ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކާތިކް އާރްޔާން

ކާރްތިކް އާރްޔަން ކޯވިޑް ޖެހި ގިނަ ބަޔަކު ކަރަންޓީނަށް

އަލަށް ވިދަމުން އަންނަ ޒުވާން ބަތަލު ކާރްތިކް އާރްޔަން އަށް ކޮވިޑް ޖެހިއްޖެ އެވެ. ކާރްތިކް ވަނީ އޭނާ ޕޮޒިޓިވް ވެފައިވާ ކަން ސޯޝަލް މީޑީއާގައި އިއުލާން ކޮށްފަ އެވެ. އަދި އޭނާއަށް އަވަސް ޝިފާއެއް ދެއްވުން އެދި ހެޔޮ ދުއާ ކޮށްދިނުމަށް ވެސް ކާރްތިކް އެދިފައި ވެއެވެ.

"ޕޮޒިޓިވް ވެއްޖެ. ދުއާ ކޮށްދެއްޗޭ،" ޕޮޒިޓީވް ނިޝާނެއްގެ ފޮޓޮއަކާއެކު ކާރްތިކް ހިއްސާ ކުރި މެސެޖުގައި ބުނެފައި ވެއެވެ.

ކާރްތިކް މީގެ ދެ ދުވަހެއް ކުރިން ވަނީ ލަކްމޭ ފެޝަން ވީކްގައި ބައިވެރިވެ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތުރާގެ ޑިޒައިންތައް ދައްކާލަން ރޭމްޕްގައި ހިނގާފަ އެވެ. އޭނާއާއެކު ކިއާރާ އަދުވާނީ ވެސް ބައިވެރިވެފައި ވެއެވެ. އެހެން ކަމުން މަނީޝް އާއި ކިއާރާ ވެސް ކަރަންޓީނަށް ދާން ވަނީ ޖެހިފަ އެވެ.

ކާރްތިކްއަކީ ކޮވިޑް ޖެހިދާނެތީ އެންމެ ބިރުން އުޅުނު އެއް އެކްޓަރެވެ. އޭނާ ގަންނަ ބިރެއްގެ ބޮޑުކަމުން ނުވަ މަސް ދުވަސް ވަންދެން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނުކުމެ އުޅެފައި ވެއެވެ.

ކާރްތިކް އަލުން ފިލްމީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. ފުރަތަމަ އޭނާ ޝޫޓް ކުރީ "ދަމާކާ" ކިޔާ ފިލްމެކެވެ. އެ ފިލްމު އެންމެ 10 ދުވަސް ތެރޭގައި އޭނާ ވަނީ ޝޫޓްކޮށް ނިންމާފަ އެވެ. އެއަށްފަހު އޭނާ ދެން ފެށީ "ބޫލް ބުލައްޔާ 2"ގެ މަސައްކަތެވެ. ކިއާރާ އާއެކު އޭނާ ކުޅޭ މި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ކިއާރާ އާއެކު މަނާލީގައި ދުވަސްތަކެއް ކާރްތިކް ހޭދަ ކުރި އެވެ. އަދި ކާރްތިކް ޕޮޒިޓިވް ވީއިރު ވެސް އޭނާ ގެންދިޔައީ މި ފިލްމުގެ ޝޫޓިންގްގައި ބައިވެރި ވަމުންނެވެ. އެހެންކަމުން ކާރްތިކް ޕޮޒިޓިވްވުމުން މި ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓޭނެކަމަށް ބެލެވެ އެވެ.

ކާރްތިކް މިހާރު ކުޅެމުންދާ އަނެއް ފިލްމަކީ ޖާންވީ ކަޕޫރާއި ލަކްޝް ލަލްވާނީ ވެސް ބައިވެރިވާ "ދޯސްތާނާ 2" އެވެ.