(19 މާރިޗު 2021 އާ ގުޅޭ)
ރަޝީދާގެ ހިތަށް ކުރުވަމުން ދިޔަ ފުން އަސަރުތަކާ އެކުގައި ވެސް ރަށުގެ ތެރޭގައި އޭނާ ހިނގަމުން ދިޔައެވެ. ދޭތެރެއަކުން ލޮލުން ވެއްޓޭ ކަރުނަތައް ފޮހެމުން ރަޝީދާގެ މިސްރާބު ހުރީ އޭނާގެ ގެޔާ ދިމާލަށެވެ. ރަޝީދާގެ ލޯ ކުރިމަތީގައި އައިޝާ އުޅުނު އެކަނިވެރި ހަޔާތް ފެނިފައިވާތީ އެކަމާ މެދު ރަޝީދާއަށް ވަރަށް ވިސްނެއެވެ. ނާއިކަށް ބޮޑު ބަދަލެއް އަތުވެފައިވާކަން އައިޝާ ސިއްރު ކުރަމުން ދިޔަސް، އެކަން ރަޝީދާ އަށް ދިޔައީ ރޭކައިލަމުންނެވެ. އެނގެމުންނެވެ.
ލޯންޗުގެ ތެރޭގައި ދުންޔާ އިނީ އައިޝާގެ އުނގުގައެވެ. ދުންޔާގެ ގައިގައި ބައްދައިގަނެގެން އައިޝާ އިން އިރު އޭނާގެ ސިކުނޑި ފުނިޖެހެމުން ދިޔައީ އެކި ޚިޔާލުތަކުންނެވެ. ކަނޑުމަތިން އުދުހޭ ފިނި ރޯޅިތަކުން އެއްވެސް ހަމަ ޖެހުމެއް އައިޝާއަކަށް ނުލިބެއެވެ. 2 އަހަރަށް ފަހު، ފިރިމީހާއާ ބައްދަލު ވެވޭތީ އައިޝާ ވާންވީ އުފާ ކަމެއް ނޫނީ ހިތާމަ ކަމެއް އޭނާ އަކަށް ވެސް ނޭނގެއެވެ. ކުއްލި އައި ބަދަލުން އައިޝާއަށް އޭނާގެ އުފާވެރި ދިރިއުޅުން ގެއްލިފައިވާ ކަމުގެ އިޙްސާސެްތައް އަބަދު ދިޔަައީ ކުރުވަމުންނެވެ.
ހެނދުނު 9 ޖަހަން ގާތްވެފައި ވަނިކޮށް އައިޝާމެން ދަތުރު ކުރި ލޯންޗު މާލެއަަށް ބަނދަރު ކޮށްފިއެވެ. އައިޝާ އާއި ދުންޔާއަށް މަރުޙަބާ ކިޔުމަށް ނާއިކުގެ މަންމަ ނަފީސާ އާއި ބައްޕަ ހާއިދު ހުއްޓެވެ.
"ދަރިފުޅާ.. ދޫނީ. ހާދަ ބޮޑުވެއްޖޭ މާމަގެ ދޫނިކޮޅު!" ނަފީސާ އައި ގޮތަށް ދުންޔާ އުރައިިލިއެވެ. ދުންޔާގެ ބުރަކަށީގައި ހާއިދު ވަރަށް ލޯބިން ފިރުމައިލަމުން ބަލައިލީ އައިޝާގެ މޫނަށެވެ.
"ކޮބާ ދަރިފުޅާ! ކިހިނެތް؟ ކަނޑު ގަދަތަ؟" ހާއިިދު ސުވާލު ކޮށްލުމުން އައިޝާ ލުއި ހިނިތުންވުމެއް ދިނެވެ.
"ހާލު ރަނގަޅު. ނޫނޭ! ކަނޑު މަޑު." އައިޝާ އެހެން ބުނީ ހާއިިދާ އެކު ކުރިއަށް ހިނގައިގަންނަމުންނެވެ. ނަފީސާ ވެސް ދުުންޔާއާ ލޯބި ކުރަމުން އެމީހުންނާ އެކު ހިނގައިގަތީ ޓެކްސީއެއް ހޯދުމަށެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. އައިޝާ ވަރަށް އަވަސްކޮށް ދުންޔާ ގޮވައިގެން ކޮޓަރިން ނުކުތެވެ. އައިޝާ ހުރީ ވަރަށް ބޮޑަށް ނަލަވެލައިގެންނެވެ. ދުންޔާ ވެސް ހީވަނީ ލޯބި ފުށްގަނޑެއްހެންނެވެ. ދުވަސްތަކަކަށް ފަހު، ނާއިކު ފެންނަ އިރު އައިޝާ ބޭނުންވީ ރީތިކޮށް ފެނިލާށެވެ.
