ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިއްރުކަން ގެއްލުނަސް ވޯޓް ލެވޭނެ: އީސީ

ވޯޓްގެ ސިއްރުކަން ގެއްލުނު ނަމަަވެސް ރަޖިސްޓްރީވެފައިވާ މީހުންނަށް ރަޖިސްޓްރީވެފައިވާ ތަނަކަށް ވޯޓް ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭނެ 8212 މީހަކު ރަޖިސްޓްރީވެފައި ވެއެވެ. ވޯޓްގެ ސިއްރުކަން ގެއްލެނީ ވޯޓު ލާން ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުންނެވެ. ވޯޓް ފޮއްޓަކަށް އެހެން ދާއިރާއެއްގެ ވޯޓް ލާން އެންމެ މީހަކު ރަޖިސްޓްރީވެއްޖެނަމަ އެ ވޯޓްގެ ސިއްރުކަން ގެއްލުނީ އެވެ.

ކޮމިޝަނުން ވަނީ ވޯޓު ލާން ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު އާންމު ކޮށްފަ އެވެ. އެ ލިސްޓްގައި 8212 މީހެއްގެ ނަަން ހިމަނާފައިވާއިރު އަލުން ރީ ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލި އެވެ. އިއްޔެ އެ ފުރުސަތު ހުޅުވާލީ 24 ގަޑިއިރަށެވެ.

ކޮމިޝަންގެ ރަައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ވޯޓްގެ ސިއްރުކަން ގެއްލުނަސް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް އެމީހަކަށް ވޯޓް ލާން ފުރުސަތު ދޭނެ ކަމަށެވެ. ވޯޓް ސިއްރު ނުވާނަމަ އެމީހަކަށް ވޯޓް ނުލެވޭނެ ކަމަށް ބައެއް މީހުން ވާހަކަ ފަތުރަމުންދާ ކަމަށާ ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެން އެފަދަ ވާހަކަތަކަށް ސަމާލުވެ ލެއްވުމަށް. ވޯޓްގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓް ލެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.