ޓެކްނޯލޮޖީ

ރޭގަނޑު ފޯނު ޗާޖްކުރުން ރަނގަޅެއް ނޫން

ރޭގަނޑު ނިިދަން އޮށޯންނަމުން ފޯނު ޗާޖަރަށް ޖެހުމަކީ އަދިވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. މިއީ ރަނގަޅު އާދައެއް ނޫނެވެ. ދެ ސަބަބެއް ބުނެދޭ ނަމެވެ.

އެޕަލްއިން ބުނީ އައިފޯން ބެޓެރީ ފުލްޗާޖުގައި ގިނައިރު ހުރުން ރަނގަޅު ނޫން ކަމަށެވެ. އެއީ ބެޓެރީގެ އުމުރު ކުރުވާ ކަމެެކެވެ. ސްމާޓްފޯން ކުންފުނިތަކުން ބާރު އަޅަނީ ބެޓެރީ ފުލްޗާޖް ނުކުރުމަށެވެ.

ނިދަން އޮށޯންނަމުން ފޯނު ޗާޖަރަށް ޖަހާފައި ފަތިހު ހޭލެވޭއިރު ބެޓެރީގެ ހުރިހާ ފިތްތަކެއް ހުންނާނީ ފުރި ބާރުވެފަ އެވެ. މާނައަކީ ބެޓެރީ އެހުރީ ދެން އިތުރަށް ޗާޖް ކުރެވެން ނެތް ވަރަށް ޗާޖުވެފަ އެވެ. އެކަމަކު ހޭލެވުނުއިރު އެހާ ލަތުގައި ފޯނު އޮންނަތާ ކިހާއިރެއް ވެދާނެ ހެއްޔެވެ.

ސްމާޓްފޯން ފެކްޓަރީން ނެރޭއިރު ބެޓެރީގައި ހުންނަ ކުޅަދާނަކަން ތާއަބަދު ނުހުރެ އެވެ. ބޭނުން ކުރުމާ ގުޅިފައި ހުންނަ އާދައިގެ ސަބަބުން ބެޓެރީގެ ގާބިލުކަން މަޑުމަޑުން ފަނޑުވަމުންދެ އެވެ. މާގިނައިރު ޗާޖު ކުރުމުން ބެޓެރީ ހޫނުވެ އެވެ. ހޫނުގެ ސަބަބުން ބެޓެރީ ހަލާކުވުން އަވަސްވެ އެވެ.

ރޭގަނޑު ނިދަން އޮށޯނަމުން ފޯނު ޗާޖުކުރުން ރަނގަޅުނޫން ކަމަށް ބުނީ މިސަބަބާ ހެދި އެވެ.

ސެމްސަންގްއިން ވެސް ބުނީ ގިނައިރު ފޯނު ޗާޖަރަށް ޖަހާފައި ބޭއްވުން ރަނގަޅު ނޫން ކަމަށެވެ. ވާވޭއިން ބުނީ ސްމާޓްފޯން ބެޓެރީ ގިނަ ދުވަހަށް ދަމަހައްޓަން ބޭނުން ނަމަ 30 ޕަސެންޓާ 70 ޕަސެންޓާ ދެމެދު އެންމެ ރަނގަޅު ކަމަށެވެ. މިކަމުގައި ރަނގަޅު ގޮތަކީ ފޯނު އަބަދުވެސް ހެޔޮވަރަށް ޗާޖުކޮށްަފައި ބޭއްވުމެވެ. ފުލްޗާޖެއް ނޫނެވެ.

ޒަމާނީ ފޯނުތައް 100 ޕަސެންޓަށް އެރުމުން ޗާޖު ކުރުން ހުއްޓާލަ އެވެ. އެކަމަކު ވެސް ގިނަ މީހުން ނުދަންނަ ކަމަކީ 99 ޕަސެންޓަށް ފަހު 100 ޕަސެންޓަށް އެރުވުމަށްޓަކައި ބެޓެރީ ތެރޭގައި ހިނގާ ރިއެކްޝަންގެ ސަބަބުން އެކަށީގެންނުވާ ވަރަށް ބެޓެރީ ހޫނުވާ ކަމެވެ. ހަތަރުވަނަ ޕެރެގްރާފް އަދި އެއްފަހަރު ކިޔާލާށެވެ.

ސްމާޓްފޯނުތައް މިހާރު ހުންނަނީ ބޭނުން ޕަސެންޓަކަށް ބެޓެރީ ޗާޖުކުރުމަށް ފަހު ހުއްޓުވާލެވޭ ގޮތަށެެވެ. ތިޔަ ފޯނުގައި ވެސް މިފީޗާ ހުރިތޯ ބަލާބަލާށެވެ. ނޫން ނަމަ ބެޓެރީ ހެލްތު ބަލަހައްޓައިދޭ ރަނގަޅު އެޕްލިކޭޝަނެއް ހޯދާށެވެ.

ބެޓެރީ ޗާޖުކުރުމުގައި ސުމަކުން 100 އަށް އަރުވަން ނުވިސްނާށެވެ. ހިތްހަމަޖެހޭ ހެޔޮވަރު ޕަސެންޓެއް އިޚުތިޔާރުކުރާށެވެ. ބެޓެރީ ހޫނުން ސަލާމަތްކުރާށެވެ.

ފޯނު ޗާޖަރަށް ޖަހާފައި ނިދުުމުން ދެންވާގޮތެއް ނޭގެ އެވެ. މާބޮޑަށް ހޫނުވެ ފަޅައިގެން ވެސް ހިނގައިދާނެ އެވެ. މިއީ ވަރަށް ނާދިރު ހާލަތެކެވެ. އެކަމަކު ވެސް ފުރުސަތު އޮވެ އެވެ.