މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާއިން 25 މީހަކު ހައްޔަރު ކޮށްފި

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ކޮށްފައި އޮއްވާ އިދިކޮޅު ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކު މިއަދުވެސް މުޒާހަރާ ކޮށްފައިވާއިރު 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރަކަށްވާތީ ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. މި ހާލަތުގައި އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާއިން ހައްޔަރުކުރީ 25 މީހެއް ކަމަށެވެ. އެ މީހުން މިވަގުތު ތިބީ އަތޮޅުވެހީގައެވެ.

ކޮންމެ ހުކުރު ދުވަހު އޮންނަ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރެއެވެ. ނަމަވެސް ބަންދުގައި ބޭތިއްބުމަށް ފަހު ޖޫރިމަނާކޮށް ދޫކޮށްލައެވެ.

އެއްވުންތައް ގާނޫނާއި ހިލާފު ކަމަށް ފުލުހުން ބުނާތީ އިދިކޮޅު ކޯލިޝަނުން ބުނީ މުޒާހަރާތަކާއި އިހުތިޖާޖުތަކަކީ ގައުމީ މަސައްކަތެއް ކަމަށާ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށެވެ. އަދި ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާ އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަަށެވެ.

އިދިކޮޅުގެ މުޒާހަރާތައް މިދިޔަ ދުވަސްތަކުގައި ކުރިއަށް ގެންދަނީ “ކޮބާ މަގޭ ފްލެޓް” ނަމުގައެވެ. ނަމަވެސް މިއަދުގެ މުޒާހަރާއަކީ އަޅުވެތި ކަމާ ދެކޮޅަށް ކުރާ މުޒާހަރާ އެއް ކަމަށް ބުންޏެވެ.