ބޮލީވުޑް

އަދިތުޔާ ޗޯޕްޅާ ދެކެ ރާނީއަށް ލޯބި ވެވުނު ސަބަބު

ރާނީ މުކަރުޖީ އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްޅާ ކައިވެނިކުރީ އެ މީހުންގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ތަކެއް ފަހުންނެވެ.

އަދިތުޔާއަކީ ވަރަށް ޕްރައިވެޓްކޮށް އުޅެން ބޭނުންވާ މީހަކަށް ވާތީ އެއްވެސް ފިލްމީ ހަފުލާއެއް އެވޯޑު ޝޯ އަކަށް އޭނާ ނުދެ އެވެ. އަދި އެއްވެސް މީޑިއާއަކަށް އިންޓަވިއު ދީއެއް ވެސް ނުހަދަ އެވެ. އަދި އޭނާގެ ފޮޓޯއެއް ވެސް އިންޑިއާގެ ނޫހަކުން ފެންނަނީ ހާލަކުން ފަހަރަކު އެވެ. އެގޮތަށް ވެސް ފެންނަނީ ވަރަށް ސިއްރު ސިއްރުން ޕަޕަރާޒީން ނަގާފައި ހުންނަ ފޮޓޯ ތަކެވެ. އެހެންވެ ރާނީ އާއި އޭނާގެ ލޯބީގެ ވާހަކަ ތަކަކީ ވެސް ގިނަ ބަޔަކަށް އޭގެ މާ ބޮޑު ތަފްސީލެއް ނޭނގޭ ވާޙަކަ ތަކެކެވެ.

ނަމަވެސް ނިއުސް ޗެނަލް އަކަށް ރާނީ ދީފައިވާ އިންޓަވިއު އެއްގައި އަދިތުޔާ އާއި ލޯބީގެ ގޮތުން ގުޅެން ދިމާވި ސަބަބުތައް ކިޔައިދީފައި ވެއެވެ.

ރާނީ ބުނީ އޭނާއަށް އަދިތުޔާ އަށް ހިތް ދެވުނު އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަކީ ޕްރައިވެޓް އުޅުމެއް އުޅެން ލޯބިކުރާ މީހަކަށް ވާތީ ކަމަށެވެ. މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހަކަށް ވެފައި އެހާ ޕްރައިވެޓް ދިރިއުޅުމެއް އުޅުން އެއީ އޭނާއަށް ވަރަށް ހިތްގައިމު ކަމަކަށްވީ ކަމަށް ރާނީ ބުންޏެވެ.

"އަހަރެންގެ ފިރިމީހާ ދެކެ އެހާ ބޮޑަށް ލޯބި ވެވުނީ އޭނާ އުޅޭ ޕްރައިވެޓް ދިރިއުޅުމާ ހެދި. އަދިތުޔާއަކީ ފިލްމު އިންޑަސްޓްރީގައި ހުރި އަހަރެން އެންމެ އިހްތިރާމް ކުރާ އެކަކު. ފިލްމު އިންޑަސްޓްރީގައި އުޅޭ މީހުންނަށް އިހުތިރާމް ކުރުމަކީ ހަގީގަތުގައި ވަރަށް އުނދަގޫ ކަމެއް. ސަބަބަކީ އެމީހުންގެ އެތެރެ ފުށާއި ބޭރު ފުށް ވަރަށް ރަނގަޅަށް އެނގިފައި އޮންނާތީ. އެހެންވެ އާދީ [އަދިތުޔާ] އަކީ އަހަރެން އިހުތިރާމްކުރާ މަދު މީހުންގެ ތެރޭގައި ހިމެނުނީ. އަހަންނަކީ ވެސް ވަރަށް ޕްރައިވެޓްކޮށް ދިރިއުޅެން ބޭނުންވާ މީހެއް. އެހެންވެ އަހަރެމެން ދެ މީހުންނަށް ރަނގަޅު ޒަވާޖީ ހަޔާތެއް އުޅެވެން މެދުވެރިވީ،" ރާނީ ބުންޏެވެ.

ރާނީ ބުނި ގޮތުގައި އާދިތުޔާއަކީ ކަރަން ޖޯހަރް ކަހަލަ މީހަކަށް ވީނަމަ އޭނާ ދެކެ ލޯތްބެއް ނުވެވުނީހެވެ.

"ކަރަން އުޅޭ ހުރިހާ ތަނެއްގަ. އޭނަ ނުފެންނަ ތަނެއް ނޯންނާނެ. އޭނާއަކީ ވަރަށް ސޯޝަލް މީހެއް. އަބަދު ޕާޓީ ކުރުމުގަ އުޅޭނީ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަންތައްތަކެއް ކުރާ ވާހަކަ މީޑިއާގައި އޮންނާނެ. ނަމަވެސް އާދިތުޔާ އެއާ މުޅިން ތަފާތު. އަދި އަހަރެންނަކީ ވެސް އަދިތުޔާ ކަހަލަ މީހެއް. ގޭގައި އެކަނި މާއެކަނި ވަގުތު ހޭދަ ކުރަން އަހަރެމެން މާ ހިތްހަމަޖެހޭ،" ރާނީ ބުންޏެވެ.

އަދިތުޔާ އާއި ރާނީ ކައިވެނިކޮށް މިހާރު އެމީހުންނަށް އަންހެން ދަރިއަކު ވެސް ލިބިފައި ވެއެވެ.

ފިލްމީ ރޮނގުން ރާނީ އެންމެ ފަހުން ކުރި މަސައްކަތަކީ "މަރްދާނީ 2" އެވެ. އަދި ވަރަށް އަވަހަށް ރިލިޒްކުރަން ހަމަޖެހިފައިވާ "ބަންޓީ އައުރް ބަބްލީ 2" އިން ވެސް ރާނީ ފެންނާނެ އެވެ.