ޑިއުޓީ ނިންމައިލައިގެން ލަބީބު ގެއަށް އައިސް ވަނީ ވަރަށް ވަރުބަލިކަމާ އެކުގައެވެ. ބަނޑުހައިކަން އިޙްސާސް ކުރެވޭ އިރު، ކަރު ތެތްމާލަން ކޮފީ ތައްޓަކަށް ލަބީބުގެ ހިތް ދިޔައީ އެދެމުންނެވެ. ގެއަށް ވަނުމާ އެކު ލަބީބުގެ ލޮލުގައި އަޅައިގަތީ ސިޓިންގރޫމްގައި އިން އޭނާގެ އަންހެނުން ޖަންނަތެވެ.
"ޖަނާ.." ލަބީބު އެހެންނާ ވެސް ގޮވާ ގޮތަށް މަޑުމަޑުން ގޮވައިލިއެވެ.
"ކީކޭ؟ ގެއަށް ވަތްކަން އެނގުނީދޯ؟" ޖަންނަތުގެ ރުންކުުރު ރާގުގައި ތަފާތު ކަމެއް ނެތެވެ. އެ އަޑުގެ ބާރު ކަމާއި، ހުރި ޒީލަގަދަ ކަމުގެ ރަހަ ހަމަ ވަރަށް ހެޔޮވަރެވެ.
"ކޮފީތަށްޓެއް ހަދާދެވިދާނެތަ؟" ލަބީބު އައި ގޮތަށް ހުއްޓުނީ ޖަންނަތުގެ ކުރިމަތީގައެވެ.
"ޗީޑި! ދުވާ ކުނި ވަސް. ނޯދަމާލަން ނުކެރޭ.." ޖަންނަތު ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
"ޖަނާ.. އަހަރެން މިއައީ މަސައްކަތް ކޮށްގެންނޭ! ތި ރުޅި މަޑުކޮށްފަ އަހަރެންނަށް ކާއެއްޗެއް ނަމަވެސް ހަދާ ދީބަލަ! އަހަރެން ވަރަށް ވަރުބަލި." ލަބީބު ކުރުނުކޮށް ބުންޏެވެ.
"ތި އުޅެނީ އަހަރެން އިތުރުން ރުޅި އަރުވަން. އަހަރެން ކިތައް ފަހަރު ބުނާނީ އަމިއްލައަށް ނުކެވޭ ވަރުގެ ކުޑަ ކުއްޖެއް ނޫނޭ ތީ. ގޮސް ކެއީމަ ވީނު." ޖަންނަތުގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ.
"ޖަނާ ކީއްވެތަ އަހަރެންނަށް ތިހެން ތިހަދަނީ؟" ލަބީބު މާޔޫސީ ކަމާއެކު އަހައިލިއެވެ. ޖަވާބު އެތައް ފަހަރަކު ޖަންނަތުގެ ދުލުން ލިބިފައިވާ ހިނދުގައެވެ.
"ލޯބި ނުވާތީ.. ކަލޭ ދެކެ ލޯބި ނުވާތީ! ކަލޭ ހަޑި ވީމަ. ކަލޭ ހުތުރުވެފަ ރީތި ކަމެއް ނެތީމަ. ކަލޭ ގައިން ކުނި ވަސް ދުވާތީ! ރަނގަޅު މަސައްކަތެއް ކުރަން ނޭނގޭތީ! ކަލޭ ރަނޑުވީމަ. ކަލޭ ފިނޑި ވީމަ. ކަލޭ.." ޖަންނަތު ހުއްޓުނީ އެތަނަށް ރަޝީދާ އައިސް އޭނާގެ ކަރު ބުޑުން ހަޅޭލަވައިގަތީމައެވެ.
