ޓެކްނޯލޮޖީ

ކްލަބްހައުސް ގަވާއިދަށް ފެތޭތޯ ފްރާންސްއިން ބަލަނީ

ކްލަބްހައުސްއަކީ ވޮއިސް ޗެޓް އެޕްލިކޭޝަނެކެވެ. ޗެޓް ކުރަން އޮންނަނީ އަނގަތެޅުމެވެ. ވާހަކަ ދެއްކުމެވެ. މިއީ ވައިބާ، އިންސްޓާގްރާމް އަދި ވަޓްސްއެޕް ކަހަލަ ޓެކްސްޓް ޗެޓް އެޕްލިކޭޝަނެއް ނޫނެވެ. އެކަމަކު ބެލެވެނީ މި ހުރިހާ އެޕްލިކޭޝަނަކުން ވެސް ވޮއިސް ޗެޓް ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

ފްރާންސުން ބުނީ ކްލަބްހައުސްގެ ސައްހަކަަން ބަލަމުން އަންނަ ކަމަށެވެ. "ނޭޝަނަލް ކޮމިޝަން ފޮ އިންފޮމޭޓިކްސް އެންޑް ލިބާޓީޒް" އިން ބުނީ ކްލަބްހައުސްގެ ބެލެނިވެރި ކުންފުނި، "އަލްފާ އެކްސްޕްލޮރޭޝަން" އިން މި އެޕްލިކޭޝަން ހިންގަނީ "ޔޫރަޕްގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން" އާ އެއްގޮތަށްތޯ ބަލާނެ ކަމަށެވެ. އެއީ ޔޫރަޕްގައި ކްލަބްހައުސް ބޭނުންކުރާ މީހުންގެ ފަރުދީ އަދި ޒާތީ މައުލޫމާތުގެ ހިމާޔަތުގައި ކަމަށް ވެސް ބުންޏެވެ.

ޔޫރަޕްގެ ޑާޓާ ޕްރޮޓެކްޝަން ޕޮލިސީއާ ފުށުއަރާ ގޮތަށް ޔޫރަޕްގެ އެއްވެސް ގައުމެއްގައި ހިދުމަތެއް ނުދެވެ އެވެ. އަދި ޔޫރަޕްގެ އިދާރާތަކުން މިކަލަ ކަމެއް ބަލައި ވަކި ކުންފުންޏެއް ނުވަތަ އެޕްލިކޭޝަނެއް ގަވާއިދާ ޚިލާފުވެފައިވާކަން ކަށަވަރުކުރެވިއްޖެ ނަމަ އުފުލަން އުނދަގޫ ޖޫރިމަނާއަކާ ހަވާލުވާން ޖެހެ އެވެ.

ކްލަބްހައުސް އަދި މިފަދައިން އާންމުން އެއްވެއުޅޭ ސޯޝަލް އެޕްލިކޭޝަނަކުން ފަރުދުންގެ މައުލޫމާތު، އެހެން އެއްވެސް ކުންފުންޏަކަށް ލިއްބައި ދިނުމަކީ މަނާ ކަމެކެވެ. އެއީ ހިލޭ ނުވަތަ މާލީ މަންފާއަކަށްވި ނަމަވެސް އެވެ.

ކްލަބްހައުސް އަދިވެސް އޮތީ ބީޓާ މަރުހަލާގަ އެވެ. މިއެޕްލިކޭޝަން މިވަގުތު ބޭނުންކުރެވެނީ އެޕަލްގެ އައިއޯއެސް ޑިވައިސްތަކުގަ އެވެ. އެންޑްރޮއިޑް ޑިވައިސްތަކަކަށް އަދި ނުލިބެ އެވެ. އުންމީދަކީ އެންޑްރޮއިޑް ފޯނުތަކަށް ލަސްތަކެއް ނުވެ ލިބުމެވެ.