ރަށް ރަށުގައި ހުންނަ ކުޅިވަރާ ގުޅޭ އެކި ވަސީލަތްތަކަށް ދިމާވާ ކުދިކުދި ކަންތައްތައް އެ ރަށްރަށުގެ ކައުންސިލްއިން ކުރަން ޖެހޭ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް މަހުލޫފު ހާޒިރުކުރީ ތ. ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނުނިމޭ މައްސަލައިގައި ސުވާލު ކުުރުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވުމާ ގުޅިގެން ނެވެ. އެ ސުވާލުކުރުމުގެ ފުރުސަތު ތެރޭގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ސުވާލު އަމާޒު ކުރެއްވީ އޭނާ ތަމްސީލްކުރައްވާ ހއ. މޮޅަދޫ ގެ ދަނޑު ހަލާކުވެ މަރާމާތުކުރުމާ ގުޅޭ ގޮތުން ނެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ އާމްދަނީއަށް ދަތިވެ އެތަން މަރާމާތު ކުުރުމަށް މިހާރު ދަތިވެފައިވާ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ އެ ދަނޑަކީ މިހާރު މޮޅަދޫ ރައްޔިތުންގެ ތަނެއް ކަމަށާއި އެންމެ ރަނގަޅުގޮތަކީ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިގެން މަރާމާތުކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނައީވެސް ކައުންސިލްތަކުން އެފަދަ ކަންތައްތައް ކުރެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ކަމަށާއި އެހެންކަމުން އެހެންކަމުން އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ފަށަށް އެދިވަޑައިގެންނެވި އެވެ. އަދި އެފަދަ މަރާމާތުތައް ކުރެވޭނެ ގޮތަށް ފައިސާ ނެރެވޭނެ ފަދަ ގޮތްތަކެއް ހޯދަން ހުށަހެޅުއްވި އެވެ.
"މިސާލަކަށް ބޮޑު އަގެއް ނުނެގިކަމުގައި ވިޔަސް އަޅުގަނޑު ގަބޫލުކުރަން މިހާރު ރަށްރަށުގައިވެސް ހަމަ ކުޑަކުޑަ މެއިންޓަނެންސް ހަމަ ކަވަރުުކޮށްލެވޭ ވަރަށް ހަމަ ޗާޖެއްވިޔަސް ކުރާ ކަހަލަ ގޮތަކަށް އެކަން ކޮށްގެން ކައުންސިލްގެ ބަޖެޓުގައި މަރާމާތުގެ ހަރަދުތައް ޖެހިގެން ނޫން ގޮތަކަށް މި ތަންތަން މެނޭޖެއް ނުކުރެވޭނެ، އެހެންވީމާ އެކަން ކުރެވޭނެ އެންމެ މޮޅު ގޮތަކީ ހަމަ މާލޭގައި އަޅުގަނޑުމެން ތިބެގެން ރަބަރު އެޅުމާއި ޓާފުން ތަންގަނޑެއް ހަދައިގެން އެކަންތައް ކުރަން އުޅުމާއި މި ކަހަަލަ ކުދި ކުދި ކަންކަމަކީ ކައުންސިލުން ކުރާ ކަމަަކަށް ހެދުން. " މަހުލޫފް ވިދާޅުވި އެވެ.
އެފަދަ އިތުރު ހާދިސާއަކަށް އިޝާރާތް ކުރައްވައި މަހުލޫފް ވިދާޅުވީ ރަށަކަށް ހަތަރު ލައިޓް ނުލިބެގެން އުޅުނު މައްސަލައެއްވެސް ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް އައި ކަަމަށެވެ. އެއީ ވަރަށް ކުޑަކުޑަ ކަަމަކަށް ވާތީ އެކަން ނުކުރަން އުޅެފައިވެސް އެ ޝަކުވާ މާބޮޑަށް އަންނާތީ މިހާރު 400 ލައިޓް ހޯދަން އިއުލާންކޮށްފައިވާ ކަމަށް މަހުލޫފް މިއަދު މައުލޫމާތު ވިދާޅުވި އެވެ. އެހެންނަމަވެސް އެފަދަ ކަންތައްތަކަކީ ޔޫތު މިނިސްޓްރީން މާލޭގައި ތިބެގެން ކުރަން މާ ކުޑަކުޑަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.