ލައިފްސްޓައިލް

ފޭކް ޑޮކްޓަރެއްގެ ސިޒޭރިއަނަކުން މައިމީހާއާ ދަރިފުޅު މަރު

އިންޑިޔާގެ އުއްތަރު ޕްރަދޭޝް (ޔޫޕީ) ގެ ރަށެއްގައި ޑޮކްޓަރަކަށް ހެދިގެން ނާސިން ހޯމެއްގައި މަސައްކަތް ކުރި މީހަކު ސިޒޭރިއަން ހެދުމުގެ ސަބަބުން މައި މީހާ އާއި ދަރިފުޅު މަރުވެއްޖެ އެވެ.

ސުލްތާންޕޫރް ޑިސްޓްރިކްޓްގައި ހުންނަ މާ ޝާރްދާ ކްލިނިކް ކިޔާ ޕްރައިވެޓް ނާސިން ހޯމެއްގައި އަންހެންމީހާގެ ސިޒޭރިއަން ސެކްޝަން ހަދާފައި ވަނީ ރޭޒަރު ތިލައަކުން ކަމަށް ވެއެވެ. މި ސާޖަރީ ހަދާފައިވާ މީހާ އާއި އެހީތެރިވީ މީހުންގެ އަތުގައި ޑޮކްޓަރީ ފާހެއް ނޯވެ އެވެ. ސިޒޭރިއަން ހެދި މީހާއަކީ ގްރޭޑް އަށަކުން ފާސް ނުވެގެން ކަނޑާލާފައި ހުރި މީހެކެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މި ސާޖަރީ ހެދުމުން ފުރަތަމަ ތުއްތު ކުއްޖާ މަރުވެ އަދި އޭގެ ފަހުން އަންހެންމީހާ ވެސް ލޭ މަނާ ނުވެގެން ވަނީ މަރުވެފަ އެވެ.

ޑޮކްޓަރަށް ވެގެން އެ ކްލިނިކްގައި މަސައްކަތްކުރީ 30 އަހަރުގެ ރާޖެންދުރަ ޝުކްލާ ކިޔާ މީހެކެވެ. އެމީހާ ޑޮކްޓަރެއްގެ ވަޒީފާއަށް ވެއްދީ އެ ހޮސްޕިޓަލުގެ ވެރި މީހާ އެވެ. އެ ކްލިނިކްގައި މުޅީން ވެސް ތިބީ މި ކަހަލަ ފޭކް ޑޮކްޓަރުންނެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި ކްލިނިކްގައި ބަލި މީހުންނަށް ފަރުވާ ދޭނެ އެކަށީގެންވާ ސާމާނެއް ވެސް ނުހުރެ އެވެ.

އަންހެނުންނާއި ދަރިފުޅު މަރުވުމުން އަންހެންމީހާގެ ފިރިމީހާ ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުން ފުލުހުން އައިސް ވަނީ ޝުކްލާ އާއި ހޮސްޕިޓަލުގެ ވެރިމިހާ ހައްޔަރުކޮށްފަ އެވެ. އަދި ޝުކްލާގެ މައްޗަށް ގަސްތުގައި ދެ މައިން މަރާލިކަމުގެ ދައުވާ ނުކުރިޔަސް އޭނާގެ އިހުމާލުން ދެ މައިން މަރުވުމުން އެކަމުގެ ދައުވާ ކުރަން ވަނީ ނިންމާފަ އެވެ.

ފުލުހުން ބުނީ މި ކްލިނިކަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ވެސް ނޫނެވެ. މިތަން އޮޕަރޭޓް ކުރަނީ ފޫޅުމައިންނާއި ފޭކް ޑޮކްޓަރުން ލައިގެންކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސުލްތާންޕޫރްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ މަރުވި އަންހެންމީހާގެ ފިރިމީހާ ރާޖާރާމް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.

ރާޖާރާމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާގެ އަންހެނުން ޕޫނަމް، 33، އާއި ތުއްތު ދަރިފުޅު ކްލިނިކްގެ އިހުމާލުން މަރުވެފައިވާ ކަމަށެވެ.

"އަހަރެމެން ބެލި ބެލުމުން އެނގުނު ގޮތުގައި މިއީ ރެޖިސްޓްރީކޮށްގެން ހިންގާ ކްލިނިކެއް ވެސް ނޫން. އަދި ސާޖަރީތައް ހެދޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނެއް ވެސް ނޫން އެއީކީ. ފޭކް ޑޮކްޓަރުން އަންހެންމީހާގެ ސާޖަރީ ހަދާފައިވަނީ ރޭޒަރު ތިލައިން،" ފުލުހުންގެ އިސް އޮފިސަރު ބުންޏެވެ.

ރާޖާރާމްގެ އަންހެނުން ވިހަން ބަނޑުހައި ރިހެން ފެށީ ބުދަ ދުވަހު އެވެ. ފުރަތަމަ އޭނާ ދެއްކީ ފޫޅުމަޔަކަށެވެ. އެ ހިސާބުގައި ހުރި ޕްރައިމަރީ ހެލްތު ސެންޓަރަށް ގެންދަން ފޫޅުމައިމީހާ އެދުމުން ދެން ގެންދިޔައީ އެތަނަށެވެ. އެތަނުގައި ހުރީ އޮގްލިޒަރީ ނަރުހެކެވެ. އަންހެންމީހާގެ ހާލަތު ގޯސްވާތީ އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް ނަރުސް މީހާ އިރުޝާދު ދިނުމުން މާ ޝާރްދާ ކްލިނިކަށް ގެންދިޔައީ އެވެ. އެތަނަށް ގެންދިޔައީ ނާސިން ހޯމަކަށް ވާތީ އެވެ.

އެތަނަށް ގެންދިއުމާއެކު ސިޒޭރިއަން ހަދަން ވަގުތުން ވެއްދި އެވެ. އަދި ސާޖަރީހެދުމުގެ ތެރޭގައި ޕޫނަމްގެ ގައިން ވަރަށް ބައިވަރު ލޭތައް ފައިބަން ފެށީ އެވެ. އެތާ ތިބި ފޭކް ޑޮކްޓަރުން ރާޖާރާމް ކައިރީގައި ޕޫނަމް ގޮވައިގެން ޑިސްޓްރިކްޓް ހޮސްޕިޓަލަށް ދާން ބުންޏެވެ. ނަމަވެސް އެތަނާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލް ވެސް ހުރީ 140 ކިލޯ މީޓަރު ދުރުގައި ކަމުން އެ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ޕޫނަމްގެ ހާލު އޮތީ ވަރަށް ސީރިއަސް ވެފަ އެވެ. އަދި އެތަނަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ އޭނާ މަރުވީ އެވެ.

މި ހާދިސާ އާ ގުޅިގެން މިގޮތަށް ރަޖިސްޓްރީ ނުކޮށް ހިންގާ ކްލިނިކްތައް ބަލައި އެތަންތަން ބަންދުކުރަން ފުލުހުން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފަ އެވެ.