ބޭންކް އޮފް މޯލްޑިވްސް

އީއައިބީ ކޮވިޑް ރިލީފް ލޯނު ހުއްޓާލައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) ކޮވިޑް ރިލީފް ލޯނު ބަލައިގަތުން ހުއްޓާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރެވުނު އީއައިބީ ކޮވިޑް ރިލީފް ލޯނަށް ކަނޑައަޅާފައިވާ އަދަދު ހަމަވުމުން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ހުއްޓާލައިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ދެފަހަރެއްގެ މަތިން މި ލޯނަށް އެދި ހުށަހެޅުމަށް ހުޅުވައިލި އެވެ. ފުރުތަމަ ފުރުސަތުގައި ލޯނަށް އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ކޮވިޑް ރިލީފް ފަންޑުގައި އިތުރު ފައިސާ ހުރުމާއިއެކު އަލުން އިތުރު ފުރުސަތަކަށް ވަނީ ހުޅުވާލައިފަ އެވެ.

ދެވަނަ ދުރުސަތަށް ހުޅުވާލައިފައި ވަނީ މިމަހުގެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން އެ ފުރުސަތު ބެންކުން މިވަނީ ބަންދު ކޮށްފަ އެވެ.

ލޯނުގެ ގޮތުގައި 15.42 މިލިއަން ރުފިޔާ ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މި ސްކީމްގައި އިންޓްރެސްޓް ދައްކަންޖެހެނީ ހަ ޕަސެންޓަށްވުރެ ކުޑަކޮށެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށް ބެންކުން މައުލޫމާތު ދެއެވެ.