އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ "ޓްރައިބިއުނަލް" ގެ ދަރަޖަ ލިބިގެންވާ ތަނެއް ނޫން ކަމަށް ކަނޑައަޅާ، އެ އޮފީހުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ނުކުރެވޭނެ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް ނިންމީ އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) މެދުވެރިކޮށް ހޯދަން ހުށަހެޅި ރިޕޯޓަކާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑަބްލިއުއެސްސީއަށް އެންގުމުން، އެ ކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގަ އެވެ.
މޫސާ ނަސީމް ކިޔާ މީހަކު އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލައާ ގުޅޭ އޮޑިޓް ރިޕޯޓެއް ހޯދުމަށް އޭނާ ވަނީ އިންފޮމޭޝަނަރުގެ އޮފީހަށް ހުށަހަޅާފަ އެވެ. އައިކޮމްއިން އެމްޑަބްލިއުސްއެސްީ އަށް އެންގީ މޫސަ އެދުނު ގޮތަށް އެ ރިޕޯޓް އޭނާއަށް ދިނުމަށެވެެ.
މިމައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ މައްޗަށް ކަމަށެވެ. އެއީ ދަށު ކޯޓަކުން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ގާނޫނުއަސާސީއާއި، ގާނޫނަކާ ނުވަތަ ގަވައިދަކާ ހިލާފުވާ ކަމަށް ފާހަގަވެގެން މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން އެ ކޮމިޝަންގެ ނިންމުމަކީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ކުރިއަށް ގެންދެވިދާނެ ކަަމަށް ހައިކޯޓުގެ ނިންމުމުގައިވެ އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްގެ ނިންމުންތަކަކީ "އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް" ކަމަށް ކަނޑައަޅާފައިވާތީ އިންފޮމޭޝަން ކޮމިޝަނަރަކީ ޓްރައިބިއުނަލެއްތޯ ބަލާއިރު އެގޮތަށް މާނަކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ގާނޫނު އަސާސީގައި ޓްރައިބުނަލެއްގެ ދަރަޖަ ދީފައިވަނީ ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ހާލަތްތަކުގައި، އެކަމަކާ މެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން، އެކަމަކާ މެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ އަދި ކޯޓެއް ކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާ އަކަށެވެ. މިތަޢާރަފަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމުންތައް ގާނޫނީ ގޮތުން ނުފެތޭ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
އެހެންކަމުން އެމްޑަބްލިއުއެސްސީން ހުށަހެޅި މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފް ކޮށްގެން ބަލަމުންދާ މައްސަލަތައް ގޮތަށް، ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިދީފައި ނުވާ މައްސަލައަކަށް ވާތީ އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށްވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވެ އެވެ.