ވޭލްސްއާ ދެކޮޅަށް ކުޅެން ނެގި ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުން ރޮބިން ވޭންޕާސީ އާއި މެންފިސް ޑިޕާއީ ބާކީކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ 21 އަހަރުގެ ފޯވަޑް ޑިޕާއީ ބާކީކުރީ އޭނާއަށް ކުލަބުގައި ލިބޭ ކުޅުމުގެ ފުރުސަތު މަދުވުމުންނެވެ. ޑިޕާއީ އަކީ މި ސީޒަނުގައި ޔުނައިޓެޑަށް 19 މެޗު ކުޅެނީ ހަތަރު ގޯލު ޖަހާދީފައިވާ ފޯވަޑެކެވެ. ޔުނައިޓެޑުގެ ކުރީގެ ފޯވަޑް އަދި މިހާރު ތުރުކީގެ ފެނަބާޗޭ އަށް ކުޅޭ 32 އަހަރުގެ ފޯވަޑް ވޭންޕާސީ ވަނީ މި ސީޒަނުގައި 16 މެޗު ކުޅެ ފަސް ގޯލު ޖަހާފަ އެވެ.
ނަމަވެސް ގައުމީ ކޯޗު ޑެނީ ބްލައިންޑް ބުނީ ކުލަބުގައި އަބަދުވެސް ކުޅުންތެރިޔާ ކުޅެން ޖެހޭ ކަމަށާއި ނަމަވެސް ޑިޕާއީ އަށް އެކަން ނުކުރެވޭ ކަމަށެވެ.
"ފުޓްބޯޅައި ކުލަބުގައި އަބަދުވެސް ފަންގްޝަން ކުރަންޖެހޭ. އޭނާ އެކަމެއް ނުކުރޭ. އެއީ އޭނާ ދަސްކުރަންޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.
ނަމަވެސް މިކަމާ ޔުނައިޓެޑުގެ ކޯޗު އަދި ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލުއިސް ވެންހާލް އެއްބަހެއްނުވެ އެވެ. އޭނާ ބުނީ ޑިޕާއީ އަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމަށާއި އޭނާގެ އުމުރުގެ ސަބަބުން އެއްފެންވަރެއްގައި އަދި ހުރިހާ މެޗެއް ކުޅޭނެ ކަމަށް ދެކިގެންނުވާނެ ކަމަށެވެ.
"އަހަރެން ބުނަން ޖެހެނީ އޭނާ އަކީ ހުނަރުވެރި ވަރަށް ކުޅުންތެރިއެކޭ އޭނާގެ އުމުރަށް ބަލާއިރު. އެކަމަކު އޭނާގެ އުމުރަކީ އެންމެ 21 އަހަރު. އެހެންވީމަ އޭނާ އެއްފެންވަރެއްގައި ކުޅޭނެ ކަމަށް ދެކިގެންނުވާނެ. މިހާރު އޭނާ އެހުރީ އޭނާގެ ކެރިއަރުގައި ގިނަ ކަންތައްތަކެއް ދަސްކުރަންޖެހޭ ދުވަސްވަރުގައި. އަހަންނަށް ޔަގީން އޭނާ މިހާރަށްވުރެ މޮޅަށް އަދި ކުޅެން ފަށާނެ. އެކަމަކު އަހަރުމެން ޖެހޭނެ އޭނާ އަށް ވަގުތުދޭން،" ވެންހާލް ބުންޏެވެ.
ވެންޕާސީއާ ބެހޭ ގޮތުން ގައުމީ ކޯޗު ބުނީ ކުޅުންތެރިޔާ ކުލަބުގައި އެކަށީގެންވާ ވަރަށް ކުޅޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ނެދަލޭންޑްސް ވަނީ އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިނުވެ ފެއިލްވެފަ އެވެ. ކޮލިފައިންގެ ފަހު މެޗުތަކުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ބަޔާން މިއުނިކްގެ މިޑްފީލްޑަރު އާޔެން ރޮބެން ވަނީ ގައުމީ ޓީމަށް ނަގާފަ އެވެ.