"މީދެން ކޮންފަދަ ބޮޑު މުސީބާތެއްތަ؟ ތި މީހުން ތިއުޅެނީ އަހަރެން ދުނިޔޭގަ ހުރެގެން އުނދަގު ވެގެންތަ؟ ތިޔަ ޒުވާބަށް ނެތްތަ ނިމުމެއް؟ ތީ ނިމުމެއް ނެތް ކަމެއްތަ؟" ރަޝީދާ ރުޅި އައިސްގެން ދިޔައީ ރޫރޫ އަޅަމުންނެވެ.
"ލޭ މައްޗަށް ދަނީ އެވަރަށް. ވިސްނާ ވިސްނާ އަހަރެންގެ ޞިއްޙަތު މިއޮށް ގޮސް ނެތިގެން ދަނީ. ތީ ދަރިންތަ؟" ރަޝީދާ ރޯން ފެށިއެވެ.
"ހޫނ! މީ ދަރިންނެއް ނޫނޭ. މަންމަގެ ދަރި އަކީ ލޯބި އައިޝާއެއްނު؟ ރަންދަރި ދިޔާމަ އަރާ ވަރުދޯ ތީ؟ ތިޔަ ރަންދަރި އަހަރެންގެ ދިރިއުޅުން ހަލާކުކޮށްފި.." ޖަންނަތު ބުނި ޖުމުލަ އަޑުއަހަން ހުންނަން ރަޝީދާގެ ޟަމީރު ނުރުހުނެވެ.
"ކީކޭ؟ އައިޝާ ކީއްތަ ކުރީ ޖަންނަތުގެ ދިރިއުޅުން ހަލާކު ކުރަން؟ ބުނެބަލަ ނިކަން!" ރަޝީދާ ރޮމުން ވާހަކަދެއްކީ ދޫ ނުދީއެވެ. އަޑުވެސް އެހާ ބާރުކޮށެވެ.
"އަޑުއަހަން ފަސޭހައެއް ނުވާނެ. އަހަރެންގެ ފިރިމީހާ ވާވައްދަން އުޅުނީ ތިޔަ ރަންދަރި އައިޝާ. ލަބީބަށް ކާން ހަދައިދީ، އިސްތިރިކޮށްދޭން އައިޝާ އެއީ ކާކުތަ؟ އަހަންނަށް ޝައްކު ލަބީބާ އައިޝާއާ ދޭތެރޭގަ." ޖަންނަތު އެހެން ބުނުމާއި އެކު ޖަންނަތުގެ މޫނުމައްޗަށް ހޫނު ތަފާލެއް ރަޝީދާ ޖެހިއެވެ. ލަބީބު ރުޅި އައިސްގެން އެތަން ދޫކޮށް ދިޔައީ އެއްވެސް އެއްޗެއް ނުބުނެއެވެ.
"ތިދަނީ މާ މައްޗަަށް! މައިތިރިވޭ ޖަންނަތު!" ރަޝީދާ އެހެން ބުނެ ރޮމުން ވަނީ އޭނާގެ ކޮޓަރިއަށެވެ. ޖަންނަތު އޭނާގެ ކޮލުގައި ފިރުމައިލީ ތަދުވި ވަރުން ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭތޯއެވެ.
***
"ދަރިފުޅާ! ދޫނީ.." އެއާރޕޯޓުގެ ތެރޭގައި ދުވަމުން ކަހަލަ ގޮތަކަށް ނާއިކު އައިސް ބައްދައިލީ ދުންޔާގެ ގައިގައެވެ. ނާއިކުގެ ގާތުގައި ދާއިން ވެސް ހުއްޓެވެ.
"ޑެޑީގެ ދޫނި ހާދަ ލޯތްބޭ! މާޝާﷲ!" ނާއިކު ގެންދިޔައީ ދުންޔާގެ މުޅި ގަޔަށް ބޮސް ދެމުންނެވެ.
"މަންމާ. ބައްޕާ.." ދުންޔާ އުރައިލައިގެން ނާއިކު އައިސް ހުއްޓުނީ އޭނާގެ މައިންބަފައިންގެ ކުރިމަތީގައެވެ.
"އާޝާ.." ނާއިކު ހީނލަމުން ބަލައިލީ އޭނާގެ އަންހެނުން އައިޝާއަށެވެ. އަދި ނާއިކު ކުރިއަށް ފިޔަވަޅެއް ނަގައި އައިޝާގެ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ. އައިޝާއަށް ވީގޮތް ވެސް ނޭނގުނެވެ. ނާއިކުގެ އެ ބީހުމުގައި އަދިވެސް ވަނީ މީގެ 5 އަހަރު ކުރީގެ ލޯބިކަމެވެ. އެއީ ވެވުނު ހީއެއް ކަމެއް، ނޫނީ ޙަޤީޤަތެއްކަން އައިޝާއަކަށް ނޭނގުނެވެ.
