ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކާފިއު ގަޑީގައިވެސް މެމްބަރުންނަށް ބޭރުގައި އުޅެވޭނެ ގޮތް ހަދަން އެދިއްޖެ

ކޮވިޑް 19 އާއި ގުޅިގެން ބޭރަށް ނުކުތުން މަނާ ގަޑިތަކުގައިވެސް މަޖިލީހުގެ މެމްބަރުންނަށް ބޭރުގައި އުޅެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން ރޭގަނޑު 11:00 އިން ފެށިގެން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެގަޑިތަކުގައި ބޭރަށް ނުކުމެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އަދި ރޭގަނޑު 6:00ގެ ފަހުން ވެހިކަލް ވެސް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަންދުވެފައި ތިބުމަކީ އެ މެމްބަރުން ތަމްސީލްކުރާ ދާއިރާތަކުގެ ރައްޔިތުންނަށްވެސް ދަތިވާނެ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވަމުންދާ މަސައްކަތާ މަސައްކަތުގެ ބާވަތުން ނުވަަތަ މަސައްކަތް ކުރަން ޖެހޭ ގަޑިއާއި ވަގުތާ އަދި ތަންތަނަށް ބަލާއިރު މަޖިލީހުގެ މެމްބަރުން ފަސޭހަކަމާއެކު ތަންތަނަށް ވަޑައިގެންނެވުމަށް އަދި ހަމައެއާއެކީގައި އެކި ވަގުތުތަކުގައި ކުރައްވާ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް މަގުތަކުގައި އުޅެވޭނެ ކަހަލަ ގޮތެއްވުމަކީ ވަރަށް މުހިންމު ކަމެއް" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަންގެ އެދިވަޑައިގަތުމަކާ ގުޅިގެން، ކޮވިޑްގެ ހާލަތުގައިވެސް ބޭރަށް ނުކުމެ އުޅުމާއި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި މެންބަރުންނަށް ވެހިކަލް ދުއްވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވަން އާންމު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.