ރަޝިއާއިން ތުރުކީިއަށް ސަޕްލައިކޮށްދޭ "އެސް-400" މަރުކާގެ އެއާ ޑިފެންސް ސިސްޓަމް ބެނުން ކުރަން އެމެރިކާގެ ރުހުން އަންކާރާއަށް މުހިންމު ނޫން ކަމަށް ޕާލަމެންޓަރީ ޑިފެންސް ކޮމިޓީގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ. ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމް ތުރުކީގައި ގާއިމުކުރުމުގައި އެގައުމުން އަބަދު ވެސ ބުނަނީ މިހެންނެވެ. ތަރުޖަމާން ވިދާޅުވީ އެމެރިކާގެ ރުހުން ނުހޯދާނެ ކަމަށެވެ.
އެމެރިކާއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޑޭވިޑް ސަޓާފީލްޑް ބީބީސީއަށް ދެއްވި އިންތަވިއުއެއްގައި ވިދާޅުވީ ތުރުކީއާ މެދު އެމެރިކާ އޮތް ނުތަނަވަކަން ފިލައިދާނެ އޮތް ހަމައެކަނި ގޮތަކީ އެސް-400 ޕްރޮގްރާމް ހުއްޓާލުން ކަމަށެވެ.
"ތުރުކީއަށް ރަނގަޅު ގޮތް އިޚްތިޔާރުކުރާނީ ތުރުކީން. އެމެރިކާގެ ރުހުން މިކަމުގައި އޮތުން ލާޒިމެއް ނޫން. އެމެރިކާ ރުއްސަން ހަދައިގެން ގައުމު ހަލާކުވުން ނޫން ކަމެއް ތަޖުރިބާކުރެވިފައި ނެތް" މުރާތު ބޭބަތޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސް-400 ސިސްޓަމް ބޭނުންކުރުމަކީ މިއަދު ވިސްނި ވިސްނުމެއް ނޫން ކަމަށާއި އެކަން އޮތީ އިޚްތިޔާރުކޮށްފައި ކަމަށެވެ.
"އެމެރިކާއާއެކު ގުޅުން ބަދަހިކޮށް ދަމަހައްޓަން އެދޭކަން އަޅުގަނޑުމެން ކޮންމެ ބައްދަލުވުމެއްގައި ވެސް އޮންނާނީ ދަންނަވާފަ" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް ޝަރުތެއް ކަނޑަނާޅަން. އަދި އަމުދުން މިނިވަންކަމާއި އިސްތިގުލާލްއާ ގުޅުން ހުރި ކަންކަކަމުގައި ވަކި ބަޔަކު ބުނާހާ ގޮތެއް ހެދޭކަށް ނޯންނާނެ" ތަރުޖަމާން ވިދާޅުވި އެވެ.
ރަޝިއާގައި އުފައްދާ ހަތިޔާރު ތުރުކީގައި ބޭނުންކުރުމަކީ އެމެރިކާއަށް އޮތް ރިހުމެކެވެ. އެމެރިކާއިން ބޭނުންވަނީ ވަކި ކަމަކަށް ޝަރުތުކޮށް އެމެރިގެ މުށުތެރޭގައި ތުރުކީ ބޭއްވުމެވެ. ތުރުކިއަށް ގާބިލްކަމެއް ލިބޭ ކޮންމެ ފަހަރަކު ދަތިކުރުމުގެ ފިޔަވަޅުއަޅައި ވަކި ގޮޅިއަކަށް ފައްތަ އެވެ. ޓްރަމްޕް ސަރުކާރު ނިމިދިއައިރު ވެސް ތުރުކީ އޮތީ ތާށިކޮށްފަ އެވެ.
ޖޯ ބައިޑަންގެ ސަރުކާރުން ވެސް ބުނަނީ ތުރުކީއާ މެދި ގޮތެއް ނިންމުން އަދި އޮތީ ކަމަށެވެ. ބެލެވޭ ގޮތުގައި ތުރުކީއާ ދިމާއަށް އެމެރިކާ ދާނީ ޗައިނައާއެކު ކުރަން ހުރި ޒުވާބުތަކަށް ފަހު އެވެ.