ބޮލީވުޑް

ޝްރައްދާ އާ މައްސަލަ ޖެހުނޭ ކިޔަނީ މީޑިއާއިން: ޕަރިނީތީ

ޕަރިނީތީ ޗޯޕްޅާ ކުޅެ މިހާރު ރިލީޒްވުމަށް ތައްޔާރުވަމުންދާ "ސައިނާ" ގެ ބަތަލާއަކަށް އެންމެ ކުރިން ހަމަޖެހުނީ ޝްރައްދާ ކަޕޫރެވެ. އަމޯލް ގުޕްތޭ ޑައިރެކްޓް ކޮށްފައިވާ "ސައިނާ" އަކީ އިންޑިޔާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހެވާލްގެ ބައޮޕިކް އެކެވެ. އެހެންވެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝްރައްދާ ވަނީ ސައިނާގެ ގެޔަށް ގޮސް އޭނާ އާއި އޭނަގެ އާއިލާގެ މެމްބަރުންނާ ބައްދަލު ކޮށްފަ އެވެ. އަދި ބެޑްމިންޓަން ޕްރެކްޓިސް ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރިޔަށްގެންދިޔަ އެވެ. ނަމަވެސް ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވުމަށް ފަހު ކުއްލިއަކަށް ޝްރައްދާ ފިލްމު ދޫކޮށްލީ އެވެ. ޕަރިނީތީ އެ ފިލްމަށް ސޮއިކުރީ އޭގެ ފަހުންނެވެ.

މިކަމާ ހެދި ޕަރިނިތީ އާއި ޝްރައްދާގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން އޭރު ޚަބަރު ފެތުރި އެވެ.

ޕަރިނީތީ ދާދިފަހުން ދިން އިންޓަވިއުއެއްގައި މި ވާހަކަތަކަށް ޖަވާބު ދީފައި ވެއެވެ. ޕަރިނީތީ ބުނީ "ސާއިނާ" ކުޅެން އޭނާ ސޮއި ކުރުމުގެ ކުރިން ޝްރައްދާ އާ ދެ މީހުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި ނޫސްތަކުގައި ލިޔެފައިވާ ފަދަ އެއްވެސް މައްސަލައެއް އެ ދެ މީހުންގެ މެދުގައި ނުޖެހޭ ކަމަށެވެ.

ޕަރިނީތީ ބުނީ "ސައިނާ" އަށް ތައްޔާރު ވަނިކޮށް ޝްރައްދާ އަށް ޑެންގީ ޖެހި ވަރަށް ބޮޑަށް ބަލިވެ ގިނަ ދުވަސް ތަކަކު އުޅެން ޖެހުމުން އެ ފިލްމުގެ ޝޫޓިން ނުފެށި ގިނަ ދުވަސްތަކެއްވީ ކަމަށެވެ. އެހެންވެ ޝްރައްދާ ކުޅެން ސޮއި ކޮށްފައިވާ އެހެން ފިލްމުތަކުގެ ތާރީޚާއި "ސައިނާ" ގެ ތާރީޚު ފުށުއަރާތީ އޭނާއަށް އެ ފިލްމު ކުރިޔަށް ގެންދެވޭ ގޮތް ނުވީ ކަމަށެވެ.

"އަހަރެން ފިލްމު ގަބޫލު ކުރުމަކުން އެއްވެސް މައްސަލައެއް އަހަރެމެން ދެ މީހުންގެ މެދުގައި ނުޖެހޭ. ޝްރައްދާ އަކީ އަހަރެންގެ އެކުވެރިޔެއް. އަދި ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް. އަހަރެމެން ދެ މީހުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރިން. އަދި އަހަރެން ފިލްމު ގަބޫލު ކުރުމަކުން ޝްރައްދާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް. އެއަށް ވުރެ މާ ލޯބިން އޭނާ ވާހަކަ ދެއްކީ. އަހަރެން ހިތަށް އަރާ ކީއްވެބާއޭ މީޑިއާތަކުން މި ކަން ވެސް ބޮޑު މައްސަލައަކަށް ހަދަން މަސައްކަތް ކުރަނީ،" ޕަރިނީތީ ބުންޏެވެ.

ފިލްމުގެ ފުރަތަމަ ޗޮއިސްއަކީ ޝްރައްދާ އަށް ވުމުން އެއްވެސް އިތުރު ޕްރެޝަރެއް އޭނާއަށް ކުރިމަތިނުވާ ކަމަށް ވެސް ޕަރިނީތީ ބުންޏެވެ.

"އަހަރެން ބެލީ އަހަރެންގެ ގާބިލްކަން ހުރި ވަރުން ފިލްމުގެ ކެރެކްޓާ ވީހާވެސް ފުރިހަމައަކަށް ކުޅެވޭތޯ،" ޕަރިނީތީ ބުންޏެވެ.

"ސައިނާ"ގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރާއި ކްރިޝަން ކުމާރު އަދި ސުޖޭ ޖައިރާޖް އާއި ރާޖޭޝް ޝާހެވެ. މިމަހުގެ 26 ވަނަ ދުވަހު މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.