ކޮވިޑް ވެކްސިން

ޗައިނާ ވެކްސިން ގެންނަން ބޮޑު ހޭދަ ކުރަންޖެހޭތީ ކަންބޮޑުވުން

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޑް-19 އިގެ ވެކްސިން ރާއްޖެއަށް ގެންނަން ޗައިނާއަށް ދާން ބޮޑު ހޭދައެއް ކުރަން ޖެހޭތީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޗައިނާ އިން އުފައްދާފައިވާ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން މިވަގުތު ރާއްޖޭގައި ހުރީ އެންމެ 18،000 ޑޯޒެވެ.

ޗައިނާގެ ވެކްސިން ރާއްޖެ ގެނައުމަށް އެ ގައުމަށް ދަތުރު ކުރަން އެއްލައްކަ ޑޮލަރު ހޭދަ ކޮށްގެން ފްލައިޓެއް ޗާޓަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ހުސައިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

" ޗައިނާއިން ހަދިޔާކުރި އެއްޗެއް ބަލާ ދާން 100،000 ޑޮލަރު ހޭދަ ކުރަން ޖެހުމަކީ ހިތާމަވެރިކަމެއް" ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޗައިނާ ސަފީރު ޓެގްކުރައްވާ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ސިނޯފާމް ވެކްސިން އިއްޔެ ވަނީ ރާއްޖޭގައި ޖަހަން ފަށާފަ އެވެ. އަދި އިއްޔެ އެކަނިވެސް މި ވެކްސިން ވަނީ 1597 މީހަކަށް ޖަހައިދީފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް 19ގެ ވެކްސިން، އެސްޓްރަޒެނެކާގެ އެއްލައްކަ ޑޯޒް އެގައުމުން ވަނީ ރާއްޖެއަށް ގެނެސް، ދިވެހި ސަރުކާރާ ހަވާލުކޮށްދީފަ އެވެ.