އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖޯޖިއާގެ އެޓްލާންޓާއަށް ވަޑައިގަތުމަށް އެއާ ފޯސް ވަންއަށް އަރައިވަޑައިގަތުމުގައި ތިން ފަހަރު ސިޑިމައްޗަށް ވެއްޓި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ބައިޑަންގެ ހާލު މުޅިން ރަނގަޅު ކަމަށާއި ސިޑިން ވެއްޓިވަޑައިގަތުމާ ގުޅިގެން ސިއްހަތުގެ ގޯސް ހާލަތެއް މެދުވެރިވެ ވަޑައިގެންފައި ނުވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ކޭޓް ބެޑިންގްފީލްޑް ބަޔާނެއް މެދުވެރިކުރައްވައި ވިދާޅުވީ ބައިޑަންއަށް އެއްވެސް ޒާތެއްގެ ގެއްލުމެއް ލިބިވަޑައިގެންފައިނުވާ ކަމަށް އެއާ ފޯސް ވަންގެ މެޑިކަލް ޓީމުން ކަރަވަރު ކޮށްދޭ ކަމަށެވެ.
ބައިޑަން ވައިޓް ހައުސްއަށް ވަޑައިގަތުމުގެ ކުރިން ވެސް ވަނީ ފަޔަށް އަނިޔާވެ ވަޑައިގެންފަ އެވެ. ގެންގުޅުއްވާ ކުއްތާއާއެކު ކުޅުއްވަނިކޮށް ވެއްޓިވަޑައިގެން ވަނީ ތަނބިކައްޓަށް އަނިޔާވެފަ އެވެ. އަދި ޑޮކްޓަރުން ދެއްވި އިރުޝާދާ އެއްގޮތަށް ޚާއްސަ ބޫޓުކޮޅެއް ވެސް ތުރުކުރެއްވި އެވެ.
އެއާ ފޯސް ވަންއަށް އަރާވަޑައިގަންނަވަނިކޮށް ސިޑި މައްޗަށް ވެއްޓިވަޑައިގަތުމުން ހީވެފައި އޮތީ ހަމަ އެފަޔަށް ގެއްލުމެއް ލިބިވަޑައިގަތީ ކަމަށެވެ. މި ހާލަތު މެދުވެރިވި ސަބަބަކީ އެދުވަހު މާބޮޑަށް ވައިގަދަވުމުން ކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.
ބައިޑަންއަށް ފަރުވާ ދެއްވުުމުގައި އިސްކޮށް އުޅުއްވާ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ޑރ. ކެވިން އޯކޯނާ މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވި ގޮތުން ބައިޑަންގެ ސިއްހަތު މުޅިން ރަނގަޅެވެ. އެމެރިކާ ކަހަލަ ގައުމެއް ހިންގެވުމަށް ހަމަ ވަރަށް ފިޓެވެ. އަދި ޑޮކްޓަރެއްގެ ހައިސިއްޔަތުން ވެސް ފިކުރު ކުރަންޖެހޭ ކަމެއް ނެތެވެ.