ޕާކިސްތާން

ޕާކިސްތާނަށް ބިލެތް އެތެރެކުރާ އަދަދު މަދުކަމަށް ލަންކާއިން ބުނެފި

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ފެބްރުއަރީ 23 ގައި ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެއީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ. މިދަތުރުފުޅުގައި ދެބޭފުޅުން ވަކިން ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި ވިޔަފާރި ފުޅާކުރައްވަން ވެސް ވާހަކަދެއްކެވި އެވެ.

އިމްރާންގެ މިދަތުރުފުޅުގައި ވިޔަފާރި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ވަރަށް ފޯރިގަދަ ވާހަކައެއް ވެސް ދެއްކެވި އެވެ. އެއީ ޕާކިސްތާނަށް ލަންކާ ބިލެތް އެތެރެކުރާ އަދަދު މަދު ވާހަކަ އެވެ.

ލަންކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ބަންޑޫލާ ގުނަވަރުދަނާ ބައްދަލުވުމެއްގައި ބިލެތާ ބެހޭ ގޮތުން އިމްރާންއަށް ދެންނެވި އެވެ. އިމްރާން ހައިރާންވެ ވަޑައިގެން އަދި އެއީ ކޮންމެހެން ވެސް ހަމަޖައްސަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ސަމާސާ ކުރެއްވި ކަމަށްވެ އެވެ.

އިމްރާން ވިދާޅުވި ކަމަށް ލަންކާ ނޫސްތަކުން ބުނީ ބިލެތް އެތެރެކުރާ އަދަދު އިތުރު ކުރައްވާނެ ކަމަށާއި އެކަމުގައި ވިޔަފާރިވެރިންނަށް ދަތިތަކެއް ހުރި ނަމަ ހައްލުކުރަން ވަރަށް އިސްކަންދެއްވާނެ ކަމަށެވެ.

ގުނަވަރުދަނާ ދެއްކެވި ވާހަކަތައް ބައްދަލުވުމުގެ ބައިވެރިންނަށް ވަރަށް މަޖާވި ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. އެއީ ވަރަށް ސީދާކޮށް އަދި ދިގު މުއްދަތަކަށް ދެކެފަރިތަ ބައެއް ކަމަށް ދެކެވަޑައިގެން ވާހަކަދެއްކެވުމުންނެވެ.

ވަޒީރު ވިދާޅުވީ ޕާކިސްތާނުން ލަންކާއަށް އެތެރެކުރާ މުދާ މާގިނަ ކަމަށާއި އެދެވެނީ ހަމަހަމަ އުސޫލަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަށް ލަންކާއިން އެކްސްޕޯޓްކުރާ މުދަލަށް ލިބެނީ 100 މިލިއަން ޑޮލަރު ކަމަށާއި ޕާކިސްތާނުން ލަންކާއަށް އިމްޕޯޓްކުރާ މުދަލަށް 400 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށެވެ.