ދިވެހިންގެ 19 މީހަކު ޝަހީދުކޮށްލައި އެތައް އާއިލާއަކަށް ފުން ހިތާމައަކަށް ގަންބާލި އެ ދުވަހަކީ ދިވެހިން ހަނދާން ނެތޭނެ ދުވަހެއް ނޫނެވެ. އެ ޝަހީދުންގެ ޒިކުރާއި ހަނދާން އަބަދުވެސް ދިވެހިން އާ ކުރާނެ އެވެ. އެކަމަކު ގައުމުގެ ވެރިންނަށް އެ ދުވަހަށް، އެ ޝަހީދުންނަށް ސަމާލު ކަމެއް ނެތެވެ.
އިއްޔެ ފާހަގަކުރީ މިފަހުން ރާއްޖެއާ ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނަށް 30 އަހަރު ފުރުމެވެ. ދިވެހިންގެ ނަސްރުގެ ދުވަހަށް 30 އަހަރު ފުރުނީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން ދުރާލައި ރާވައިގެން ހިންގި އެ ބަޣާވާތް ފެއިލްކޮށްލައި ގައުމަށްޓަކައި ސިފައިންތަކެއް ފުރާނަ ދޫކޮށްލި ދުވަހަށް 30 އަހަރު ފުރުނުއިރު އެ ހަނދާންތައް އާ ކުރި ސިޔާސީ ހަަމައެކަނި ލީޑަރަކީ ރައީސް މައުމޫނެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ ތިން ބޭފުޅުން ކަމަށްވާ ފާރިސް މައުމޫން، ދުންޔާ މައުމޫން އަދި ޔުމްނާ މައުމޫން ދުވަހުގެ ތަހުނިޔާ އެންމެންނަށް ފޮނުވި އެވެ. އަދި އެ ދުވަހު ޝަހީދުވި މީހުން ޒިކުރާ އާކުރި އެވެ. އެ ދުވަހު އިންޑިއާ ވެދިން އެހީއަށް އަނެއްކާވެސް ޝުކުރުވެރިވި އެވެ.
އެކަމަކު، އެހެން އެއްވެސް ސިޔާސީ ލީޑަރެއްގެ ފަރާތުން މި މަންޒަރު ނުފެނުމަކީ އާންމު ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.
އާންމުކޮށް ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ސިޔާސީ ކޮންމެ ބޭފުޅަކު ވެސް ޓްވީޓެއް ކުރައްވަ އެވެ. ބަޔާންތައް ވެސް ނެރެ އެވެ. އެއީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކަމުގައި ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވިޔަސްމެ އެވެ.
އިއްޔެ ވެސް އިންތިހާބީ ރައީސް އިބޫ ޓްވީޓެއް ކުރައްވާފައިވެ އެވެ. ނަމަވެސް ނަސްރުގެ ދުވަހުގެ ވާހަކަ ނަންގަންނަވާފައެއް ނުވެ އެވެ. އިންތިހާބީ ރައީސްގެ ފަރާތުން ވަރަށް ކުޑަ ގޮތަކަށް ދުވަހަށް އިޝާރަތް ކުރައްވާ ވާހަކަ ދެއްކެވީ މާރިޔާ ދީދީ އެކަންޏެވެ. ހުދު އެމަނިކުފާނުގެ ފަރާތުން ދުވަހުގެ ޒިކުރާ އާ ނުކުރެއްވުމަކީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.
ހަމައެހެން ރައީސް ނަޝީދު ވެސް އެ ދުވަހުގެ ހަނދާން އާ ނުކުރެއްވި އެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން ވެސް ދުވަހާ ގުޅޭ ބަހެއް ނުލިބެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ވެސް ނަސްރުގެ ދުވަހުގެ އެއްވެސް ވާހަކައެއް އަޑު ނީވުނެވެ. ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.
ގައުމުގެ ވެރިކަމާ ދެން ހަވާލުވާން ތިއްބެވި ބޭފުޅުން ދުވަހުގެ ހަނދާން އާ ނުކުރެއްވިިއިރު މިހާރު ހުންނެވި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ވެސް ނަސްރުގެ ދުވަހާ ގުޅިގެން އެއްވެސް ބަސްފުޅެއް ނުފެނެ އެވެ. އެމަނިކުފާނަކީ ސޯޝަލް މީޑިއާގައި އެކްޓިވް ބޭފުޅެއް ނޫނެވެ. ނަމަވެސް މުހިންމު ދުވަސްތަކާ ގުޅިގެން އެމަނިކުފާނު އަބަދުވެސް ބަޔާންތައް ރައީސް އޮފީސް ސައިޓްގައި ނެރުއްވަ އެވެ. ނަމަވެސް ނަސްރުގެ ދުވަހު އެފަދަ ކަމެއް ނެތެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން ބޭއްވި ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ސަރުކާރުގެ އެހެން އިސް ބޭފުޅެއް ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ސިޔާސީ އޮއިވަރާއި ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް ކޮންމެ ގޮތަކަށް ބަދަލުވިޔަސް ގައުމީ ދުވަސްތަކަކީ ހަނދާން ނައްތާލައި، ސަމާލުކަން ނުދޭ ދުވަސްތަކަކަށް ހަދައިގެން ނުވާނެ އެވެ. ހާއްސަކޮށް ނަސްރުގެ ދުވަސް ފަދަ މީހުންގެ ޖަޒުބާތުތަކާ ގުޅިފައިވާ ދުވަސްތައް ބޭކާރަށް ދޫކޮށްލުމަކީ ގައުމީ ލޯތްބާއި ގައުމީ ރޫހު ހުރި ދިވެހިން ބަލައިގަންނާނެ ކަމެއް ނޫނެވެ. ސިޔާސީ ބޭފުޅުން ހަނދާން ނެތުނަސް ނަސްރުގެ ދުވަހުގެ ހަނދާންތަކަކީ ދިވެހިން ހަނދާން ނެތޭނެ ދުވަހެއް ނޫންކަން އިއްޔެ ވެސް އެނގިގެން ދިޔަ އެވެ.