އޮޑިޓާ ޖެނަރަލް އޮފީހުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މި އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ބުދަ ދުވަހު އަވަސް އަށް ދިން އިންޓަވިއުއެއްގައި އޮޑިޓް އޮފީހުން ބުނީ އެ އޮފީހުގެ އާ އިިމާރާތް އަޅަން ހުޅުމާލެ އިން ހާއްސަ ކޮށްފައިވާ ބިމާ ހަވާލުވާން ހުޅުމާލޭގެ ބިންތަކުގެ ވެރިފަރާތް، އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. އެކަމަކު އާ އިިމާރާތުގެ މަސައްކަތް ފެށޭނީ ހުޅުމާލޭން އެ އޮފީހަށް ދޫކޮށްފައިވާ ބިން ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ގަނެ، އެ އޮފީހާ ހަވާލު ކުރުމުން ކަމަށެވެ.
"އެޗްޑީސީ އަށް މައިގަނޑު ގޮތެއްގައި އާމްދަނީ މި ލިބެނީ އެތަނުން ބިން ވިއްކައިގެންނާއި ކުއްޔަށް ދީގެން. އެޗްޑީސީއަކީ ވިޔަފާރި ކުންފުންޏަކަށް ވާތީ ސަރުކާރުން ވެސް މި ޖެހެނީ އެ ބިން ގަނެފައި އަޅުގަނޑުމެންނާ ހަވާލު ކުރަން... މި މުއާމަލާތުގެ ކަންކަން މިހާރު ކުރިއަށް އެބަދޭ،" އޮޑިޓް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބިން ލިބުމާއެކު މިޗއަހަރުގެ ތެރޭގައި މަސައްކަތް ފެށޭ ވަރަށް އެ އޮފީހުން ތައްޔާރު ވެފައިވާ ކަމަށެވެ. އާ އިމާރާތުގެ މަސައްކަތް ނިމުމާއެކު އޮޑިޓް އޮފީހަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.
އެ އޮފިޝަލް އިތުރަށް ވިދާޅުވީ އޮޑިޓް އޮފީހުގެ އާ އިމާރާތުގެ ކުރެހުމަށް ބަލާއިރު ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ވަރު ހަރަދު ވާނެ ކަމަށް ކުރެހުން ތައްޔާރު ކުރި ފަރާތް އަންދާޒާ ކުރާ ކަމަށެވެ. އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަން ވިސްނާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
"ކޮންޓްރެކްޓަރެއް ލައްވާ އަޅުގަނޑުމެން މަސައްކަތް ކުރީމާ އެ މީހުންނަށް ފައިސާ ދައްކަން މިޖެހެނީ ދިގު މުއްދަތަކަށް ބަހާލައިގެން. އެހެންނަމަވެސް ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އަގަށް ވެސް އެ ބަދަލު އައިސް މަޝްރޫއުގެ އަގު ބޮޑުވުމުގެ ފުރުސަތު މި އޮންނަނީ. އަޅުގަނޑުމެން މިބަލަނީ މަޝްރޫއަށް ހިނގާ ޖުމްލަ އަގުގެ 20 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް މިކަން ހަމަޖެއްސޭތޯ." އޭނާ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވިދާޅުވީ އޮޑިޓް އޮފީހުގެ އާ އިމާރާތް އަޅަން 17426 އަކަފޫޓްގެ ބިމެއް ލިބިފައިވާ ކަމަށެވެ. އެ ބިމުގެ 13،106 އަކަފޫޓްގައި ހަ ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށާއި އިމާރާތުގެ ކުރެހުން ފާސް ކުރަން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ލަސް ނުވެ ކުރެހުން ފާސްވާނެ ކަމަށް. އެއާއެކު ދެން އަޅުގަނޑުމެން ކުރިއަށް ދާނީ މި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން. އެކަމަކު އަދި އަޅުގަނޑުމެން ނުނިންމަން ކޮންޓްރެކްޓަރު ކަނޑައަޅާނީ އާންމުކޮށް އިއުލާން ކޮށްގެން ހުށަހަޅާ ބިޑްތަކަކަށް ބަލައިގެން ކަމެއް ނުވަތަ އަޅުގަނޑުމެން ދައުވަތު ދޭ ޕާޓީތަކެއްގެ ތެރެއިން ގާބިލް ޕާޓީއެއް ކަނޑައަޅައިގެން ކަމެއް،" އޭނާ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުން އިތުރަށް ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދާއިރު އަގު ބޮޑުވެގެން ދާ ނަމަ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ވަކި ވަރެއް ހޯދައިގެން މި މަސައްކަތް ކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ.
އޮޑިޓާ ޖެނަރަލްގެ އާ އިމާރާތް ހަދާއިރު އެތަނުގައި ކުއްޔަށް ދޫކުރާ ކެންޓީނަކާއި މުވައްޒަފުންގެ ޑޭކެއާ ސެންޓަރެއް ވެސް ހަދާނެ އެވެ.
އޮޑިޓް އޮފީހުގެ މި އަހަރުގެ ބަޖެޓަކީ 81.8 މިލިއަން ރުފިޔާ އެވެ. އަދި އެ އޮފީހުގެ އާ އިމާރާތް އެޅުމަށް މި އަހަރުގެ ބަޖެޓްގައި 25 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.