ރާއްޖެ ކުޅިވަރު

ނިއުގެ ކުޅުންތެރިން ޒިންމާދާރުވާނެ. ވެލެންސިއާއަކީ އުނދަގޫ ޓީމެއް: ކޯޗު

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު އެއީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި ނަމަވެސް ނިއުގެ ކުޅުންތެރިންނަކީ ޒިންމާދާރު ބައެއް ކަމަށް އެޓީމުން ބުނެފި އެވެ.

ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ ނިއު އެންމެ ފަހުން ކުޅުނު މެޗުގައި ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫ އަތުން 2-1 އިން މޮޅުވި ނަމަވެސް އެ މެޗުގައި މާބޮޑަށް ފަސޭހަކޮށްލެވުނު ކަމަށް ކުޅުންތެރިން ގަބޫލު ކުރާ ކަމަށެވެ.

"އަހަރެން މަހިބަދޫ މެޗަށް ފަހު ކުޅުންތެރިންނާ ވާހަކަ ދެއްކިން. ހުރިހާ ކުޅުންތެރިން ވެސް އެއްބަސްވޭ އެ މެޗުގައި މަހިބަދޫ އަންޑައެސްޓިމޭޓް ކުރެވުނު ކަމަށް. ހާއްސަކޮށް ފުރަތަމަ ދެ ގޯލަށް ފަހު. އޭގެ ފަހުން ކުޅުމުގެ ތެރެއަށް ނުވަދެވޭ ކަމަށް ކުޅުންތެރިން އެއްބަސްވި،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އެ މެޗުގައި ފެނުނު އެކަންތައްތައް ވެލެންސިއާ މެޗުގައި ތަކުރާރު ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"އަހަރެންގެ ކުޅުންތެރިންނަކީ ޒިންމާދާރު ބައެއް. އަހަރެން އުއްމީދު ކުރަނީ އެ މިސްޓޭކްތައް ރިޕީޓްނުވާނެ ކަމަށް. ވެލެންސިއާ އަކީ ބަލިކުރަން ވަރަށް އުނދަގޫ ޓީމެއް. މި ލީގުގައި ކޮންމެ ޓީމެއް ވެސް ވަރުގަދަ،" 23 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ނިއު ޓޭބަލުގެ ކުރީގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރާ ޓީސީ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މި މެޗަށް ނުކުންނައިރު ވެލެންސިއާ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެ ޓީމު އޮތީ ޓޭބަލުގެ ހަތް ވަނާގަ އެވެ.