މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭ ގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ހިމެނޭހެން މިރެއިން ފެށިގެން 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ ކަމަށެވެ.
ރެއާ ހަމައަށް އޮތީ ރޭގަނޑު 8 ޖެހުމާއެކު ކެފޭތައް ބަންދު ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ހުއްދަ ނަގައިގެން ރޭގަނޑު 10:30 ވަންދެން ޑެލިވަރީގެ ހިދުމަތް ދެއެވެ.
މި އެންގުމަށް ބަދަލު ގެނެސްފައިމިވަނީ އިތުރު ހަތަރު ދުވަހަށް އެ އެންގުމަށް އަމަލުކުރަން ޑިރެކްޓަރު ޖެނެރަލް އޮޕް ޕަބްލިކް ހެލްތް ރޭ އެންގުން އާ ކުރައްވާފައިވަނިކޮށެވެ.
ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ކުންފުނިތައް ބަނގުރޫޓުވުމާ ގާތްވެފައިވާ ކަމަށް ކުންފުނިތަކުގެ ވެރިން ގެންދަނީ ބުނަމުންނެވެ. އަދި އިހުތިޖާޖު ކުރުމުގެ ގޮތުން ތަންތަނުގެ ހިދުމަތް ހުއްޓާލާ ބަންދުކޮށް މަގުމައްޗަށް ނިކުންނަންވެސް އެ ހިދުމަތްދޭ ފަރާތްތަކުން ދިޔައީ ވިސްނަމުންނެވެ.