ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮންޑެ އިބްރާހިމް ރަޝީދު

"އެޗްޕީއޭ އޮންނަނީ ބަޔަކު ހިސޯރު ކޮށްފައި"

ޓެގް ޓީމުން އެޗްޕީއޭ ހިސޯރު ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހޮޓާ ރެސްޓޯރެންޓްތަކަށް ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރަން ހުށަހެޅި މައްސަލައިގެ ބަހުސްގައި ބޮންޑެ ވަނީ ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން މިހާރު ގެންގުޅޭ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވީ ރޭގަނޑު 6:00 ފަހުން ސައިކަލްތައް ނުދުއްވޭނެ ގޮތަށް އޮތް އޮތުމަށެވެ. އަދި އޭގެ ފަހުން އެތައް ބަޔަކު ތޮއްޖެހި ބަހަށް އަރަން މަޖުބޫރުވުން އެއީ ބުއްދި ހަމަ ޖެހޭ އުސޫލެއްތޯ ވެސް އޭނާ ސުވާލު އުފެއްދަވަ އެވެ. ވިދާޅުވީ އެޗްޕީއޭގެ އެފަދަ ތާކުން ތާކު ނުޖެހޭ އުސޫލުތަކުގެ ފަހަތުގައިި އެ އިދާރާގެ އިހުމާލު އޮތް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެޗްޕީއޭއަކުން ނޫން މި ކަންކަން ކުރަމުންދަނީ. އެޗްޕީއޭގައި މައިމޫނާ އަބޫބަކުރުގެ ބާރެއް ނެތް ކަމަށް ގަބޫލު ކުރެވެނީ... ހަމައެކަނި ޓެގް ޓީމުން ހައިޖެކް ކޮށްފައި އޮންނަ އައިޖީއެމްއެޗްގެ ބަޔަކު ހިސާރު ކޮށްގެން މިއުޅެނީ،" ބޮންޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭގެ ހިންގާތަން މިހާރު ނުފެންނެ ކަމަށެވެ. އަދި އިދާރާއިން ކަނޑައަޅާ ތާކުންތާކު ނުޖެހޭ އުސޫލުތަކަކީ އޭގެ ސަބަބުން ދިމާވެގެން އުޅޭ ކަން ކަން ކަމަށް ވެސް ސިފަ ކުރެއްވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ހަދާ ގައިޑްލައިންތަކަށް މީގެ ކުރިން އާންމުންގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް އަމާޒުވެ އެވެ. އެއިން އެންމެ ފާހަގަކޮށްލެވެނީ ކައުންސިލް އިންތިހާބަށް ކަަރަންޓީނުވެ ކެމްޕޭން ކުރަން ރަށްރަށަށް ދެވޭގޮތުން އެޗްޕީއޭއިން ގެނައި ބަދަލެވެ. ނަމަވެސް ފާޑުކިޔުންތައް މާބޮޑުވުމުން އެ އުސޫލު ފަހުން އުވާލި އެވެ.