ސަލްމާން ހާން

ހުކުމް އަންނާނެ ގޮތެއް ނޭނގޭތީ ސަލްމާން ހާސްވެފައި

Nov 3, 2015

އަންނަ މަހު ފަންސާސް ވަނަ އުފަންދުވަސް ފާހަގަކުރާ ސުޕަސްޓާ ސަލްމާން ޚާނަކީ، ވަރަށް ޒުވާން އުމުރުގައި ފިލްމު ކުޅެން ފެށިގޮތަށް ބެލުންތެރިން މުނިފޫހިފިލުވުމުގައި މެދުނުކެނޑި ހަރަކާތްތެރި ވަމުން އަންނަ ތަރިއެކެވެ.

އަމިއްލަ ދިރިއުޅުމަށްވުރެން ގިނަ ވަގުތު ސަލްމާން ފިލްމުތަކަށް ހުސްކޮށްފައިވާއިރު، ބޮލީވުޑްގެ ތެރެއިން އެންމެ ހާޖާނުބޮޑު ދިރިއުޅުމެއްގައިވެސް އުޅޭ ތަރިއަކީ ސަލްމާން އެވެ.

މިހާރު ސަލްމާންގެ އެތައް މައްސަލައެއް ކޯޓުތަކުގައި ހިނގަމުން އަންނައިރު، ސަލްމާން ދެކޭ ގޮތުގައި ކޯޓުތަކުގެ އެންމެފަހުގެ ނިންމުން ނިންމާނެ ގޮތަކާއި މެދު ވިސްނާތީވެ އެކަންތައް ވަނީ އޭނާއަށް ބޮޑު ބޮލުރިހުމަކަށްވެފަ އެވެ.

މީގެކުރިން ކޯޓުތަކުގައި ހިނގަމުން އަންނަ އޭނާގެ މައްސަލަތަކުގެ ވާހަކަ ސަލްމާން މީޑިއާގައި ދައްކާފައިނުވާއިރު، މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ ހުކުމް އަންނާނެ ގޮތެއް ނޭނގޭތީ އެކަމާ އަބަދު ވިސްނޭތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

ސަލްމާން ކަންބޮޑުވަނީ ކޮންކަމަކާތޯ ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައި ވަނީ މިހާރު ކޯޓުތަކުގައި ހިނގަމުން އަންނަ އޭނާގެ ދެމައްސަލައިގެވެސް ހުކުމަަކަށް 10-15 ވަރަކަށް އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އިއްވައިފިނަމަ، އެއީ އޭނާގެ މައިންބަފައިންނާއި އާއިލާއަށް ލިބޭނެ ވަރަށް ބޮޑު ހިތާމައަކަށް ވާތީ އެކަމާ މެދު އޭނާއަށް އަބަދު ވިސްނެނީ ކަމަށެވެ.

"މިހާރު މިމައްސަލަތައް ކުރިއަށްދަނީ ހައިކޯޓްގައި. ހުކުމް އަންނަ ގޮތަކުން އަހަރެންގެ ކުރިމަގު އެއްކޮށް ބަދަލުވެގެންދާނެ. އެކަމަށްވެސް އަހަރެން ތައްޔާރު" ސަލްމާން ބުނެފައިވެ އެވެ.

ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތަކުގެ ހުކުމް އަންނާނެ ގޮތެއް ނޭނގި އެކަމާ ހާސްވެފައި ހުންނައިރު، ކޮމެޑީ ފިލްމު ކުޅުމުގެ އިތުރުން "ބިގް ބޮސް" ހުށަޅައިދެނީ ވަރަށް ހިތްވަރުން ކަމަށާއި ހީވަނީ ބޮލުގައި ކަނޑިއެއް އެލުވާފައި ހުންނަހެން ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

އިތުރަށް ސަލްމާން ވަނީ އޭނާއަކީ މަޝްހޫރު ތަރިއަކަށް ވުމުން އޭނާގެ މައްޗަށްކުރާ ހުކުމް ލުޔެއް ނުވާނެ ކަމަށެވެ. އަދި ހުކުމް ކުރުމާއި ހަމައަށް އަންނައިރު، އެކްޓަރެއްގެ ގޮތުގައި އޭނާ ކޮށްދިން ރަނގަޅު ކަމެއްވެސް ނޯންނަކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.

"އަހަރެންގެ ފިލްމުތަކަށް 600 ކްރޯޑް ލިބުނޭ ކިޔާފައި ސަލާމަތެއް ނުވާނެ. ބައެއް މީހުން ބުނެފައި އެބަހުރި އަހަރެންގެ މައްސަލަތައް ކޯޓުގައި ކުރިއަށްދާއިރު އަހަރެން މަޖާކުރުމުގައި ޕޮލޭންޑްގައި އުޅުނު ވާހަކަ. އަހަރެން ބުނާނީ މީހުންނަކަށް ނޭނގެއޭ އެހެންމީހުން އުޅޭ ހާލު. ކަމެއް ދިމާވުމުން ތިމާ ކުރި ރަނގަޅު ހުރިހާ ކަމެއް ވެސް ތިމާ އާއި ދެކޮޅުވާނެ" މަޝްހޫރު ތަރިއަކަށް ވިޔަސް އަންނާނެ ހުކުމް ލުއި ނުވާނެ ކަމަށް ބުނަމުން ސަލްމާން ބުންޏެވެ.

އަންނަ މަހުގައި ސަލްމާންގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު އަންނަނީ ދެން ކުޅެން ފަށާ "ސުލްތާން" އަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން އިތުރުކުރުމާއި ހާއްސަ ތަމްރީންތަކެއް ހަދަމުންނެވެ.

މިވަގުތު ކޯޓުތަކުގައި ކުރިއަށްދާ ސަލްމާންގެ މައްސަލަތަކަކީ، 2002 ވަނަ އަހަރު އޭނާ ދުއްވާފައި ދިޔަ ކާރެއް މަގުމަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ދިއުމުގެ ސަބަބުން އެކަކު މަރުވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެވެ. އަދި ލައިސަންސް ނެތް ހަތިޔާރެއް ބޭނުންކޮށްގެން ހިމާޔަތްކޮށްފައިވާ ޖަނަވާރެއް މަރާލުމުގެ މައްސަލައިގެ ޝަރީއަތް އަންނަނީ ކުރަމުންނެވެ.