމެ މަތީ މަގާމާ ހަމައަށްވެސް ދެވުނު. މިހާރު މިއީ ރިސޯޓް އޯނަރެއް. ރިސޯޓް ޑިވެލޮޕްކޮށް ވިއްކަނީ،" ޖާބިރު ވިދާޅުވިއެވެ.

އަލިދޫ އާއި ވަޓަވައްރިހާގެ އިތުރުން ދޮންވެލި ރިސޯޓާއި ރިބޮންސަން ރިސޯޓް ވުޖޫދަށް ގެންނެވީ ޖާބިރެވެ.

"ސެލްފް މޭޑް މީހެއްގެ ގޮތުގައި މިހިސާބަށް އާދެވުނީ ނިކަން ހިތްވަރު ކޮށްގެން،"

އިންޓަވިއުގައި ޖާބިރުގެ އެންމެ ޝައުގުވެރި ވާހަކަތައް އައީ އޭގެ ފަހުންނެވެ. ޖާބިރު އެ ވިދާޅުވެ ދެއްވީ އާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެއީ އެންމެންގެ ލޮލަށް ފެންނަ ނަމަވެސް ސިކުޑިއާ ހަމައަށް ގެނެސް ވިސްނާނުލެވި އޮތް ކަންތައްތަކެއްގެ ވާހަކައެވެ. ޒުވާނުން މި ވާހަކަ އަޑު އަހަން ޖެހެނީ އެހެން ވެގެނެވެ. ޔަގީނުންވެސް އޭރުން ކުރިމަތީ މަންޒަރުވާ ހަގީގަތްތަކާމެދު ވިސްނާލަން ހިސާބަކަށް ފުރުސަތު ލިބޭނެއެވެ.

"ފުރަތަމަ ކަމަކީ ހެނދުނު ހޭލުން. ފަތިސް ނަމާދަށް ހޭލުން. ދެވަނަ ކަމަކީ ކޮފީ ބޮއެ ނިމުނީމަ ހުއްޓާލުން. އަޗާ ތަޅަން ނުތިބެ ހިތްވަރު ކުރުން، ރިސްކު ނެގުން. ހިސާބު ޖަހައިގެން ކަންތައް ކުރުން. މަސައްކަތް ކުރުން. ސިންގަޕޫރު މީހުން ކަންކުރާ ސްޓައިލަށް ކަންކުރުން. މަސައްކަތް ކުރަންވީ. މަސައްކަތްތެރި އުފެއްދުންތެރި ބަޔަކު ބޭނުމީ،" ޒުވާނުންވާން ޖެހެނީ ކޮންކަހަލަ ބަޔަކަށް ކަމަށް ވިދާޅުވެ ޖާބިރު ފެއްޓެވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ދިވެހިން ޒުވާނުންގެ ދިރިއުޅުން މިއަދު ހުރީ ދެރަވެ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ. ދުވާލު އޮންނަނީ ނިދުމެވެ. ރޭގަނޑު ހޭލާ ކޮފީތަކުގައެވެ. ކޮފީއެއް ބޮއެ ނިމުމުން ކޮފީ މޭޒު ދޫކޮށް ދިއުމެއް ނެތެވެ. ފައިދާއެއް ނެތް ބޭކާރު ވާހަކަތަކާއި ސަމާސާ ވާހަކަތަކުގައި ހޭދަކުރަނީ މަދަކު ބައިވަރު ވަގުތެވެ. އެކަމުގެ ސަބަބުން ޒުވާން ޖީލު ކަންނެތް ވެއްޖެ އެވެ. ފަތިސް ނަމާދަށް ހޭލާ މަސައްކަތް ފެށުމެއް ނެތެވެ. ޖާބިރުގެ ބަހުންނަމަ ގިނަ ދިވެހިންނަށް އިރުއަރަނީ ބެންކުތައް ބަންދު ކުރީމައެވެ. މާނައަކީ މެންދުރުން އެނބުރުގެ ކުރިން ހޭލާ އުޅޭ ބަޔަކު ނެތެވެ.

