ދުވަސްވެފައިވާ ދީނީ ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ ހަރަކާތުގައި 30 ޓަނުގެ ލިޔުން ޖަމާ ކުރެވުނުކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.
އިއްޔެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބާވެފައިވާ މުސްހަފާއި ގުރްއާން ތަރުޖަމާ އާއި ﷲ ގެ އިސްމަފުޅު ހިމެނޭ އެކިއެކި ލިޔުންތައް ވަނީ އެއްކޮށްފަ އެވެ. ސަލަފުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެފަދަ ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލެވޭނެ ގޮތެއް ނެތި ގިނަ ބަޔަކު އެފަދަ ފުރުސަތަކަށް އެދެމުންދާތީ އެވެ.
އިއްޔެގެ އެ ހަރަކާތުގައި އިސްކޮށް އުޅުއްވި ސަލަފުގެ ޖެނެރަލް ސެކެޓްރީ އަހްޙްމަދު ޝަރީފް ވިދާޅުވީ އާންމު ފަރާތުން ވަރަށް ގިނަ ލިޔުންތައް ލިބިފައިވާ ކަމަަށާ އެެތަކެތީގެ ބަރުދަން 30 ޓަނަށް އަރާ ކަމަށެވެ.
"ގާތްގަނޑަކަށް އަޅުގަނޑުމެންނަށް 12 ޕިކަޕުގެ ލިޔުންތައް ޖަމާ ކުރެވުނު. އެއީ 30 ޓަނުގެ ތަކެތި. ހަވީރު މަސައްކަތް ނިންމާލުމަށް ފަހު މިހާރު އެ ތަކެތިވަނީ ނައްތާލުމަށް ހިންމަފުއްޓަށް ގެންދެވިފައި. އިންޝާﷲ ލަފާ މި ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ލިޔުންތަކެއް ނައްތާލެވޭނެ ކަމަށް،" ޝަރީފު އިތުރަށް ވިދާޅުވި އެވެ.
ސަލަފުން އެ މަސައްކަތް ކުރިއަށް ގެންދަނީ ހެރިޓޭޖް މިނިސްޓްރީ އާއި ފުލުހުންގެ އެހީތެރިކަން ވެސް ހޯދައިގެނެވެ. އަދި އިސްލާމިކް މިނިސްޓްރީ އާއި އެމްޕީއެލްގެ އެހީތެރިކަން ވެސް ހޯދައިގެނެވެ. މި ހަރަކާތުގައި އެއްކުރީ ދުވަސްވީ ބާވެފައިވާ ލިޔުންތައް ކަމުން ކޮންމެ ސައިޓެއްގައި ވެސް ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު ހަރަކާތްތެރިވި އެވެ.
"މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަމުގައި ސަލަފް އެއިޑުގެ މެމްބަރުން ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރަން. މިފަދަ ކޮންމެ ކަމެއްގައި އެ މެމްބަރުން ކޮށްދެއްވާ މަސައްކަތަކީ ވަރަށް ޝުކުރުވެރި ކަމާއި އެކު ފާހަގަ ކުރާކަމެެއް" ޝަރީފް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުންޏެވެ.
ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަަސައްކަތެއް ކުރާ ސަލަފަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔާ އެވެ. އެ ޖަމިއްޔާއިން ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހިން ހޭލުންތެރި ކުރުވަން މަސައްކަތް ކުރަމުންނެވެ. ޓީވީ އާއި ރޭޑިއޯ ޕްރަގްރާމްތައް އުފައްދާ އަދި ސަލަފުގެ ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ޕްރަގްރާމްތައް އުފައްދައިގެން ގެނެސްދެ އެވެ. އަދި މާލެ އާއި އެކި ރަށްރަށުގައި ސިލްސިލާކޮށް ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމާއި އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހާއްސަކޮށްގެންވެސް އެކި ޕްރަގްރާމްތައް ކުރިއަށް ގެންދެ އެވެ.