ހުސައިން ޝަމީމް

މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރުމުން ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ

މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައި، ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފަައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިކަމާ ގުޅިގެން ލިޔުއްވި ލިޔުމަކާއެކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގައި އަތްނުލާ މީހުންނަށް މިހާރު ސަލާމަތްވެވޭނެއޭ ހީވެފައި އޮންނަ ހީވުމަކީ ކުށްހީއެއް ކަމަށެވެ. އަތް ނުލިނަމަވެސް މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރާނަމަ އެމައްސަލަ ތަހުގީގުކޮށް މަނީ ލޯންޑަރިންގެ ދައުލާ އުފުލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިބާވަތުގެ ފުރަތަމަ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. މަނީލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތް އަށާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް ގެ މައްޗަށެވެ.

މިމީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ގާނޫނު ޖާގަދޭ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލައަކީ ހައްލު ހޯދަން އެންމެ އުނދަގޫ މައްސަލައެއް ކަމަށެވެ.

"މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ހަތް ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވެއެވެ. މަސްތުވާތަކެތީގައި އަތްލުން ލާޒިމެއް ނޫނެވެ." ޝަމީމްގެ ބްލޮގްގައި ވެއެވެ.

މިއީ ޕްރޮސިކިއުޝަން ސިޔާސަތަށް ގެންނަ ބަދަލެއްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ އަދި އެކަމުގެ އަސްލު ވިޔަފާރިވެރިން ފަހަތުން ދިއުން ކަމަށެވެ.