"ވިޔަފާރި ކުރާށޭ ކިޔާފައި އެންމެން ގޮސް ކޮފީ ބޯން ރެއާ ދުވާލު ތިބެފައި އައިމަ ކަމަކު ނުދާނެ. ކަންނެތްކަން ބޮޑީ. ރޭގަނޑު ހޭލާ ތިބުން ދޫކޮށްލަންވީ. ދުވާލު މަސައްކަތަށް ނިކުންނަންވީ. ފަސްގަނޑި ބައިގައި އަޅުގަނޑުމެން ތެދުވަން. ފަތިސް ނަމާދު ގަޑިއަށް ހޭލާ އަޅުގަނޑުމެން ތިބޭނީ. މަސައްކަތުގައި ޓައިމްގައި. ރޭގަނޑު ކޮންޓްރެކްޓެެއް ކަމެއް ކުރަންވެއްޖިއްޔާ ތިބެންވީ ހޭލާ. އަޅުގަނޑުމެންގެ ހާލަކީ ފުރަތަމަ ތެދުވަނީ ބެންކު ބަންދު ކުރީމަ. އެހެންވީމަ ބެންކު ހުޅުވަންވީ ރޭގަނޑުތޯ. ނުވައެއް ޖަހާއިރު ހުޅުވަންވީ ބެންކުތޯ،" އަދުގެ ހަގީގަތް ސާފުކޮށް ނިއުޅައިދެއްވަމުން ސާދާ ބަސްތަކަކުން ޖާބިރު ސުވާލު ކުރެއްވިއެވެ.

ފުރަތަމަ ކަމަކީ ހެނދުނު ހޭލުން. ފަތިސް ނަމާދަށް ހޭލުން. ދެވަނަ ކަމަކީ ކޮފީ ބޮއެ ނިމުނީމަ ހުއްޓާލުން. އަޗާ ތަޅަން ނުތިބެ ހިތްވަރު ކުރުން، ރިސްކު ނެގުން. ހިސާބު ޖަހައިގެން ކަންތައް ކުރުން. މަސައްކަތް ކުރުން. ސިންގަޕޫރު މީހުން ކަންކުރާ ސްޓައިލަށް ކަންކުރުން. މަސައްކަތް ކުރަންވީ. މަސައްކަތްތެރި އުފެއްދުންތެރި ބަޔަކު ބޭނުމީ
އަބްދުﷲ ޖާބިރު | ޔޮޓް ޓްއާސްގެ ޗެއާމަން

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންނަށް އޮތް އެންމެ ބޮޑު ނިކަމެތި ކަމަކީ ރާއްޖޭގައި ހަރުދަނާ ވޯކް ފޯސްއެއް ނެތުމެވެ. ހިތްވަރު ހުރި މަސައްކަތްތެރިން ނެތުމެވެ. ކޮންމެ ކަމަކަށް ބޭރުން މީހުން ގެންނަން ޖެހުމެވެ. ދިވެހިންނަށް ހާއްސަ އެއްވެސް މަސައްކަތެއް މިއަދު ނެތުމެވެ. ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި އެތަށް މަަސައްކަތުން މުޅީން އަތް ދުރަށްލާ އެ މަސައްކަތްތަކުގެ ކޮންޓްރޯލް ބިދޭސީންނަށް ދޫކޮށްލުމެވެ. އެކަމުގެ ސަބަބުން ދިވެހި އިގްތިސާދު ތިޔާގި ކޮށްލަން ހުރި ހުރިހާ ފައިސާއެއް ބޭރުވެގެންދާ ކަމެވެ.

"އެހެންވީމަ މިރާއްޖޭގެ އެންމެ ބޮޑު ނިކަމެތި ކަމަކީ ދިވެހިންނަށް އަންޑަސްޓޭންޑް ވަނީ ތިމަންނަމެންގެ ސީރިއަސް ވޯކް ފޯސްއެއް މިތާނގައި އޮންނަން އެބަޖެހޭކަން. އެއީ މިތާ އެންމެ ބޮޑު މައްސަލައަކީ. ބޭރުން މީހުން ގެންނަން މި ޖެހެނީ. ކުރާ މަސައްކަތުގެ ލާރިކޮޅު މިދަނީ ރާއްޖެއިން ބޭރަށް. ދިވެހިން މަސައްކަތް ކުރާށޭ. ކޮންމެވެސް ތިމާގެ މީހާ ގުޅައިގެން ސަރުކާރުން ވަޒީފާއެއް ހޯދައިގެން ގޮސް ކޮފީ ބޯން އިނުމުގެ ބޭނުމެއް ނެތެއްނު. ގައުމަށް އުފެެއްދުންތެރި ޒުވާން ޖީލެއް އޮންނަން އެބަޖެހޭ. އަޅުގަނޑަށް ޔަގީން ޒުވާނުން އަޑުއަހަން ޖެހޭނެކަން އަޅުގަނޑު މިދައްކާ ވާހަކަ،"

