ބިދޭސީ މަސައްކަތްތެރިން މަދުކޮށް 200 ދިވެހިންނަށް ވަޒީފާ ދޭން ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން ޝިފާ ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން މަދު ކުރަން މިހާތަނަށް 30 ދިވެހިން އިތުރުކޮށް، އިތުރު 200 މުވައްޒަފުން ނެގުމަށް ޕްލޭނެއް ހަދާފައިވާ ކަމަށެވެ.
މުއިއްޒު ރޭ ކުރެއްވި ޓެވީޓުގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދިވެހިންނަށް ވަޒީފާ ދިނުމަށް އިސްކަންދޭން ޖެހޭ ކަމަަށާއި ބިދޭސީ މުވައްޒަފުން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނަގަންޖެހޭ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ވެސް މުއިއްޒު ގޮވާލެއްވި އެވެ.
އެއާ ގުޅުވައި ޝިފާ ވިދާޅުވީ ހަތް އަހަރު ދުވަހު ހުރިހާ ސެކްޝަނެއް ގެންގުޅުއްވިއިރު އެއްވެސް ބިދޭސީ މަސައްކަތްތެރިއަކަށް ބަދަލުގެނެސްފައި ނުވާ ކަމަށެވެ.