ދުނިޔެ

"ރަޝިއާ، ޗައިނާއިން އެމެރިކާ ޑޮލަރު ދޫކޮށްލަންޖެހޭ"

އެމެރިކާއިން ދަތިކުރުުމުން ދަތިވާނީ ދެއަތްއުރާލައިގެން ތިބުމުން ކަމަށާއި ހުޅަނގަށް ބަރޯސާވާންޖެހޭ ޕޭމަންޓް ސިސްޓަމްތައް ރަޝިއާއާ ޗައިނާއިން ދޫކޮށްލަންޖެހިފައިވާ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

"އެމެރިކާއިން ދަތިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެމެރިކާއަށް ބަރޯސާނުވުން. އެމެރިކާ ޑޮލަރު ދޫކޮށްލައި އަޅުގަނޑުމެންގެ މެދުގައި އެއްބަސްވެވޭ ފައިސާއަކަށް ބަދަލުވުމަކީ ވެސް ކުރެވެން އޮތް ކަމެއް،" ލަވްރޯފް ވިދާޅުވި އެވެ. ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެމެރިކާގެ ނިޔަތަކީ ރަޝިއާއާ ޗައިނާ ނުކުޅެދުންތެރިކުރުވުން ކަމަށާއި އެއަށް ވުރެ ހޭޖެހޭ ބަަޔަކަށް ވާންޖެހޭ ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

"އެމެރިކާ ދެމިއޮތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ގަދަބާރުން ނަމަވެސް ކުރުވަނީ އެހެން މީހުންނަށް ބިރުދައްކައިގެން. އެމީހުންގެ އެޖެންޑާއަކީ އެހެން ގައުމުތައް އަޅުވެތިކުރުން." ލަވްރޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާއާ ޔޫރަޕަކީ މަޝްވަރާކޮށްގެން ކަމެއްކުރަން ދަންނަ ބައެއް ނޫން ކަމަށާއި އެމީހުން ދަންނަ ހަމައެކަނި ކަމަކީ ދަތިކުރުން ކަމަށެވެ. އެކަމަކު ދުނިޔޭގެ މަޝްރަހުގައި އެކަން ވެސް ރަނގަޅަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ގައުމުތަކަށް ދަތިކުރުމަކީ ވާރުތަވަމުން އަންނަ ކަމެއް ކަމަށާއި މިއަނިޔާވެރިކަމުގެ ތެރެއަށް އެމެރިކާ ގެނބުނީ ބާރަކް އޮބާމާގެ ވެރިކަމުގައި ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓްރަމްޕް ދެކެވަޑައިގެންނެވި ގޮތުގައި އިގުތިސޯދީ ގޮތުން ގައުމުތަކަށް ދަތިކޮށް އިނދަޖައްސާލުމަކީ ގޮލްފްކުޅުން ކަހަލަ ކަމެއް ކަމަށެވެ.