ވިޔަފާރި ކުރާށޭ ކިޔާފައި އެންމެން ގޮސް ކޮފީ ބޯން ރެއާ ދުވާލު ތިބެފައި އައިމަ ކަމަކު ނުދާނެ. ކަންނެތްކަން ބޮޑީ. ރޭގަނޑު ހޭލާ ތިބުން ދޫކޮށްލަންވީ. ދުވާލު މަސައްކަތަށް ނިކުންނަންވީ. ފަސްގަނޑި ބައިގައި އަޅުގަނޑުމެން ތެދުވަން. ފަތިސް ނަމާދު ގަޑިއަށް ހޭލާ އަޅުގަނޑުމެން ތިބޭނީ. މަސައްކަތުގައި ޓައިމްގައި. ރޭގަނޑު ކޮންޓްރެކްޓެެއް ކަމެއް ކުރަންވެއްޖިއްޔާ ތިބެންވީ ހޭލާ. އަޅުގަނޑުމެންގެ ހާލަކީ ފުރަތަމަ ތެދުވަނީ ބެންކު ބަންދު ކުރީމަ. އެހެންވީމަ ބެންކު ހުޅުވަންވީ ރޭގަނޑުތޯ. ނުވައެއް ޖަހާއިރު ހުޅުވަންވީ ބެންކުތޯ
އަބްދުﷲ ޖާބިރު | ޔޮޓް ޓްއާސްގެ ޗެއާމަން

ޖާބިރު ވިދާޅުވީ ކޮންމެ ހާލަތަކާއެކުވެސް ކާމިޔާބު ހޯދޭނެ ކޮންމެވެސް ފޯމިއުލާއެއް އޮންނާނެ އެވެ. ބޭނުންވަނީ ހިތްވަރެވެ. ގަދަ ހިތްވަރެވެ. މަސައްކަތް ކުރުމެވެ. ބުރަ މަަސައްކަތް ކުރުމެވެ. މަސައްކަތަށް ހާއްސަވެފައި އޮތް ދުވާލު އެކަމުގައި ހޭދަކުރުމެވެ.

އެގޮތަށް މަސައްކަތް ކުރެއްވުމުން އޭނާއަށް އާދެވިފައިވާ ހިސާބާމެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިފައިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ހިތާމަވެރި ކަންތައްތަކީ ވިޔަފާރީގައި އޮންނަ ކަމެއް ނޫން. ވިޔަފާރީގައި އޮންނާނީ ރިސްކު ނެގުން. ވިޔަފާރީގައި ނޯންނާނެ އިމޯޝަންސް އެއް. ބިޒްނަސް ގޯސް ނަންބަރާސް. އެހެންވީމަ ނަންބަރުން ބަލާއިރުގައި ޔޮޓް ޓްއާސް ކުންފުނި އޮތީ ރަނގަޅު ހާލަތުގައި. ވިޔަފާރިއާ ސިޔާސީ ކަންތަކުގައި އިމޯޝަން އެއް ނޯންނާނެ،" ޖާބިރު ވިދާޅުވިއެވެ.

ދިވެހިން ހިމެނޭހެން މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑްގެ ބަލިމަޑުކަމުގެ މިދިޔަ އެއް އަހަރުވެސް ޖާބިރު ވިދާޅުވި ގޮތުގައި އޭނާ ނުހުއްޓެއެވެ. ކިތަންމެ ރަށެއްގެ. މަސައްކަތް ފެއްޓެވިއެވެ. ބައެއް ރަށްރަށް ވިއްކާލެއްވުމަށް އެތަށް ބަޔަކާއެކު ކާމިޔާބު ނެގޯޝިއޭޝަންތައް ހިންގުނެވެ. ވިޔަފާރީގައި އުހަށް ވަޑައިގަތުމަށް ކޮންމެ ވަގުތަކީވެސް ހިތްވަރާއެކު މަސައްކަތް ކުރަން ޖެހޭ ވަގުތެކެވެ. އެ ވިސްނުމުގައި މަސައްކަތް ކޮށްފިނަަމަ ކުރިއަށް ދެވޭނެކަން ކޮވިޑްގެ ބަލިމަޑުކަމުން މާބޮޑަށް ސާފުކޮށްދީފި ކަމަށްވެސް ވިދާޅުވިއެވެ.