ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައެއްގައި އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.
މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މި އަންގާރަ ދުވަހު ކަމަށެވެ. މިއީ ސަރުކާރުން އަންގައިގެން ކުރަމުންދާ ކަމެއް ކަމަށާ ބޭނުމަކީ ކެންޕެއިނަށް ހުރަސް އެޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ކެންޕެއިނަށް ސަރުކާރުން ހުރަސްއެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމަށް، އަބުރު ކަތިލުމަށް ސަރުކާރުން އަންގައިގެން 23 މާޗްގައި އޭސީސީއަށް ހާޒިރުކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށެވެ.
ނަމަވެސް އޭސީސީއަށް ހާޒިރުުކުރަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެއެވެ.
މުއިއްޒު މައްޗަށް ވަނީ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ އެއްވެސް އުފުލާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 20019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލާގައި ކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫ އާއި ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުންދިޔަ ކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާތީ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ ފޮނުވީ ޖޫން 14، 2020 ގައެވެ.
ނަމަވެސް އެ ތުހުމަތުތައް މުއިއްޒު ދޮގު ކުރައްވައެވެ. މުއިއްޒު ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ގެއްލުން ވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކިތަންމެ ގިނަ ތުހުމަތުތަކެއްކޮށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.