ބޭންކް އޮފް މޯލްޑިވްސް

3 ރަށެއްގައި ބީއެމްއެލްއިން އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސް ނަގައިގެން ތިން ރަށެއްގައި ކޮމިއުނިޓީ އެކްޓިވިޓީތަކެއް ހިންގައިފި އެވެ.

ބީއެމްއެލް އިން ބުނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި އެބޭންކުގެ މުވައްޒަފުން އިސްނަގައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިހަރަކާތްތަކުގެ ތެރޭގައި ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް، އެސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ބަދަލު ގެނެސްފައިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ވަރަށް އަވަހަށް މިސަރަހައްދުގައި ފޮޓޯ ނެގުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ލ. ފޮނަދޫގައި ހިންގި ހަރަކާތްތަކުގައި ފޮނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ ކުޅުދުއްފުށީ އަތިރިމަތީގައި ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެތަނުގައި ބެންޗާއި، އުނދޯލި އަދި ޖޯލިފަތި ބަހައްޓައި ދީފައި ކަމަށެވެ.

އަދި ބުނީ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން މިފަދަ ހަރަކާތްތައް ހިންގަނީ މުޖުތަމައުގައި އުފަލާއި ހިތްހަމަޖެހުން ދެމެހެއްޓުމަށް ކަމަށެވެ. މި ތިން ރަށުގައި މި ހަރަކާތްތައް ހިންގުމުގައި ބޭންކުގެ 30 އަށްވުރެ ގިނަ ވޮލެންޓިއާ މުވައްޒަފުން ބައިވެރިވި ކަމަށް ބީއެމްއެލް އިން ބުންޏެވެ.