***
މުޅި ދުނިޔެ އަނދިރިކަމުން ވަށައިލިއެވެ. ޢާއިލީ ކެއުމަކަށް އިންސާފުކޮށް ނިންމައިލުމަށްފަހު، ނާއިކާއި އައިޝާ ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ދުންޔާ ނިދަން ދިޔައީ ނަފީސާގެ ގާތަށެވެ.
"ނާއިކު.." އެނދުމަތީގައި އިށީންދެގެން އިން އައިޝާ ބަލައިލީ ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރި ނާއިކަށެވެ.
"ކީކޭ އާޝާ؟" ނާއިކު އެހެން ބުނެލީ އޭނާގެ އިސްތަށިގަނޑު ރީތި ކުރަމުންނެވެ.
"ނާއިކު ވާހަކަ ނުދައްކާތީ! އެއާރޕޯޓުން ވާހަކަދެއްކި ގޮތަށް އަދި އެއްވެސް އެއްޗެއް ނުބެނޭ ވިއްޔާ!" އައިޝާ ބަލަން އިނީ ނާއިކަށެވެ.
"އޯ! އެހެންވެ ދޯ؟ އަދި ނުދެއްކިފައެއް ނެތެއްނު؟ އަސްލު އައިމް ވެރީ ވޮރީޑް އެބައުޓް ޔޫ.." ނާއިކު އެހެން ބުނުމާ އެކު، އޭނާ މާނަ ނެގި ގޮތް އައިޝާއަށް ފަހުމެއް ނުވިއެވެ.
"ތިބުނީ؟" އައިޝާ ކޮށްލި ސުވާލުން ނާއިކު އައިސް އިށީންނީ އައިޝާގެ ދާދި ގާތުގައެވެ.
"ދެރަ ވާނީއެއް ނޫން މިހެން ބުނީމަ.." ނާއިކު ފުންކޮށް ނޭވައެއް ލިއެވެ.
"ލުކް އެޓް މީ.. އަހަރެންގެ ލުކްއަށް އެއްވެސް ޗޭންޖެއް އައިސްފަ އެބައިންތަ؟ އަހަރެން ވަރަށް ބަލައިގެން މިއުޅެނީ." ނާއިކު ބަލައިލީ އައިޝާގެ ދެލޮލަށެވެ.
"ތިބުނަން އުޅޭ އެއްޗެއް އަދި ނުވޭ ގެޓެއް. ތަންކޮޅެއް ޑައިރެކްޓު ކޮށް ބުނެދީފާނަންތަ؟" އައިޝާގެ ހިތަށް އަސަރު ކުރަން ފަށައިފިއެވެ. ނާއިކު ބުނަން އުޅޭ އެއްޗެއް އައިޝާއަށް އެނގޭ ފަދަ އިޙްސާސެއް ވުމުންނެވެ.
"އޯކޭ. ދެރަ ނުވާތި! ޕޮޒިޓިވްކޮށް ވިސްނާތި! މިބުނަން އުޅެނީ އާޝާ ހަށިގަނޑަށް ނުބަލާ ވާހަކަ. ފަލަވެފަ ހުރީމަ. އަބަދު ކައިފަ ހުރުމަކުން އެވީއެއް ނޫނޭ. ރީތި ކަމަށް ބަލަން ވާނޭ.." ނާއިކުގެ އަނގައިން ބޭރުވީ އައިޝާ ދުވަހަކުވެސް ނާއިކުގެ އަނގައިން ބޭރުވެދާނެ ކަމަށް އުއްމީދު ކުރިފަދަ ބަސްތަކެއް ނޫނެވެ.
"އަހަރެން ހަޑީ ދޯ؟ ފޫހިވީ ދޯ؟" އައިޝާގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ.
"އެއްކަލަ.. އެހުރީ.. ބުނީމެއްނު؟ ދެރަ ނުވާށޭ!" އައިޝާގެ ގައިގައި ނާއިކު ބައްދައިލިއެވެ.
