މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ކޮށްފައި ވަނިކޮށް އިދިކޮޅު ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލާފައި ވަނީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ ފުލުހުންނަށް ހަމަލާ ދިން ދެ މީހަކު ކަމަށް ވެސް ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ދުވަސްވަރަކަށްވާތީ ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ މުޒާހަރާއަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.
ކޮންމެ ހުކުރު ދުވަހު އޮންނަ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރެއެވެ. ނަމަވެސް ހައްޔަރުގައި ބޭތިއްބުމަށް ފަހު ޖޫރިމަނާކޮށް ދޫކޮށްލައެވެ.
އެއްވުންތައް ގާނޫނާއި ހިލާފު ކަމަށް ފުލުހުން ބުނާތީ އިދިކޮޅު ކޯލިޝަނުން ބުނީ މުޒާހަރާތަކާއި އިހުތިޖާޖުތަކަކީ ގައުމީ މަސައްކަތެއް ކަމަށާ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށެވެ. އަދި ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާ އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަަށެވެ.