ދުނިޔެ

ލަންކާއާ ޗައިނައާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ސްވޮޕް އެއްބަސްވުމެއް

ސްރީ ލަންކާއާ ޗައިނާއާ ދެމެދު މަޝްވަރާ ކޮށްފައިވާ ގޮތަށް 1.5 ބިލިއަން ޑޮލަރު، 10 ބިލިއަން ޔުއާންގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ. މި އެއްބަސްވުމުން ހަދާފައި ވަނީ ތިން އަހަރަށެވެ.

ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ (ސީބީއެސްއެލް) އާ ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އާ ދެމެދުވި އެއްބަސަވުމުގެ މައިގަނޑު އަސާސަކީ ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުން ކަމަށް ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާއިން ބުނެ އެވެ. ދެ ގައުމު ދެމެދުގައި ވިޔަފާރި ޕްރޮމޯޓް ކުރުމާއި އިގްތިސޯދީ ޕްރޮޖެކްޓަކަށް އިންވެސްޓް ކުރުން ވެސް މި އެއްބަސްވުމާ އިންވެފައިވެ އެވެ.

މިއެއްބަސްވުމަށް ސަރުކާރުން ލިބެންޖެހޭ ހުރިހާ އެހީތެރި ކަމެއް ވަނީ ލިބިފަ އެވެ. ކެބިނެޓް އަދި މަނީޓަރީ ބޯޑުުން ވެސް ވަނީ ރުހުން ދީފަ އެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުން، މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ދެ ބޭންކުގެ ގަވަރުނަރުންނެވެ. ސީބީއެސްއެލްއިން ޕްރޮފެސާ ޑަބްލިޔޫޑީ ލަކްޝްމަން އެވެ. ޕީބީއޯސީއިން ޑރ. ޔީ ގާންގް އެވެ.

ލަންކާގެ ތަރައްގީއަށް ޗައިނާ އަންނަނީ ބޮޑެތި އެހީތަށް ފޯރޮކޮށްދީ އެހީތެރިވަމުންނެވެ. ލަންކާއިން އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމަކީ ވެސް ޗައިނާ އެވެ. ފާއިތުވި އަހަރު، 2020 ގައި ލަންކާ–ޗައިނާ އިމްޕޯޓަށް 3.6 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެއީ ލަންކާގެ ޖުމުލަ އިމްޕޯޓުގެ 22.3 ޕަސެންޓް އެވެ.

މި އެއްބަސްވުން މިގޮތަށް ގާއިމު ކުރި ނަމަވެސް، މިނިސްޓަ ފޯ ކެޕިޓަލް މާކެޓްސް އެންޑް މަނީ ނިވާދު ކަބްރާލް ވިދާޅުވީ ހޭދަ ކުރަމުން ދާނީ އިންސްވެސްޓްމެންޓްތަކާ ގުޅުވައިގެން ކަމަށާއި ޖުމުލަ އަދަދު އެއްފަހަރާ ނެގުމުގެ ބަދަލުގައި ބޭނުންތައް ބަހާލައިގެން ކަމަށެވެ.