"އަހަރެން ނުބުނަމޭ އާޝާ ހަޑިއެކޭ. އަހަރެންނަށް އާޝާ ހަޑިއެއް ނުވާނެ ދޯ. އަހަރެން ބުނިން ޕޮޒިޓިވްކޮށް ވިސްނަން ވެސް. މީ ހަމަ އާޝާއަށް ރަނގަޅަކަށް ބުނި އެއްޗެކޭ.." އައިޝާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ނާއިކު ވަރަށް ލޯބިން އައިޝާގެ ކޮލަށް ބޮސް ދިނެވެ. އަދި ދެމީހުން މަޑުމަޑުން އެނދުމަތީގައި އޮށޯވެލިއެވެ. އެއާ އެކު އެތައް ދުވަސްތަކަކަށްފަހު، އައިޝާގެ ހިތް ބަންޑުންކޮށްލީ އެމީހުންގެ ކައިވެނީގެ އުފާވެރި ދުވަސްތަކަށެވެ. އެ އުފާތައް ހީވީ އައިޝާއަށް ހަމަ ކުއްލިއަކަށް ލިބެން ފެށިހެންނެވެ.
***
މުޅިން އައު ދުވަހަކަށް އިރު އެރުމާ އެކު ނާއިކު ވަރަށް އަވަސްކޮށް ފެންވަރާ ރީތިވެލިއެވެ. ހެނދުނުގެ ސައި ތައްޔާރުކޮށްލައިގެން އައިޝާ ކޮޓަރިއަށް ވަތްއިރު ނާއިކު ހުރީ ގަމީހުގައި އަޅުވާފައިވާ ޓައި ރަނގަޅު ކުރާށެވެ. އައިޝާ ވަރަށް މަޑުމަޑުން ކޮޓަރިއަށް ވަދެ ނާއިކުގެ ގަމީހުގެ އަތްކުރި އޮޅަން ފެށިއެވެ.
"ތީ ކޮން ކަމެއް؟" ނާއިކު ކުއްލިއަކަށް އޭނާގެ އަތް ދަމައިގަތެވެ. އައިޝާއަށް ލިބުނީ ހައިރާން ކަމެކެވެ.
"ތީ މިހާރު މާ އޯލްޑް ގޮތެއް. އައި ޕްރިފާ އަތްކުރި ނޯޅަން." ސެންޓު ފުޅި ނަގަމުން ނާއިކު ބުނެލިއެވެ.
"އެހެންތަ؟ އޯކޭ. ސައިބޮއިގެން ދޯ އިންޓަރވިއުއަށް ދާނީ؟" އައިޝާ ބަލަން ހުރީ ނާއިކުގެ މޫނަށެވެ.
"އާނ!" ލޯގަނޑުން މޫނު ބަލަމުން ނާއިކު ގެންދިޔައެވެ.
***
ތުންފަތުގައި ލިޕްސްޓިކް ކޮޅެއް ކާއްތާލަމުން މަލާކު ވަރަށް އަވަސްކޮށް ފޮޓޯއެއް ނަގައި، އޭގައި "ގުޑް ލަކް" ޖަހާފައި ނާއިކަށް ސްނެޕެއް ކޮށްލިއެވެ. މިއަދަކީ ނާއިކުގެ އިންޓަރވިއު އޮންނަ ދުވަސްކަން މަލާކަށް އެނގޭތީއެވެ. ނާއިކަކީ ސަރުކާރުގެ ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރާ ޒުވާނެކެވެ. ސަރުކާރުގެ ފަރާތުން ލިބުނު ފުރުޞަތެއްގައި ނާއިކާއި ދާއިން 2 އަހަރު ދުވަހެއްގެ ކޯހަކަށް ސިންގަޕޯރއަށް ގޮސް، ކޯސް ފުރިހަމަ ކުރީ އެންމެ މަތީ ނަތީޖާއާ އެކުގައެވެ. އެހެން ކަމުން އިންޓަރވިއު ދާނީ ރަނގަޅަށްކަން މަލާކަށް ވެސް އެނގެއެވެ.
"އައްސަލާމް އަލައިކުމް ނާއިކު." މިނިސްޓްރީގެ މީޓިންގ ރޫމްގައި އިން ނާއިކަށް ސިހިފައި ދޮރާ ދިމާލަށް ބަލައިލެވުނީ ވަރަށް ދަންނަ އަޑެއް އިވުމުންނެވެ.
"ވާލައިކުމް ސަލާމް.." ނާއިކުގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމުންނެވެ. (ނުނިމޭ)