ރައީސް އަބްދުﷲ ޔާމީން

ޖަރީމާތައް ހިންގި މީހުނަށް ހައްގު އަދަބު ދޭނެކަން ޔަގީންކޮށްދެން: ރައީސް

Nov 2, 2015
  • ހަމަލާ ދިނީ ވެރިކަމުގެ ދަހިވެތި ކަމުގައި
  • އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހު އިސްކުރަން ގޮވާލެއްވެވި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި ދިން ހަމަލާއަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ދީފައިވާ ހަމަލާއެއް ކަމަށާއި ޖަރީމާ ހިންގި މީހުން ހޯދައި އެކަމުގެ ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާދަމާ ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ މުނަސާބަތާ ގުޅުވައި މިއަދު އާންމު ކުރެއްވި ރަސްމީ ހިތޯބުގައި ނޮވެމްބަރު 3 ގެ ހަމަލާ އާއި މިދިއަ މަހުގެ 28 ވަނަ ދުވަހުގެ ހަމަލާއަށް އިޝާރާތް ކުރައްވަ އެވެ.

ރައީސް ވިދާޅުވީ މީގެ 27 އަހަރު ކުރިން ނޮމެވްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ޙަމަލާއަކީ، ރާއްޖޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާ ކަމަށާއި މިދިއަ މަހު އެމަނިކުފާނު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަަށްފަހު، މާލެ އަށް ވަޑައިގަތް ވަގުތު، ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި ޢަމަލަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ޙަމަލާއެއްކަން މިހާރު ޔަޤީންކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ނޮވެމްބަރު 3 ގެ ހަމަލައިން ދިވެހިން ލިބިގަންނަންވީ އެންމެބޮޑު އިބުރަތަކީ، ގައުމުގެ އަމާންކަމާއި ސުލްޙަވެރިކަން ނަގާލަން ދަހިވެތިވެފައިވާ ބަޔަކު، ރާއްޖޭގެ އެތެރެ އާއި ބޭރުގައި، ސިއްރާއި ފާޅުގައި އުޅެމުންދިއުން ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ހިޔަލުގައި، ކަނޑުފަޅުތަކުންނާއި، އެއްގަމުން ލިބޭ ރޯދީގައި އުޅެމުންމިދާ އުފާވެރި ހިތްގައިމު ދިރިއުޅުން ދިވެހިންގެ ކިބައިން ނިގުޅައިގަތުމަށްޓަކައި ކެތްމަދުވެފައިވާ ބަޔަކު އެބަތިބިކަން އޭރުވެސް އަދި މިއަދުވެސް ފެންނަން އޮތް ކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.

އެ މަނިކުފާނު އަވާހަރަ ކޮށްލަން "ފިނިފެންމާ" ގައި ދިން ހަމައަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެ ހަމަލައާ ގުޅިގެން ސިފައިންނާއި ފުލުހުން މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި، ގިނަ އަދަދެއްގެ ހަތިޔާރާއި، ބޮން ހަދަން ބޭނުންކުރާ ތަކެތި ފެނުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހިފައިވާ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ އެ ތަކެތި ރާއްޖެއަށް އެތެރެކުރީ ކޮންއިރަކުތޯ އާއި، އެތެރެކުރި ގޮތާއި އަދި މިކަމުގެ އަޑީގައި ތިބީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރާ ކަމަށެވެ.

"... ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މި ހުތޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން، މި ފުރުސަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް އެ ޖަރީމާ ހިންގި ބަޔަކަށް އެކަމުގެ ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަންވެސް، ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަންކަން ހާސިލުކުރުމުގެ އުންމީދުގައި ތިބި މަދު ބަޔަކަށް މުހިންމުވަނީ ގައުމުގެ މަސްލަހަތަށްވުރެ އެމީހުންގެ އަމިއްލަ މަސްލަހަތު ކަމަށާއި ވެރިކަމާއި ބާރުވެރިކަން ހޯދަން އޮތް ޖާއިޒު މަގު އިހުތިޔާރު ކުރުމުގެ ބަދަލުގައި، ވަގުތީ އުފަލަށް އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދައި، ނުރައްކާތެރި ޢަމަލު ހިންގުމަށް އެފަދަ ބަޔަކު ފަސްނުޖެހޭނެ ކަމަށެވެ. އެކަން ރާއްޖެއަށް ކުރިމަތިވި މިފަދަ ކިތަންމެ ހާދިސާތަކުން ޔަގީންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ނަސްރުގެ ދުވަހަށް އަލި އަޅުވައިލައްވާ ރައީސް ވިދާޅުވީ އެ ދުވަސް ދިވެހިންނަށް ދަސްކޮށްދިން މުހިންމު އެއް ފިލާވަޅަކީ، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އިހުލާތެރިވުމުގެ މުހިންމުކަން ކަމަށެވެ. އަދި ގައުމުގެ ކަންކަމަށް އިސްކަންދީ، ގައުމީ ކަންކަން ކުރިއަށް ނެރުމުގެ މުހިންމުކަން ކަމަށެވެ.

"... އެހެންކަމުން، ދިވެހި ގައުމަށް އިހުލާސްތެރިވެވަޑައިގަތުމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި އެކި ފަރާތްތަކުން ރާވާ ރޭވުންތަކަށް ސަމާލުވެ ތިއްބެވުމަށް، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ ހިތޯބުގައި ވެއެވެ. "އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހު އިސްކުރެއްވުމަށް ގޮވާލަމެވެ. އަޅުގަނޑުމެންނަށް މުހިންމީ، މި ލޮބުވެތި ގައުމެވެ. މި ލޮބުވެތި ފަސްގަނޑެވެ. މިއީ، އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދީ، ވިސްނަންޖެހޭނެ ކަމެކެވެ."

އެ މަނިކުފާނުގެ ހިތޯބުގައި މީގެ 27 އަހަރު ކުރީގެ އުދުވާނީ ހަމަލާއަކީ، ރާއްޖޭގެ ތާރީޚުގައި ފަހަކަށްއައިސް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ސިފަ ކުރައްވާ އެ ހަމަލައިން، މާތްވެގެންވާ އިސްލާމްދީން ރައްކާތެރި ކުރައްވައި، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގާ ޖިހާދު ކުރައްވައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ގައުމީ އަބްޠާލުންގެ ޒިކުރާ އާ ކުރައްވާފައި ވެއެވެ.

އަދި އެދުވަހު ދިވެހި ސިފައިން ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދަކީ، ދުވަހަކުވެސް ދިވެހިންގެ ހަނދާނުން ފުހެވިގެންދާނެ ޖިހާދެއް ނޫން ކަމަށާއި އެދުވަހު ސިފައިން ކޮށްދެއްވި ގައުމީ ޚިދްމަތުގެ އަގު ވަޒަންކުރއްވާ ކަމަށް ވެސް ވިދާޅުވެފައި އެވެ.

"... ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރެއްވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީގެ މަތިންވެސް ހަނދާންކުރަންޖެހެއެވެ. އެ ހުތޫރަތްތެރި ދަނޑިވަޅުގައި، ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު، އެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެކެވެ،"

ރާއްޖޭގެ ބަޔަކާއި ސްރީލަންކާގެ ހަނގުރާމަވެރި ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން ހަމަލާގައި 19 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.