ބޮލީވުޑް

ޕަވަންދީޕާއި ސަލްމާނާ ގާތް ގުޅުމެއް

ސޮނީ ޓީވީން ދައްކާ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަން މިހާރު ކުރިޔަށް ދާއިރު މި ޝޯގައި ވާދަކުރާ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޕަވަންދީޕް ރާޖަންއަކީ މިފަހަރުގެ ޝޯ ކާމިޔާބު ކުރުމާ އެންމެ ގާތް ލަވަކިޔުންތެރިޔާ ކަމުގައި މިހާރުއްސުރެ ގިނަ ބަޔަކު ވަނީ ގަބޫލު ކޮށްފަ އެވެ.

ޕަވަންދީޕާއި ސަލްމާން ހާން އެކުގައި ލަވަ ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެ ދެ މީހުންގެ މެދުގައި ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ކަން ވަނީ ހާމަ ވެފަ އެވެ.

ޝޯގެ އެހެން ބައެއް ބައިވެރިންގެ ފޭނުން މިކަމާ ވަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ޚާއްސަކޮށް ޕަވަންދީޕް އާ އެންމެ ގާތުން ވާދަކުރާ ސަވާއީ ބަޓްގެ ފޭނުންނަށް މި ވީޑިއޯ ފެނި މިކަމާ ވަރަށް މާޔޫސް ވެގެން އެ ވާހަކަ ދައްކަމުން އެބަދެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަލްމާނަކީ ވަރަށް ކުރިއްސުރެ ވެސް ޕަވަންދީޕްގެ ފޭނެކެވެ. އޭނާ ލަވަ ކިޔ ގޮތް ސަލްމާނަށް ވަރަށް ކަމުދާ ކަމަށް ވެއެވެ. އަދި ސަލްމާންގެ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ޕަވަންދީޕް އަށް ދޭން ސަލްމާން ބޭނުންވެއެވެ.

ޕާޓީއެއްގައި ސަލްމާނާއެކު ޕަވަންދީޕް ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ތޫފާނެއް ގެނެސްފައިވާއިރު ޝޯގެ އެހެން ހުރިހާ ބައިވެރިންގެ ފޭނުން ވެސް ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ. މިފަހަރުގެ ޝޯ ކާމިޔާބުކުރާނީ ޕަވަންދީޕްގައި މިހާރު ގާތްގަނޑަކަށް ޔަގީންކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ޕަވަންދީޕްގެ ފޭނުން ނޫން އެހެން ބައިވެރިންގެ ފޭނުން ބުނަނީ ޕަވަންދީޕް އެއްވަނަ ހޯދާނީ ކޮންމެހެން އޭނާއަކީ އެންމެ މޮޅަށް ލަވަ ކިޔާ މީހާއަށް ވެގެން ނޫން ކަމަށެވެ. ސަލްމާނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ޕަވަންދީޕަށް އެއްވަނަ ލިބުން ވަރަށް ގާތް ކަމަށެވެ.

ފަހުގެ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ސަލްމާންގެ މިހާރު ރިލީޒްވާން ތައްޔާރުވަމުންދާ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އަށް ވެސް ޕަވަންދީޕް ލަވަ ކިޔައިދީފައި ވެއެވެ. ނަމަވެސް ބޮލީވުޑްލައިފް އޮންލައިން އަށް ދީފައިވާ އިންޓަވިއު އެއްގައި ޕަވަންދީޕް ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ.

ޕަވަންދީޕް ބުނީ "ރާދޭ"ގައި އޭނާގެ ލަވައެއް ނުހިމެނޭ ކަމަށެވެ. ނަމަވެސް ސަލްމާންގެ ފިލްމަކަށް އޭނާ ލަވަ ކިޔައިދޭން ހަމަޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

މި އިންޓަވިއުގައި ޕަވަންދީޕް ވަނީ ޝޯގައި ބައިވެރިވާ އަންހެން ލަވަކިޔުންތެރިޔެއް ކަމަށްވާ އަރުނީތާ ކަންޖީލާލް އާއި އޭނާ އާ އަޅުވާކިޔާތީ އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

ޕަވަންދީޕް ބުނީ އޭނާ އާއި އަރުނީތާ އަކީ ހަމައެކަނި "ގާތް އެކުވެރިން" ކަމަށެވެ. އެމީހުންގެ މެދުގައި އެހެން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ލަވަ ކިޔާއިރު އޭނާއަށް ހެދޭ މިސްޓޭކްތަކަކީ އަރުނީތާގެ ސަބަބުން ހެދޭ ގޯސްތަކެއް ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގާނީ ޚުދް އޭނާ ކަމަށެވެ.