ރާއްޖެ ކުޅިވަރު

ނިއު އަތުން ޕޮއިންޓެއް ހޯދަންޖެހޭ: އިގްބާލް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ޗެމްޕިއަން ނިއުރޭޑިއަންޓް އަތުން އެންމެ މަދުވެގެން ޕޮއިންޓެއް ހޯދަންޖެހޭ ކަމަށް ވެލެންސިއާއިން ބުނެފި އެވެ.

ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ފުލުން ދެ ވަނާގައި އޮތް ޓީމުގެ ކޯޗު މުހައްމަދު އިގްބާލް ބުނީ ވެލެންސިއާ މިހާރު އޮތް ފޯމަށް ބަލާއިރު އެއީ ނުކުރެވޭނެ ކަމެއްނޫން ކަމަށެވެ.

"ނިއު އަކީ އެންމެ ގަދަ އެއް ޓީމު. އެމީހުންނަކީ އެންމެ މޮޅު ޓީމޭ ވެސް ބުނެވިދާނެ. އެކަމަކު ވެލެންސިއާ މިހާރު އޮތީ ރަނގަޅު ފޯމެއްގައި. މިދިޔަ ތިން މެޗަށް ބަލާއިރު ބީޖީ އަތުން ބަލިވި ނަމަވެސް މި ތިން މެޗުގައި ވެލެންސިއާ ވަރަށް ރަނގަޅަށް ކުޅުނު. އެހެންވީމާ މި މެޗުން ޕޮއިންޓެއް ހޯދަން ޖެހޭ،" އިގްބާލް ބުންޏެވެ.

ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު ވެލެންސިއާ އަށް ނުވަ ޕޮއިންޓް ލިބިފައިވުމުން އެ ޓީމު އޮތީ ޕްލޭއޯފް ކުޅެންޖެހޭ މަގާމެއްގަ އެވެ. އެއީ ޓޭބަލުގެ ފުލަށް ޓީމު ރެލިގޭޓްވެ، ދެ ވަނަ އަށްދާ ޓީމު ދެ ވަނަ ޑިވިޝަނުގެ ރަނަރަބް ޓީމާއެކު ޕްލޭއޯފް ކުޅެން ޖެހޭތީ އެވެ.

މި މެޗަށް ނުކުންނައިރު ނިއު އޮތީ 23 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. އެއީ ދެ ވަނާގައިވާ ޓީސީ އަށްވުރެ ފަސް ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ.