ހަބަރު

ހަތިޔާރު ބޭރުވީ ބަޑި ގުދަން ބަލަހައްޓަން ހުރި މީހާ ޣައްދާރުވުމުން: ޑިފެންސް

Nov 2, 2015
3
  • އެ މީހަކަށް އެންމެ ބޮޑު އަދަބު ދޭނަން
  • ބަޑި ގުދަން ހަވާލުވެ ހުރި ފަރާތުން ވަނީ އުސޫލުތައް މުގުރާލާފައި
  • މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ދޭ

ސިފައިންގެ ބަޑި ގުދަނުގެ ހަތިޔާރުތަކެއް ބޭރުވެ އާންމު ބައެއްގެ އަތްމައްޗަށް ދިޔައީ، އެކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސިފައިންގެ މީހަކު ޣައްދާރުވުމުން ކަމަށް ޑިފެންސް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ބ. ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ ތެރެއިން ބަޑިއަކާއި ފިސްތޯލައަކީ ސިފައިންގެ އާމަރީ އިން ބޭރުވެފައިވާ ތަކެތިކަން ހާމަވެފައިވާތީ ޑިފެންސުން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިފައިންގެ ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމަކީ ޒަމާނުއްސުރެ ވަރަށް ހަރުދަނާކޮށް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިފަހުން އަތުލައިގަތް ބައެއް ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގެ އާމަރީގެ ހަތިޔާރުތަކެއް ބޭރުވެފައި ވަނީ އެކަން ބެލުމަށް މަތިކުރެވިފައި ހުރި މީހަކު ގަވާއިދުތައް ފުޑުފުޑުކޮށްލައި ސިފައިންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކޯޑް އޮފް އެތިކްސް އިން ވެސް ބޭރުވެ ޣައްދާރުވުމުގެ ސަބަބުން ކަމަށެވެ.

"އެ މުޑުދާރު އަމަލު ހިންގި ފަރާތެއް ހޯދައި، ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ބޭނުންވާ ތަހުގީގު މިހާރު އެ ދަނީ ކުރަމުންނެވެ. އެ މުޖުރިމުންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވޭނެ އެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަޑި ގުދަން ބެލެހެއްޓުމާ ހަވާލުވެ ހުރީ، ކާނަލް އަހުމަދު ފަޔާޒު ޕާޕާ އެވެ. އެހެން ނަމަވެސް ލޯންޗް އެކްސިޑެންޓަށް ފަހު އޭނާ ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގަށް ބޭނުންވާތީ ސިފައިންގެ ޒިންމާ ތަކުން ދުރުކޮށް ޕާޕާ ވަނީ ކަޅުތުއްކަލާ ކޮށީގައި ހައްޔަރުކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީ އިން އަދި ބުނީ މި ހާދިސާއާ ގުޅިގެން ބަޑި ގުދަނުން ހަތިޔާރު ބޭރު ކުރުމާއި އެތެރެ ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެވިފަ އެވެ. އަދި މިހާރު ގެނައި ބަދަލުތަކާ އެކު ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ގާނޫނާއި ގަވާއިދުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ބަޑިގުދަނުން ހަތިޔާރު ބޭރުކޮށް އެތެރެ ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޑިފެންސުން ބުންޏެވެ. މިހާރުގެ އުސޫލުތައް ކުރިއަށް ވުރެ މާ ހަރުދަނާ ވާނެ ކަމަށް ވެސް ބުންޏެވެ.

"މިހާރު ތަރުތީބު ކުރެވިފައިވާ ހަތިޔާރު ބެލެހެއްޓުމާއި ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމުގެ ދަށުން، ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ގަވާއިދުތަކާ ހިލާފަށް ހަތިޔާރާ ގުޅޭ އެއްވެސް ކަމެއް ކުރިމަގުގައި އެއްވެސް ފަރާތަކަށް ނުހިންގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެމެވެ،" ޑިފެންސްގެ ބަޔާނުގައިވެ އެވެ.