ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީއަށް 2018 ގެ ރިޔާސީ ކެންޑިޑެސީ ދޫކޮށްލެއްވުން ކަމަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހް މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލު ކުރުމަކީ "ދަންތުރަ" އެއްގެ ގޮތުގައި އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީއަށް 2018 ގެ ރިޔާސީ ކެންޑިޑެސީ ދޫކޮށްލެއްވުން ކަމަށެވެ. މަލީހު ވިދާޅުވީ އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަގެންފައިނުވާ ކަމަށެވެ.
"އެފަދަ ލީޑަރެއް [އެމްޑީޕީގައި] ނެތް. ތައުލީމީ އެ ފެންވަރު ހުރި ބޭފުޅަކުވެސް ކުރީ ސަފުން ނުފެނޭ. ގައުމު އޮތީ ފްލުސްޓޮޕެއްގައި،" މަލީހު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި ވާދަކުރަން ނިންމާ އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން ކޯލިޝަނެއް އެކުލަވާލިއެވެ. އަދި ސަރުކާރު ލިބިއްޖެނަމަ ހިއްސާވާނެ މިންވަރުވެސް ކަނޑައެޅިއެވެ. ގިނަ މަޝްވަރާތަކަކަށްފަހު ޕާޓީތަކަށް އެއްބަސްވެވުނީ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ބޭފުޅަކު އަދި ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ހަމަޖެއްސުމަށެވެ. އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީން ނިންމީ ރިޔާސީ ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ އޭރުގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާށެވެ. ޖުމްހޫރީ ޕާޓީން ނިންމީ އެތެރޭގެ އިންތިހާބެއް ބާއްވާ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖެއްސުމަށެވެ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާ ވާދަކުރައްވާ އެންމެ ވޯޓެއްގެ ތަފާތަކުން އިންތިހާބުން ކުރި ހޯއްދެވީ ކާށިދޫ ދާއިރާގެ އޭރުގެ މެންބަރު ފައިސަލް ނަސީމެވެ.
އިންތިހާބު ކާމިޔާބުކޮށް ސަރުކާރު އެކުލަވާލިއިރު އެއްބަސްވެފައިވާ ގޮތަށް ހުރިހާ ޕާޓީތަކަށްވެސް ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުން ފުރުސަތު ދެއްވިއެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވީއިރު އެއްބަސްވެފައިވާ އުސޫލާއި ހިލާފުވެ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކަށް ސްލޮޓްތައް ގެއްލިފައެވެ.
މީގެ އިތުުރުން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ވަރަށް އިހުތިރާމް ކުޑަކޮށް ކޯލިޝަން ލީޑަރުންނަށްވެސް ބަސްތައް ރައްދު ކުރައްވައެވެ. އަދި ކޯލިޝަން ރޫޅާލަން ފާޅުގައި ގޮވާލާ ވެރިކަން ހިންގަން ބޭނުންވަނީ އެމްޑީޕީ އެކަނި ކަމަށްވެސް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެފައިވެއެވެ.
ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމަށް ފާޑުވިދާޅުވަމުން، އެމްޑީޕީގެ މާފަންނު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމަކީ އެމްޑީޕީ އުފެދިގެން އައި ހަގީގީ އަސާސް ކަމަށެވެ. ރައްޔިތުން އުޅޭ ބިކަ ހާލެއް އެންމެ ހިނދު ކޮޅަކަށް ވެސް ކައްސާ ނުލައްވާ ކަމަށެވެ.
އެއަށްފަހު މުޅީން ވާހަކަ ބަދަލު ކޮށްލައްވާ ގެދޮރުވެރިކަމުގެ ވައުދު ނުފުދި އޮތް ގޮތުން ނަޝީދު ވަނީ އެމްއާރްއެމްގެ ބޮލުގައި އަޅުވާފަ އެވެ. ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރު ދިޔައީ ހައުސިން އެމްއާރްއެމްގެ އަތުގައި އޮވެ ކަމަށެވެ. އެއީ "ދަންތުރަ" އެއް ކަމަށް ވިދާޅުވެ އެކަމުން މިހާރު އަރައިގަނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ އެމްއާރުއެމްގެ ބޭފުޅަކު، ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ތަސައްވުރެއް އަދި ހިނގާންޖެހޭ އިޖުރާއަތްތަކެއް މާކުރީގައި ވެސް ބަޔާންކުރި، މާ ސާފުކޮށް ކިޔާދިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެތި އެ 'ދަންތުރަ' އިން އަރައިގަތުމަށް. އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.